ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ލޮލުގެ ފެނުން ދަށްވާތީ ޑޮކްޓަރަށް ދައްކައިފި

އެމްއެމްޕީއާަރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ ގޭބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުން ދަށްވެގެން ޑޮކްޓަރަަށް ދައްކަވައިފި އެވެ.

އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑުވޭ ޑިމޮކްރަސީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އަދީބުގެ ލޮލުގެ ފެނުން ދަށްވެގެން އެންޑޯކްރޮނޮލްޖިސްޓެއްގެ ލަފަޔާ ގުޅިގެން ލޮލުގެ ޑޮކްޓަރަަަކަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޖަލުގައި ހޭދަ ކުރަން ޖެހުނު ދުވަސްތަކަށް ފަހު ހަކުރު ބަލީގެ ޓައިޕް ދޭއް މިހާރު ހުންނަ ކަމަށް ވެސް ޓުވީޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް އަދީބުގެ ލޮލުގެ މައްސަލަތަކާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ހުކުމް އައިއިރުވެސް އަދީބު ހުންނެވީ ގޭގަ އެވެ. އަދި ހުކުމަށް ފަހު ވެސް އަދީބު ހުންނަވަނީ ގޭގަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވީ އަދީބު ގޭގައި ބަހައްޓަވަނީ ނިދުމުގައި މައްސަލަތަކެއް ދިމާވާތީއާ އެކު ފުއްޕާމެއަށް ވެސް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށެވެ.

އަދި އަދީބު ނިދަން ވަކި މެޝިނެއް ބޭނުންކުރަށް ޑޮކްޓަރު ލަފާދީފައި އޮތުމާއެކު އެ މެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނުވާތީ އަދީބު ގޭގައި ބެހައްޓަވަނީ ކަމަށެވެެ.