މީހުން

ދިވެހި ކަސަބު އަތުކުރިއަށް ގެނެސްދިން ހިދާނާ

ދިވެހި ލިބާހަކީ ރާއްޖޭގައި އަންހެނުން އެޅި ހެދުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހެދުމެކެވެ. އިހުޒަމާނުގެ ދިވެހިން އެޅި މި ރީތި ހެދުމުގެ ޑިޒައިން އާއި ކުލަތައްވެސް ބޭނުންކުރި ގޮތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތެވެ. ލިބާހުގެ ރީތިކަން އަންނަނީ އެ ހެދުމުގެ ބޯވަޅުގައި އަޅާފައި އޮންނަ ކަސަބު ގަނޑުންނެވެ. ހިރި އާއި، ބަގިޔާ އަދި ރޮދިގަނޑުގެ ތަފާތު ޑިޒައިންތަކުން ޖަރީކުރި ދިވެހި ލިބާހުގެ ބޯވަޅަކީ ދިވެހި އަންހެނުން ކުރި ސާދާ ރީތި މަސައްކަތެއްގެ މިސާލެވެ. މިއަދު ލިބާހުގައި ކަސަބުގެ ބަދަލުގައި ރަން ރޭނދާތައް އަޅައިގެން ނަލަކުރިޔަސް މި މަސައްކަތް ރާއްޖެއިން މުޅިން އުވި ނުދިޔުމަށް އަތުކުރި އޮޅާލި އެކަކީ އުމުރުން 40 އަހަރުގެ، ހިދާނާ ލަތީފެވެ. އާއްމު ނަމުންނަމަ ހިދާ އެވެ.

މާލޭގައި ބޭއްވި ލިބާސް ފެހުމާއި ކަސަބު ގެތުން ދަސްކޮށްދިނުމުގެ ކޯހެއްގައި ބައިވެރިވެ ކަސަބު ގެތުމުގެ މަސައްކަތް 2017 ގައި ދަސްކުރި ހިދާ ބުނިގޮތުގައި މި މަސައްކަތަކީ އޭނާ ކުޑައިރުވެސް ގާތުން ދެކެމުން އައި މަސައްކަތެކެވެ. އޭނާގެ ޝައުގު މި މަސައްކަތުގެ ތެެރެއަށް ދޫވެގެން އައީ ދުރު ހަދާންތަކުގެ ތެރެއިން އެވެ. ހިދާގެ ބުނި ގޮތުގައި މި މަސައްކަތް ފަށަން އޭނާގެ ހިތުގައި އަޒުމް ކަޑައެޅީ މުނި މާމާ ކަސަބު ގެތުމުގެ މަސައްކަތް ކުރާތަން އޭނާއަށް ފެނުނު ހިސާބުން އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާ އިނީ ފަރުވާތެރި ކަމާ އެކު މުނި މާމަގެ އެ މަސައްކަތް ބަލާށެވެ. އެ މަސައްކަތުގެ ތެރެއަށް އޭނާ ވައްދައިދިނީ އެ ދުރު ހަދާންތަކެވެ.

"ވަރަށް ކުޑައިރުން ފަށައިގެން އާއިލާ ތެރޭގައި ކުރަމުން އައި ކަމެއް އެއީ. މުނި މާމަ އިންނާނެ ގަތާފައި ކައިރީ ކަސަބު ގަތަން. ގޭގެ އެހެން ކުއްޖެއް އަތަށްވެސް ނުދޭނެ، އެކަމަކު އޭރުވެސް އޭގެން ގަތަން ބައެއް ފަހަރު ހިދާ އަތަށް ދޭނެ ގަތަން. އޭގެ ފަހުން، މިދިޔަ އަހަރު ނޮވެމްބަރު ހިސާބުގައި ފެނުނީ ލިބާސް ފަހާށާއި ކަސަބު ގަތަން ދަސްކޮށްދޭ އިސްތިހާރެއް. އިސްތިހާރު ފެނިގެން އެ ކޯހުގައި ބައިވެރިވީ. ދެން އޭގެން މި މަސައްކަތް ރަނގަޅަށް ދަސްކުރީ" ހިދާއަށް
އެކަމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.

ހިދާބުނި ގޮތުގައި ކަސަބު ގެތުމަކީ ހަގީގަތުގައި ކިހާ އުނދަގޫ މަސައްކަތެއް ކަން އެ ކޯހުން އޭނާއަށް ބުނެދިނެވެ. ގދ. ތިނަދޫ އައިޝަތު ދީދީ މާލޭގައި ހިންގި ކޯސް ނިމުމުން، ހިދާ ވަގުތުން ކަސަބު ގަތަން ފެށީ އެއް ނޫނެވެ. ކޯހަށްފަހު ލިބާހާ ކަސަބު ގެތުމުގެ ބޮޑު ރިސާޗެއް އޭނާ އަމިއްލައަށް ހެދި އެވެ. އަބްދުﷲ ސާދިގު (ސޯދުބެ) އާއި އަންނަބީލާ ހަބީބާ ހުސައިން ހަބީބުގެ އަރިހުން މިކަމާ ގުޅުންހުރި އެތައް މައުލޫމާތުތަކެއް އޭނާ އެއްކުރި އެވެ. އެކަމުގެ އެންމެ ފުނަށް އޭނާއަށް ވަދެވުމާ އެކު އަޒުމް ކަނޑައެޅީ ދިވެހިންގެ ހުނަރު ފެންނަ މި މަސައްކަތް އުވިގެން ނުދާނޭ ގޮތްތަކެއް ހޯދުމަށެވެ.

އެކަމަށް އޭނާ ހޯދީ ޒަމާނީ ހިޔާލެކެވެ. ކަސަބުގެ އަސްލު ނުގެއްލޭނެ ގޮތަށް، ރީތި ކުލަތަކުން ކަސަބު ގަތާފައި ލެދާ ކޮޅެއްގައި ހަރުކޮށްގެން އަތުގަ އަޅާނެ އުޅާ ތައްޔާރު ކުރަން ފެށީ އެވެ. އެ ތަކެއްޗާ އެކު އޭނާ އިންސްޓަގްރާމުގައި 'ކަސަބު ބައި ހިދާ'ގެ ނަމުގައި އޭނާގެ ހުނަރު ދައްކަން ފެށީ އެވެ. ތަފާތު ހަތަރު ވައްތަރަކަށް ކުލަތައް ގުޅުވައިގެން ހެދި މި ތަކެއްޗަށް ޒުވާނުންގެ ތަރުހީބު ބަންޑުން ވާންފެށީ އެވެ. އަތުގައަޅާ އެއްޗެހިތައް ގަތުމަށް ފުލުފުލުގައި އޯޑަރުތައް ލިބި، ރާއްޖޭގެ ތިން ރިސޯޓަކަށްވެސް މިހާރު ހިދާގެ މި މަސައްކަތް ވަނީ ބަލައިގަނެ ޓޫރިސްޓުންނަށް ވިއްކަން ފަށައިފަ އެވެ. ދިވެހި ނަންތަކެއް ދީފަހުރި ހިދާގެ މި ކަލެކްޝަންގައި ހިމެނެނީ ތަފާތު ހަތަރު ވައްތަރެކެވެ.

  • ގޮމަ: ލިބާހުގެ އެކި ކުލަތައް
  • ފޭލި: ފޭލީގެ އެކި ކުލަތައް
  • ރާޅު: ކަނޑާއި މޫދުން ފެންނަ ކުލަތައް
  • ދޯދި: އިރުގެ ދޯދިތަކުން ފެންނަ ކުލަތައް

ހަމަ އެކަނި ގެސްޓު ފިހާރަ ތަކާއި ރިސޯޓު ތަކުގައި ޓޫރިސްޓުންނަށް މި ތަކެތި ވިއްކައިގެން ހިދާ މަޑުން އިންނާކަށް ބޭނުމެއް ނުވި އެވެ. ބަދަލުގައި ހިދާ ބޭނުންވީ ރާއްޖޭގެ ޒުވާނުންގެ އަތުން ވެސް އޭނާގެ މި މަސައްކަތް ފެންނާށެވެ.

"އާއްމުކޮށް ކަސަބުގެ މަސައްކަތް ކުޑަކޮށްވެސް މި ފެންނަނީ ހާއްސަ ދުވަހަކު ހަފްލާއެއްގައި، އަސްލު ވަރަށް މަދުން ފެންނާނީ. އަދި މިހާރު ލިބާސްތަކުގައި އަޅާފައި ހުންނާނީ ގަނެފަ ހުންނާ ރޭނދާ، އެއީ ކަސަބެއް ނޫން. އެހެންވީމަ އަބަދުވެސް ބޭނުންވީ ކަސަބު ވިއުމުގެ ހުނަރު އާންމުކޮށް މީހުންނަށް ބޭނުން ކުރެވޭނެ އެއްޗަކަށް ބަދަލު ކުރަން. އެގޮތުން އާންމުކޮށް މީހުންނަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެއް ހަދަން ހިޔާލު ކުރީ،" ކަސަބު ގަތައިގެން އަތުގަ އަޅާ އެއްޗެއް ހެދުމުގެ ހިޔާލު އައިގޮތް ހިދާ ކިޔައިދިނެވެ.

ލިބާހުގެ ބޯވަޅުގައި ކަސަބު އަޅާފައި ހުންނައިރު ކިތަންމެ ރީތިވިޔަސް، މިއީ ވަރަށް އުނދަގޫ ބުރަ މަސައްކަތެކެވެ. މި ރީތި ވިދާ ޑިޒައިންތައް ގެންނަން އެތައް ގަނޑިއިރެއް ހޭދަކުރަން ޖެހެ އެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަމުން ވެސް ހިދާ އެކަމަށް ވަގުތު ހުސްކުރަނީ އެކަމަށް އޮތް ޝައުގުވެރިކަމާއި ލޯބީގަ އެވެ. ހިދާގެ މިހާރުގެ ބޮޑު އުންމީދެއް ވެސް އެބަ އޮތެވެ. ހިދާ ދެކޭ ހުވަފެނަކީ ކަސަބު ގެތުމުގެ މަސައްކަތް ދަސްކޮށްދޭނެ އޭނާގެ އަމިއްލަ ޓްރެއިނިން ސްކޫލެއް ހުޅުވުމެވެ.

"މި މަސައްކަތް އެއްކޮށް އުވިގެން ނުދިޔުމަށް ޓަކައި، އަހަންނަން ކުރެވެން ހުރި އެންމެ ބުރަ މަސައްކަތް ކުރާނަން. އެންމެ އުފާވަނީ ކަސަބުން ވިޔެފައި ހުންނަ އެއްޗިއްސަށް ޒުވާނުން ވެސް ހިއްކިޔާތީ. އޭގެން އިނގެނީ ދިވެހި ވަންތަ މަސައްކަތްތައް ވެސް އެ ގޮތުގައި ކޮށްފި ނަމަ ޒުވާނުން އެކަން ބަލައިގަންނާނޭ،" ހިދާ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އޭނާ ގައުމަށް ކޮށްދޭ މަސައްކަތެކެވެ. މި މަސައްކަތުން މާކަބޮޑު އެއްޗެއް އޭނާއަށް ނުލިބުނަސް، ދިވެހިންގެ ގަދީމީ ހުނަރުވެރި މަސައްކަތެއް މަރުނުވެ ބޭއްވުމަކީ ހިދާގެ އުފަލެއް ކަމުގައި ހުރީ ބަލައިގެން އެވެ.