ހަބަރު

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށް ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން މަޖިލިސް ޕްރައިމަރީއަށް ހުޅުވާލާފައިވާ ކަމަށާއި، ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމް ބަލައިގަންނަ ސުންގަޑިއަކީ މި މަހުގެ 19 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، މިހާރުވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ނިންމާފައިވާ ކެންޑިޑޭޓުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއަށް ވެއްދުމަށްވެސް ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރަތަމަ އެއްބަސްވީ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލީހަށް ވާދަކުރުމަށެވެ. އެގޮތުން ކޮންމެ ޕާޓީއަކުން ވެސް ސަރުކާރުގައި ހިއްސާވާ ވަރަށް ގޮނޑި ބަހާލުމަށް ކުރިން ނިންމި އެވެ. އެހެން ނަމަވެސް އެމްޑީޕީން ފަހުން ވަނީ ހަތަރު ލީޑަރުން އެއްބަސްވެފައިވާ އެއްބަސްވުމެއް ނެތް ކަމަށް ބުނެ މަޖިލީހުގެ 87 ދާއިރާއަށް ވެސް ވާދަ ކުރުމަށް ނިންމާފަ އެވެ.

އެގޮތަށް ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ. ރައީސް ނަޝީދު ވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމާ އެކަން އިއުލާން ކުރައްވާފަ އެވެ.