މީޑިއާ ކައުންސިލުން 2015 ވަނަ އަހަރުން ފެށިގެން ދޭން ފެށި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ނޫނީ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު މިއަހަރު، ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު، ސޯދުބެ އަށް ލިބިއްޖެ އެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސޯދުބެެއަށް ދިނީ، ނޫސްވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވެ. އެ އެވޯޑް ސޯދުބެއަށް އެރުއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.
ސޯދުބެ ނޫސްވެރިކަން ފެއްޓެވީ ރާއްޖޭގައި އެންމެ ފުރަތަމަ ނިކުންނަން ފެށި ރަސްމީ ނޫސް، ސަރުކާރުގެ ހަބަރުގެ ނޫސްވެރިއެއްގެ ގޮތުގަ އެވެ. އެއަށް ފަހު ވިޔަފާރި މިއަދު އާއި މޫންލައިޓްގައި ވެސް ސޯދުބެ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، "ހަވީރު" ނޫހުގެ ފުރަތަމަ އެޑިޓަރަކީ ވެސް އޭނާ އެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ އަޑަށް ވެސް އޭނާ ހިދުމަތް ކުރައްވާފައިވެ އެވެ.
މީގެ އިތުރުން މިރޭގެ ހަފްލާގައި ވަނީ ނޫސްވެރިކަމަށް ގިނަ ދުވަހު ހިދުމަތް ކުރި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އަލިމަސް ގަލަން، އަލިމަސް ޝަރަފުގެ ގަލަން އަދި ނޫސްވެރިކަމުގެ ރަން ގަލަން ވެސް ވަނީ އަރުވައިފަ އެވެ.
އަލިމަސް ގަލަން ހާސިލްކުރެއްވީ، އަށް ބޭފުޅެކެވެ. އެބޭފުޅުންނަަށް އެ ޝަރަފު ހަވާލުކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ރަން ގަލަން ހާސިލްކުރެއްވި ބޭފުޅުން:
- ހަވީރު ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު
- "އާފަތިސް" ނޫހުގެ އެޑިޓަރު އަބްދުﷲ ނައީމް އިބްރާހީމް
- މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު
- ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު
- މުހައްމަދު ސައީދު މޫސާ ވަޖުދީ
- ހޯރަފުށީ މުހައްމަދު ސަލީމް
- ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު
- ވީމީޑިއާގެ އެޑިޓަރެއް ކަމަށްވާ އިމާދު ލަތީފް
މީގެ އިތުރުން ނޫސްވެރިކަން ކުރިއެރުވުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި، އަލިމަސް ޝަރަފުގެ ގަލަން ވެސް ވަނީ ދީފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ހިމެނޭ ގޮތުން އަށް ބޭފުޅަކަށް މިރޭ ވަނީ އަލިމަސް ޝަރަފުގެ ގަލަން އަރުވައިފަ އެވެ.
އަލިމަސް ޝަރަފުގެ ގަލަން ލިބުނު ބޭފުޅުން:
- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް،
- ޑރ. މުހައްމަދު ޒާހިރު ހުސެއިން
- އައްބާސް އިބްރާހީމް
- ސީނާ އަހުމަދު ޒާހިރު
- އިބްރާހީމް ރަޝީދު މޫސާ
- އަބްދުﷲ ސޯދިގު (ސޯދުބެ)،
- ކޮޕީ މުހައްމަދު ރަޝީދު
- އަބްދުﷲ ފާރޫގު ހަސަން
ނޫސްވެރިކަމުގެ ރަން ގަލަން ވެސް ނުވަ ބޭފުޅަކަށް މިރޭ އެރުވި އެވެ. އެބޭފުޅުންގެ ތެރޭގައިވެސް ހިމެނެނީ ނޫސްތަކުގެ އެޑިޓަރުކަން ކުރެއްވި ބޭފުޅުންނާއި ގިނަ ދުވަހު ނޫސްވެރިކަމުގައި އުޅުއްވި ބޭފުޅުން އެވެ.
ރަންގަލަން ލިބިލެއްވި ބޭފުޅުން:
- "އާފަތިސް"ގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު
- ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް
- "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު
- "މިހާރު"ގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން
- "ސަން އޮންލައިން"، "ވީނިއުސް" އަދި "އަވަސް"ގެ އެޑިޓަރުކަން ކުރެއްވި އާދަމް ހަލީމް (މުންޑޫ)
- ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯއަކަށް ހުސެން ފިޔާޒު މޫސާ
- ސީއެންއެމްގެ ބާނީ އިސްމާއީލް ރަޝީދު
- "ހަވީރު" އަދި "މިހާރު"ގެ ސީނިއާ އެޑިޓަރުކަން ކުރެއްވި އަހުމަދު އަބްދުﷲ ސައީދު
- "މިހާރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު ހަސަން އާމިރު
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް އަބްދުލްމުއީދު ހަސަން ވިދާޅުވީ، ނޫސްވެރިކަމަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އެ ޖަމްއިއްޔާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށް އެފަރާތްތަކުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.