ހަބަރު

އުންމީދީ ނޫސްވެރިޔާގެ އެވޯޑާ އެކު އަވަސްއަށް ތިން އެވޯޑް

Dec 12, 2018
1

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑާ އެކު ނޫސްވެރިކަމުގެ ދާއިރާގެ ފަހުރުވެރި ތިން އެވޯޑެއް "އަވަސް"ގެ ނޫސްވެރިން ހާސިލްކޮށްފި އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް އާއި ނޫސްވެރިކަމުގެ އެވޯޑްތައް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ، އަވަސްގެ އެސިސްޓެންޓް އެޑިޓަރު ނާޒިމް ހަސަން އެވެ.

ސިޔާސީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގެ ރޮގުން ވެސް އެވޯޑް ހާސިލް ކުރީ އަވަސްގެ ސީނިއާ ޖާނަލިސްޓް މޫސާ ރަޝީދެވެ. އޭނާ އެ އެވޯޑް ހާސިލް ކުރީ މިހާރުގެ ފަޒީނާ އަހުމަދާއި އަވަސްގެ ނާޒިމް ހަސަންއާ ވާދަކޮށްގެން އެވެ. މީގެ ކުރިން، 2016 ވަަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެެރިޔާގެ އެވޯޑް ވެސް މޫސަ ވަނީ ހާސިލްކޮށްފަ އެވެ.

މީގެ އިތުރުން، ކުޅިވަރު ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގެ ރޮގުން ވެސް އަވަސްގެ ނޫސްވެރިޔާ އިސްމާއިލް ހަބީބު، އޯޒޯންއަށް ވަނީ ރޭ އެވޯޑް ލިބިފަ އެވެ. އޭނާއާ އެކު އެ ކެޓަގަރީގައި ދެން އެވޯޑްގައި ވާދަކުރި، މިހާރު ނޫހުގެ ސްޕޯޓްސް ޖާނަލިސްޓް އައްޒާމް އަލިފުޅަށް ލިބުނު މާކްސް އެއްވަރުވުމުން އޭނާއަށް ވެސް ވަނީ ކުޅިވަރުގެ ދާއިރާއިން އެވޯޑް ލިބިފަ އެވެ.

އެންމެ މޮޅު ފީޗާ ލިޔުމުގެ ކެޓަގަރީ ނޫން ހުރިހާ ދާއިރާއަކުން، "އަވަސް"ގެ ނޫސްވެރިން ވަނީ ނޮމިނޭޓް ވެސް ވެފަ އެވެ. އެ ކެޓަގަރީއަށް އަވަސްއިން ވާދަ ވެސް ނުކުރެ އެވެ.

ފީޗާ ކެޓަގަރީގެ އެވޯޑް ހާސިލް ކުރީ މިހާރުގެ ނޫސްވެރިޔާ އާމިނަތު ޝިފްލީން އެވެ. އޭނާ އެ ވޯޑް ގެންދިޔައީ، "މިހާރު"ގެ އާސިމާ ނިޒާރު އަދި އާސިޔަތު މުހައްމަދު ސައީދުއާ ވެސް ވާދަކޮށްގެން އެވެ.

ކޯޓް ނޫނީ ޝަރުއީ ދާއިރާ ކަވަރުކުރުމުގެ ރޮގުން އެވޯޑް ހާސިލް ކުރީ، "މިހާރު" ނޫހުގެ މުއިއްޒު އިބްރާހިމް އެވެ. އޭނާއާ ވާދަކުރީ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ވެސް ލިބުނު އަވަސްގެ ނާޒިމް ހަސަން އެވެ. ވިޔަފާރީގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގެ ދާއިރާއިން މިހާރުގެ އަބްދުﷲ ޖަމީލް އަށް އެވޯޑް ލިބުނު އިރު، އޭނާއާ ވާދަކުރީ އަވަސްގެ ބިޒްނަސް އެޑިޓަރު މުހައްމަދު އަފްރާހު އެވެ.

އެންމެ މޮޅު ފޮޓޯ ޗާނަލިސްޓަކަށް ހޮވުނީ، ރާއްޖެޓީވީގެ މުހައްމަދު ޝަރުހާން އެވެ. އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނީ، ޗެނަލް 13ގެ ލަޔާލް މަނިކެވެ. "މިހާރު"ގެ އާމިނަތު ޝިފްލީން އާއި "އަވަސް"ގެ މޫސާ ރަޝީދުއާ ވާދަކޮށް
އިޖްތިމާއީ ދާއިރާ ކަވަރުކުރުމުގެ ބައިން އެވޯޑް ހާސިލް ކުރީ، "މިހާރު"ގެ އަހުމަދު ސާއިލް އަލީ އެވެ.