ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރަކާ ނުލާ ވެސް ނޫސްވެރިކަން އޮތުން މާ މުހިންމު: ރައީސް

Dec 12, 2018
3

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ޓަކައި، ނޫސްވެރިކަމަކާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަމެއް އޮތުން ވެސް މާ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް އަލިމަސް ޔޫބީލް ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދައުލަތް ހަމަ މަގުން ގެންދެވޭނީ ނޫސްވެރިކަމުގެ މިނިވަންކަން އޮވެގެން ކަމަށާއި މި ސަރުކާރުން ނޫސްވެރިންނަކީ ހަތުރުންގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ޑިމޮކްރަސީއެއްގައި ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ގާނޫނެއްގައި ލިޔެފައި ނެތަސް ނޫސްވެރިކަމަކީ ރައްޔިތުންގެ ހައްގުތައް ފުރިހަމަޔަށް ހޯދައިދިނުމަށް އެންމެ ގަދަ ބާރު ކަމަށެވެ.

"މިނިވަން ނޫސްވެރިކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސް. މި ސަރުކާރު ދެމި އޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައި. އަދި، މި ސަރުކާރު ކުރިއަށް ދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައި. ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި މާ މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނޫސްވެރިން ސަރުކާރަށް ފާޑުކިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފާޑު ކިޔާ ނޫސްވެރިންނާއި މީޑިއާތަކުގެ ފަހަތުން މި ސަރުކާރުން ނުދުވާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ގާނޫނީ އެކި މަޅިތަކުގައި ނޫސްވެރިން ޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ބިލެއްގެ ގޮތުގައި އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ހެއްދެވީ ވެސް އެ އަޒުމުގައި ކަމަށެވެ.

"ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން، ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާހޖައުލެއް ގާއިމުވެގެން ދިޔައީ، މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ހިސާބުން. އެހެން ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން، ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމަކީ ސަރުކާރުން ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ސަރުކާރުން ނިމުމަކަށް ގެންނާނެކަމުގެ އުފާވެރި ހަބަރުވެސް ރައީސް މިރޭ ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތައް ރެގިއުލޭޓް ކުރުމުގައި ދުނިޔޭގެ ޑިމޮކްރަސީތަކުގައި ވެސް އޮންނަނީ، ސެލްފް ރެގިއުލޭޓް ނިޒާމެއް ކަމަށެވެ. ދިވެހި ނޫސްވެރިކަމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ، ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވާހަކަ ނިންމަވާލެއްވީ، ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރައްވަމުން އެވެ. ރައީސް ވިދާޅުވި ގޮތުގައި ނިމި ދިޔަ ސަރުކާރުގެ ފަސާދަ އާއި އަނިޔާވެރިކަމާ ދެކޮޅަށް ނޫސްވެރިން ކުރީ، ސެލިއުޓް ނަގަން ޖެހޭ ވަރުގެ ޖިހާދެކެވެ.