ގައުމީ އެއާލައިންއާ މެދު އާންމުންގެ ޝައްކުވާ ނެތް އިރެއް ނުދެ އެވެ. ފްލައިޓްތައް ޑިލޭވެ އެއާޕޯޓްގައި އެތައް އިރަކު ތިބެން ޖެހުމާއި ބޯޓްތަކުގެ އިންފްލައިޓް ހިދުމަތްތައް ދަށްވުން އަދި މޯލްޑިވިއަންއިން ކޯލްތަކަށް ޖަވާބު ނުދޭ ޝަކުވާތައް އޮންނަނީ ފުނި ޖެހިފަ އެވެ. މީގެ އިތުރަށް މޯލްޑިވިއަންގެ ޕައިލެޓުންނާއި ކެބިންކްރޫއިންގެ ޝަކުވާތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މިއީ ކޮންމެ ސަރުކާރެއްގައި ވެސް، ގައުމީ އެއާލައިން، މޯލްޑިވިއަންއާ މެދު މީހުން ދެކޭ ގޮތެވެ. މައްސަލަ ބޮޑު ހިދުމަތުގެ ފެންވަރު އެންމެ ދަށް އެއާލައިންގެ ޓެގް ދިވެހިން އަޅުވަނީ މޯލްޑިވިއަންގަ އެވެ.
"ރައްޔިތުން ކުރާ ޝަކުވާތަކުގައި ހަގީގަތުގައި މި ކުންފުނީގެ މައްސަލަތަކެއް ވެސް އެބަ ހުރި. މިސާލަކަށް މިތަނުގެ ކަސްޓަމާ ސާވިސް. ފްލައިޓްތައް މާބޮޑަށް ޑިލޭވުން. ދެން އިންފްލައިޓްގެ ހިދުމަތްތަކުގައި ވެސް ރަނގަޅު ކުރެވޭނެ ކަންކަން އެބަ ހުރި. އަޅުގަނޑުގެ ޗެލެންޖަކަށް ވެފައި މި އޮތީ މި ހުރި ޒަމާންވީ ޝަކުވާތައް ރަނގަޅު ކުރުން. އެ ޗެލެންޖް އަޅުގަނޑު ނަގާނަން. އެއީ ރަނގަޅު ނުކުރެވޭނެ ކަންކަމެއް ނޫން. ރަނގަޅު ކުރެވޭނެ،" މޯލްޑިވިއަންގެ އާ އެމްޑީ މުހައްމަދު ރިޒްވީ، އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވި އެންމެ ބޮޑު ވާހަކައަކީ މިއެވެ.
ކަސްޓަމަރުންގެ ޝަކުވާތަކަށް ކޯލް ސެންޓަރެއް
މޯލްޑިވިއަންގެ އެންމެ ބޮޑު ބަލިފަޔަކަށް ވީ އެ އެއާލައިންގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލުނުކޮށް ޝަކުވާ ކުރާ ކަސްޓަމަރުގެ ކުށް ދެއްކުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ. އެކަމަކު އެ ކުންފުނީގެ އާ އެމްޑީ މި ވަނީ، ކަސްޓަމަރުންގެ ޝަކުވާތަކުގައި އެ އެއާލައިނުން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެމްޑީ ރިޒްވީ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ރަނގަޅު ކުރުމުގެ ގޮތުން ބައެއް ޑިޕާޓްމަންޓްތައް މިހާރު ވަނީ ރީސްޓްރަކްޗާ ކޮށްފަ އެވެ. އެގޮތުން ޓިކެޓިން އެންޑް ރިޒަވޭޝަން ޑިޕާޓްމަންޓް މުޅިން ވަކިކޮށްލައި ޕީއާރު ޑިޕާޓްމަންޓެއް އުފައްދައި އަދި ކަސްޓަމަރުންގެ ކޯލްތަކަށް ޖަވާބު ދިނުމަށް ކޯލް ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި ފްލައިޓްތަކުން ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އިންފްލައިޓް ހިދުމަތްތަކަށް ހާއްސަ ޑިޕާޓްމަންޓެއް އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމަރު މައްސަލައެއް ޖެހިގެން ވެސް ގުޅާއިރު މިކޮޅުން އެބަ ހުރޭ ފޯނު ނުނަގާ. އެހެންވެ، އަޅުގަނޑުގެ އަމާޒަކަށް
މި ހުރީ މުޅިން ވަކިން އަޅުގަނޑުމެން ޝަކުވާތަކަށް ޖަވާބު ދޭން ޒަމާނީ ކޯލްސެންޓަރެއް ވަކި މުވައްޒަފުންނާ އެކު ހެދުން. އޭރުން ކުއަރީ ތަކަށް ވަގުތުން ޖަވާބު ދޭނެ. މިހާރު ވެއްޖިއްޔާ ޓިކެޓް ދޫކުރަން ތިބޭ ކުދިން އެކަމަށް ވެސް މި ޖަވާބު ދެނީ. ކަސްޓަމަރުންނާ މިހާރަށް ވުރެ ބޮޑަށް ކޮމިޔުނިކޭޝަން ރަނގަޅު ކުރެވުނީމާ ވަރަށް ގިނަ ކަންކަން ހައްލުވާނެ،" ރިޒްވީ ވިދާޅުވި އެވެ.
ފްލައިޓް ޑިލޭތައް މަދުކުރުމުގެ ޕޮލިސީއެއް
އާންމުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ބައެއް ފަހަރު ވެފައި އޮންނަނީ، މޯލްޑިވިއަންގެ ފްލައިޓްތައް މާބޮޑަށް ޑިލޭވެގެން ދިޔުމެވެ. އެހެން ވާން ޖެހޭ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގެ ބިޒީ ޝެޑިއުލް އެވެ. އަނެއްބައި ފަހަރު، ޓޫރިސްޓުން އުފުލަން ޖެހުމުން، ބޭރުގެ ފްލައިޓްތަކުގެ ޑިލޭތަކާ އެއްވަރަށް ބައެއް ފްލައިޓްތައް މަޑު ޖައްސާލަން ޖެހެނީ އެވެ. ރިޒްވީ ވިދާޅުވީ، ފްލައިޓް ޑިލޭތައް އޭވިއޭޝަންގައި އައުމަކީ އެއީ އާންމު ކަމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ވަރަށް ބޮޑަށް ފްލައިޓްތައް ޑިލޭވުމުގެ ޝަކުވާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒްވީ ވިދާޅުވީ ފްލައިޓްތަކުގެ ޑިލޭތައް ކުޑަކުރަން، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ. ރިޒްވީ ވިދާޅުވީ އިންޓަނޭޝަނަލް ކެރިއާގެ ވަގުތުތަކާ މޯލްޑިވިއަން ފްލައިޓްތަކުގެ ޝެޑިއުލްތައް ދިމާކޮށް ބައެއް ބަދަލުތައް ގެނެސްގެން ފްލައިޓް ޑިލޭތައް މިނިމައިޒް ކުރެވިދާނެ އެވެ. އަދި އިންތިހާއަށް ބޮޑަށް ފްލައިޓް ޑިލޭވާއިރު، ކަސްޓަމަރުންނަށް އެކަށީގެންވާ މައުލޫމާތު ދިނުމާއި ދަތުރުވެރިންނާ މެދު ކަންކުރާނެ ގޮތްތައް ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލައިޓް ޑިލޭސް ހުންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެކަން މިނިމައިޒް ކުރުން. އަޅުގަނޑުމެން ބަލާނެ ފްލައިޓެއް ނައްޓާލުމުގެ ކުރިން ފްލައިޓެއްގެ ސަލާމަތީ ކަންކަމާއި ހުރިހާ ކަމެއް. ކިރިޔާ ވެސް މައްސަލައެއް އުޅެންޏާ ނުފުރާނެ. އަޅުގަނޑުމެން ސޭފްޓީ ކޮމްޕްރޮމައިޒް އެއް ނުކުރާނެ. އެއީ ކުރާނެ ކަމެއް ނޫން. އެހެންވެ، އަޅުގަނޑުމެން މި ބަލަނީ ޝެޑިއުލްތަކާ އެެއްޗިއްސަށް ބަދަލުތައް ގެނެސްގެން، އެއާޕޯޓާ ވެސް ވާހަކަ ދައްކައިގެން ކަންތައްތަކެއް ރާވަން ޑިލޭތައް ކުޑަކުރަން،" ރިޒްވީ ވިދާޅުވި އެވެ.
އިންފްލައިޓް ސާވިސްތައް ރަނގަޅުކުރުމުގެ އަޒުމެއްގައި
އޭނާ ވިދާޅުވި ގޮތުގައި، އިންފްލައިޓް ހިދުމަތްތައް މޯލްޑިވިއަންގައި ދަށްކަމުގެ ޝަކުވާ ކަސްޓަމަރުން ކުރާކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ރިޒްވީ ވިދާޅުވީ، މޯލްޑިވިއަން އިން ބަލާފައި ވަނީ، ކުރު ދަތުރުތައް ކަމަށް ވުމުން، ވީހާ ވެސް ހަރަދު ކުޑަކޮށް ދަތުރުތައްކޮށް އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އަދި އެގޮތަށް ވަނީ ވެސް، ބައެއް ކަހަލަ ހަރަދުތައް ކުންފުނީގައި ބޮޑުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ރިޒްވީ ވިދާޅުވީ، ބޯޓްތެރޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދިރާސާއަށް ފަހު، ދަތުރުކުރާ ފަރާތްތަކަށް ބޯޓްގައި ދޭ ކާތަކެއްޗާއި އެހެނިހެން ވެސް ހިދުމަތްތަކަށް ހެޔޮ ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުގެ ޗެލެންޖަކަށް ވެފައި މި އޮތީ މި ހުރި ޒަމާންވީ ޝަކުވާތައް ރަނގަޅު ކުރުން. އެ ޗެލެންޖް އަޅުގަނޑު ނަގާނަން. އެއީ ރަނގަޅު ނުކުރެވޭނެ ކަންކަމެއް ނޫން. ރަނގަޅު ކުރެވޭނެމުހައްމަދު ރިޒްވީ - މޯލްޑިވިއަންގެ އާ އެމްޑީ
"މީގައި ދިމާވާ ދައްޗަކީ އަޅުގަނޑުމެން މި ދަތުރު ކުރަނީ 30 މިނެޓް 40 މިނެޓްސްގެ ދަތުރެއް. އެހެންވެ، އޭގައި މީލްއެއް ސާވް ކުރަން އަޅުގަނޑުމެންނަށް އެބަ އުނދަގޫވޭ. އެކަމަކު އެއްޗެއް ސާވް ނުކުރެވޭނެ ވާހަކައެއް ނޫން. އެކަން ވެސް ރަނގަޅު ކުރެވޭނެ. އެކަމަށް އަޅުގަނޑުމެން މި ދަނީ ސެޓަޕެއް ވެސް ހަދަމުން. އަންނަ އަހަރުގެ ތެރޭގައި އިންފްލައިޓް ސާވިސްތަކަށް ވެސް ރަނގަޅު ބަދަލެއް އަންނާނެ،" ރިޒްވީ ވިދާޅުވި އެވެ.
ވައުދުވަނީ މުވައްޒަފުންނަށް ފަހި މާހައުލެއް ހޯދައިދޭން
ގައުމީ އެއާލައިންގެ ހައިސިއްޔަތުން ވަރަށް މުހިންމު ކަމެއް ނުކުރެވި އޮތް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގައުމީ އެއާލައިންގެ އެންމެ ބޮޑު ރައުސްމާލަކީ، އެ ކުންފުނީގެ މުވައްޒަފުން އެވެ. ރިޒްވީ ވިދާޅުވީ، މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުންފުންޏަށް މަސައްކަތް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، ކުންފުނީގެ ހަގީގީ ތަރައްގީއަކީ އެތަނުގެ މުވައްޒަފުންނަށް ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ހޯދައިދިނުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެކަމުގެ އަޒުމުގައި ރިޒްވީ ހުންނެވިއިރު، އޭނާގެ އިސްލާހީ އެޖެންޑާގައި މުވައްޒަފުންނަށް އެކަށީގެންވާ އޮފީސް މާހައުލެއް ހޯދައިދީ، މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކުންފުނީގެ އެޗްއާރު ޕޮލިސީއަށް ބަދަލުތައް ގެނައުން ވަނީ ހިމަނުއްވައިފަ އެވެ.
"މިތާންގައި މި އުޅެނީ ވަރަށް ޓެކްނިކަލް ޕްރޮފެޝަނަލް ބުރަކޮށް މަސައްކަތް ކުރައްވާ މުވައްޒަފުން. މި ކުންފުންޏަކީ ފައިދާގައި ހިނގާ ކުންފުންޏަކަށްވާއިރު އަޅުގަނޑު ދެކެނީ މިއަށް ވުރެ ރަނގަޅު އޮފީސް މާހައުލެއް ހޯދައިދެވެން ޖެހެޔޭ މުވައްޒަފުންނަށް. ފަސޭހައިން ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ ތަނެއް ހޯދައިދޭން ޖެހޭ. މުވައްޒަފުންގެ ޝަކުވާތައް އަޑުއަހަައިގެން އެ ބޭފުޅުންގެ ހިޔާލާ އެކު އަޅުގަނޑު ކުރިއަށް ދާނީ،" ރިޒްވީ ވިދާޅުވި އެވެ.
ސިޔާސީ ނުފޫޒަކަށް ޖާގައެއް ނުދޭނެ
ރިޒްވީ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަތަނުގައި ކުންފުނީގެ އެކި ނިންމުންތަކުގައި ސިޔާސީ ނުފޫޒުތައް އެބަ ހުއްޓެވެ. އެހެން ނަމަވެސް ރިޒްވީ ވިދާޅުވީ، އެފަދަ ނުފޫޒަކަށް ދެން ޖާގައެއް ނެތެވެ. މޯލްޑިވިއަން ހިނގާނީ ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރީގެ ގޮތުން ނަގަން ޖެހޭ ޕްރޮފެޝަނަލް ޑެސިޝަންތައް ނަގައިގެން ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި މުވައްޒަފުން ވެސް ކޮންމެ ސިޔާސީ ފިކުރެއް ހުއްޓަސް އެއީ މޯލްޑިވިއަންއަށް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މަސައްކަތުގެ މާހައުލަށް ސިޔާސީ ފިކުރު ނުގެނެސް ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ފުރުސަތު މުވައްޒަފުންނަށް ވެސް އޮންނާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.
"މިތަނަށް ސިޔާސީ ވިސްނުމެއް ނާންނާނެ. މިތާންގެ ޕޮލިސީތައް އޮންނާނީ ޕްރޮފެޝަނަލްކޮށް ކުންފުންޏަށް ފައިދާވާ ގޮތަށް. މިތަން ހިންގުމުގައި ސިޔާސީ ނުފޫޒާއި ނާޖާއިޒު ކަންކަމަށް ޖާގައެއް ނޯންނާނެ. މިތަން އެގޮތަށް ހިނގުމަށް ރައީސް ސޯލިހު އާއި ސަރުކާރުން ވެސް އެބަ ޖާގަ ދެއްވާ. މި ކުންފުނީގެ ފައިދާއަށް މުވައްޒަފުންނަށް އޭގެ ފައިދާވާ ގޮތަށް މުސްތަގުބަލަށް ރަނގަޅަސް ބަލައިގެން އަޅުގަނޑުމެން ދާނީ މި ކުުންފުނީގެ ހުރިހާ ކަމެއް ވެސް ނިންމަމުން،" ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދު ރިޒްވީ އާކޮށްދެއްވި އެވެ.