އަވަސް ހުކުރު

ހިޔާނާތްވިކަން ނޭނގޭ، އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ދެއްވި ޑޮލަރުތަކެއްގައި ހިއްޕެވި ކަމަށާއި އެއީ ލޯނެއްގެ ގޮތުން ގަބޫލުކުރި ފައިސާތަކެއް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ "އަވަސް"އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްއަށް ދެއްވި ހާއްސަ އިންޓަވިއުގަ އެވެ.

އަދީބު ދެއްވި ފައިސާތަކަކުން ޝައިނީގެ ގެއެއްގައި ލިފްޓެއް ހަރުކުރި ވާހަކައަކީ މީގެކުރިން ފެންމަތިވި ވާހަކައެކެވެ. އެކަމާ ގުޅޭ ގޮތުން ޝައިނީ ސުވާލު ކުރުމުން ވިދާޅުވީ އެއީ ހަގީގަތެއް ކަމަށެވެ.

"އަޅުގަނޑުގެ ގެއެއް ނޫން އެޔަކީ، އެއީ އަޅުގަނޑުގެ އަންހެނުންގެ ގެ، އެ ގޭގަ ލިފްޓެއް ލާފައި އެބަހުރި، އެ ގެއަށް ލިފްޓް ލާން ވެގެން ބޭނުންވާ ފައިސާ، ޑޮލަރު ނުލިބިގެން އަޅުގަނޑު އަދީބު ކައިރީގަ ބުނީމަ ޑޮލަރު ދިން، އެއަކު ނެތް އެއްވެސް ފޮރުވުމެއް ވެސް،" ޝައިނީ ވިދާޅުވި އެވެ.

"އެ ޑޮލަރު އަނބުރާ ދައްކާ ގޮތަށް އަދީބު އަޅުގަނޑަށް ދިން ފައިސާއެއް އެއީ، އެ ފައިސާ އަޅުގަނޑަށް ދިން، އެ ފައިސާ އަނބުރާ ދޭ ގޮތަށް އަދީބު އަތުން ނެގީ، އެކަމަކު އަޅުގަނޑު އެ ފައިސާ އަނބުރާ ދޭ ވާހަކަ ފަހުން ވެސް އަދީބު ކައިރީގަ ބުނާއިރަށް ބުނޭ ތިމަންނަ އެކަން ފަހުން ކުރާނަމޭ، އޭގަ މައްސަލައެއް އޮތިއްޔާ ބޮޑު މައްސަލައެއް އެއީ، އެކަމަކު ވެސް އަޅުގަނޑަށް އެނގިގެން އެޔަކު މައްސަލައެއް ނެތް،"

އަދީބާ ގާތް ގުޅުމެއް އޮންނަ ޝައިނީ ވިދާޅުވި ގޮތުގައި، އަދީބު ހިންގި ކަމަށް ތުހުމަތުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގެ މައުލޫމާތު އޭނާއާ ހަމައަށް ކުރިން ލިބުނު ނަމަ އެ ކަމެއް ރައީސް އަބްދުﷲ ޔާމީންއާ ހަމައަށް ގެންދެވީހެވެ. އެކަން އަދީބަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަދީބު އެކުރި ހިޔާނާތުގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް، އަޅުގަނޑާއި އަދީބާއި ބަންޑާރަ ނައިބު އަނިލް ސަރުކާރުގެ ތެރޭގައި ވަރަށް އެއްކޮށް އުޅުނީ، އެކަމަކު އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް، ލިބުނުނަމަ ރައީސްއާ ހަަމައަށް ގެންދިޔައީސް،" ޝައިނީ ވިދާޅުވި އެވެ.

އަދީބުގެ މައްސަލަތައް ފެންމަތިވުމާއެކު އެކަމުގެ ތެރޭގައި އޭނާ ބައްދާލަން ވެސް ބަޔަކު މަސައްކަތްތަކެއް ކުރި ކަމަށް ޝައިނީ ވިދާޅުވި އެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ ހުރިހާ ފައިލެއް ބެލި ކަމަށާއި ނަމަވެސް އެއްވެސް ރިޕޯޓަކުން އެއްވެސް މައްސަލައެއް ނުފެނުނު ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީގަ މިހާ ޓްރާންސްޕޭރެންޓް މަސައްކަތް ކުރި އެއްވެސް ޒަމާނެއް އައިސްފައެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އޭނާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާއެކު އެންމެ ގިނައިން އައި ފޯނު ކޯލަކީ ވަކި ރަށެއް ހުސްކޮށް އޮތްތޯ ކަމަށް ކަމަށާއި އެކަމުގައި ނާޖައިޒު ފައިދާވާ ގޮތަށް ކުރިން އަމަލުކުރި ކަމަށެވެ. ނަމަވެސް އޭނާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާއެކު، ބަދަލުތައް ގެނެސް، ފިޝަރީޒް މިނިސްޓްރީގެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން އިސްލާހު ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުން އަންގައިގެން ނޫނީ ފިޝަރީޒްގެ ދަށުގައި އޮތް އެއްވެސް ރަށެއް ޓޫރިޒަމަށް ދޫކޮށްފައިނުވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.