ހަބަރު

ލޯންޗު ގޮއްވާލުމުގައި އަދީބުގެ ތުހުމަތު ކުރަނީ ތިންވަނަ ފަރާތަކަށް: ޝައިނީ

ފިނިފެންމާ ލޯންޗު ގޮއްވާލާ، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތު އަދީބު ކުރައްވަނީ ތިން ވަނަ ފަރާތަކަށް ކަމަށް އޭނައާ ދާދި ފަހުން ބައްދަލު ކުރެއްވި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު
ޝައިނީ ވިދާޅުވެއްޖެ އެވެ.

އަދީބު ގޭ ބަންދަށް ބަދަލު ކުރުމާ އެކު ޝައިނީ ވަނީ އަދީބު އަރިހަށް ވަޑައިގެން އޭނާއާ ބައްދަލު ކުރައްވާފަ އެވެ. އެއަށް ފަހު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބު ދައްކާ ބައެއް ވާހަކަތައް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

"އަވަސް" ހުކުރު ޕްރޮގްރާމަށް ޝައިނީ ދެއްވި އިންޓަވިއުގައި ވަނީ އެ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައިފަ އެވެ. ޝައިނީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއާއެކު އޭނާ ވެސް ފިނިފެންމާ ލޯންޗުގައި ހުރި ކަމަށާއި ލޯންޗަށް އެރީ ވެސް "ޝައިނީ ދާށޭ ތިމަންނަ މަޑުކޮށްލާނަމޭ" އަދީބު ވިދާޅުވެގެން ކަމަށެވެ.

އޭރު އަދީބުއާ އެހާ ގާތްގުޅުމެއް އޮއްވާ އެފަދަ ބޮޑު ކަމެއް ހިންގާ، ފުރާނަ ގެއްލުވާލަން މަސައްކަތް ކުރީ ކީއްވެތޯ އަދީބު ކައިރީ އަހަން ބޭނުންވެފައި ހުރި ކަމަށް ޝައިނީ ވިދާޅުވި އެވެ. އެގޮތުން އޭނާ ޖަލުގައި ހުރި އިރު ވެސް ކުރިމަތިލާ، އެކަން ކުރީ ކީއްވެތޯ ސުވާލު ކުރަން ބޭނުންވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ފުރުސަތެއް ނުލިބުނު ކަމަށާއި ފުރަތަމަ ފަހަރަށް އަދީބުއާ ބައްދަލުވީ އޭނާ ގޭ ބަންދަށް ބަދަލު ކުރުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެއީ ފުރަތަމަ ފުރުސަތު އަޅުގަނޑު އަދީބާ ބައްދަލު ކުރި، ދެން ހުކުރު ދުވަހު އަޅުގަނޑު އަދީބާ ބައްދަލުކޮށްފައި ސުވާލު ކުރިން ކީއްވެގެންތޯ އެކަން ކުރީ، އަދީބު ދެއްކި ވާހަކަތަކެއް އަޅުގަނޑާ ދެއްކި، ދެއްކީމަ އަޅުގަނޑު ބުނިން އޭގެ ތެރޭގައި އެބަހުއްޓޭ ގަބޫލު ކުރެވޭ ބައެއް ކަންކަން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ލޯންޗު ގޮއްވާލި ކަމަށް އަދީބު ތުހުމަތު ކުރަނީ އެހެން މީހަކަށް ކަމަށެވެ. ނަމަވެސް އެއީ ތުހުމަތުތަކަށް ވާތީ އެ މީހެއްގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ޝައިނީ ވިދަޅުވި އެވެ. ތަކުރާރުކޮށް އެއީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ވެސް އޭނާގެ ނަން ހާމަ ކުރަން ޝައިނީ ދެކޮޅު ހެއްދެވި އެވެ. ރައީސް ޔާމީންގެ އަތެއް އޮންނަ ކަމަށް އަދީބު ތުހުމަތު ކުރޭތޯ ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ އެމަނިކުފާނުގެ އަތެއް ނެތް ކަމަށެވެ. ނަމަވެސް އެކަން ކުރެއްވީ ތިން ވަނަ ފަރާތެއް ކަމަށް އަދީބު ގަބޫލު ކުރާ ކަމަށާއި އޭގައި ގަބޫލު ކުރެވޭ ކަންކަން ހުރި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"މިއަދާ ހަމަޔަށް ވެސް އަޅުގަނޑު ބޭސްކާން އެބަޖެހޭ އެކަމަށް، އަޅުގަނޑު ބަލަން ބޭނުން އެކަން، އަޅުގަނޑު އަތުގަ ނެތް ކޯޓަށް ހެކި ބަސްދިން މީހުންނާއި ހުރިހާ އެއްޗެއް، އަޅުގަނޑަށް ވީ ވަރަކުން އަޅުގަނޑު ބަލަން ބޭނުންވޭ އެކަމެއް ކުރީ ކާކު ކަމާއި އެއްޗެހި،" ޝައިނީ ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވައިގެން ދިޔަ އިރު ހިނދުކޮޅަކަށް ހުރިހާ އެންމެން ގާތްގަނޑަކަށް ވާނުވާގައި ތިބި ކަމަށް ޝައިނީ ވިދާޅުވި އެވެ. އެ ދުވަހު ގޮވީ އެތަނުގައި އިން އެއާކޮންޑިޝަންއެއް ނުވަތަ ބްލޯވަރެއް ނޫން ކަމަށާއި އެ ދުވަހު ގޮވީ އެތަނުގައި ހަރުކޮށްފައި ހުރި ޑިވައިސްއެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް އަޅުގަނޑު ގަބޫލެއް ނުކުރާނަން، 20 ސާމްޕަލް އިން އެއް ސާމްޕަލް ފެނުނަސް އެދުވަހު އެ ގޮވީ ގޮވުމެއް، އެކަން އަޅުގަނޑު ގަބޫލު ކުރަން އެއީ އަޅުގަނޑު އެތާ ތެރޭ އިނީމަ ވީގޮތް އެނގުނު، އެއާކޯނަކުން ގޮވީމަވާ ގޮތާއި އެއްޗެއް ފަޅައިގެން ދިޔައީމަ ވާގޮތް އަޅުގަނޑަށް ވެސް އެނގޭ،" ޝައިނީ ވިދާޅުވި އެވެ.