ހަބަރު

ނޫސްވެރިކަމުގެ އިނާމް ހަފްލާގައި ފުރަތަމަ ފަހަރަށް ރައީސަކު ބައިވެރިވެވަޑައިގަންނަވަނީ

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. މިއީ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާއަށް ރައީސްއަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހޯމް މިނިސްޓްރީގެ ދަށުން މީޑިއާ ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާ އޮތީ އަންނަ އަނގާރަ ދުވަހުގެ ރޭ އެވެ. އެ ހަފްލާގައި ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަ ކުރުން ވެސް އޮންނާނެ އެވެ.

އެމްއެމްސީއިން ނޫސްވެރިކަމުގެ އިނާމް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އެ އިނާމް އަންނަނީ ދެމުންނެވެ. މީގެކުރިން ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަތަރު ހަފުލާގައި ވެސް ރައީސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެންމެ ފަހު ދެ ހަފުލާގައި ހޯމް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މުހައްމަދު ޖަމީލް ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު ވެސް ބައިވެރިވެވަޑައިގަތެވެ.

ނަމަވެސް މި އަހަރުގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސަރުކާރުގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. މި ހަފުލާއަކީ ނޫސްވެރިންގެ އަގު ވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ހަފުލާ އެވެ.

ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށް ދެއްވައި، ނޫސްވެރިންނާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބާއްވާ އިނާމް ދިނުމުގެ ހަފުލާގައި އަށް ދާއިރާއަކުން ނޫސްވެރިންނަށް އިނާމް ދިނުމަށް ހަމެޖެހިފައިވެ އެވެ. އެއީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔާފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އަދި ފީޗާ ލިއުމުގެ ދާއިރާ އެވެ. އޭގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

އިނާމްގެ އިތުރުން ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން "އަލި މަސް ޝަރަފު ގަލަން" އާއި "އަލިމަސް ގަލަން" އަދި "ރަން ގަލަން" ދިނުމަށް ނިންމާފައިވެ އެވެ. ރާއްޖޭގެ ނޫސްވެރިކަން ފެށުނު ދުވަސް ކަމުގައި ބަލަނީ ރާއްޖޭގެ ފުރަތަމަ ނޫސް ކަމަށްވާ "ސަރުކާރުގެ ހަބަރު" ނެރެން ފެށި ދުވަހެވެ. އެ ދުވަހަކީ 1943 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފާހަގަކޮށް "ރަން ގަލަން" އަދި "ރިހި ގަލަން" ދެއްވާފައިވެ އެވެ.