އަވަސް ހުކުރު

ފްރޭމްކުރި މައްސަލަ ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ: ނާޒިމް

ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ، އޭނާ ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުގައި ނާޒިމް ވަނީ އޭނާ ފްރޭމް ކުރި ކުރުމާމެދު ވާހަކަ ދައްކަވާފަ އެވެ. ނާޒިމް ވިދާޅުވީ އޭނާއަށް ގަބޫލު ކުރެވޭ ގޮތުން އޭނާއާ ހަސަދަވެރިވެ، ފްރޭމް ކުރީ އޭނާއާ ރައީސް އަބްދުﷲ ޔާމީންއާ މާ ގާތްވެ، ވުޒާރާތަކުގައި ކުރެއްވި މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުންތައް ލިބެމުންދިޔައީމަ އެވެ.

"އެހެންވެ ބައެއް ވަޒީރުންނަށް ހީވީ އަޅުގަނޑު މާ ގާތްވެދާނެއޭ، އެހެންވެ އަޅުގަނޑާމެދު ހަސަދަވެރިވެގެން ދިން އަނިޔާއެއް ކަމަށް ގަބޫލު ކުރަނީ، އެކަމުގައި ރައީސް ޔާމީން ވެސް ބައިވެރިވެފަ އެވަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ވެސް އެއްވެސް ގޯސްކޮށް ނުވަތަ ގާނޫނާަ ހިލާފަށް ކުރައްވާފައިނުވާނެ ކަމަށެވެ. އެފަދަ ކަމެއް ހޯދުމަށް ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވި ނަމަވެސް އެފަދަ ކަމެއް ފެނިފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ބައެއް ބޭފުޅުން ވިސްނައި ދެއްވީ އަޅުގަނޑަކީ ކޮންމެ ވެސް ކަހަލަ ޗެލެންޖެއް ކޮށް ދާނެ މީހެއް ކަމަށް، އެކަން މިހާރު އަޅުގަނޑަށް ވެސް އެނގެނީ، އޭރަކު ނޭނގޭ، ރައީސް ޔާމީނަށް ފެނުނީ އަޅުގަނޑަކީ ޗެލެންޖްކޮށްދާނެ ކެންޑިޑޭޓެއް ކަމަށް، އެހެންވެ އަޅުގަނޑު އެއްކޮށް، ކަނޑާލުމަކުން އަދި ނުފެދޭ، އެކަމަކު އަޅުގަނޑު ހައްޔަރުކޮށް އަނިޔާ ދޭން ޖެހޭ ގަބޫލު ކުރީ،" ނާޒިމް ވިދާޅުވި އެވެ.

"ބައްލަވާ، ތިން އަހަރާއި ނުވަ މަސް ވަންދެން އެއްވެސް ކަމަކާ ނުލާ ޖަލުގައި އޮތުމަކީ ކުޑަ ކަމެއް ނޫން އިނގޭތޯ، ވަރަށް ވޭން ދެނެވި ވަރުގަދަ އަދަބެއް މިއީ މީހަކަށް ދެވިގެން ދިޔަ،"

ނާޒިމް ވިދާޅުވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަދި ހޯމް މިނިސްޓަރާ ވެސް ބައްދަލު ކުރައްވައި އެ މައްސަލަ ބަލަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަން ކުރަން ބޭނުން ވަނީ ފުލުހުންނަކީ އަބުރުވެރި ބަޔަކަށް ހެދުމަށް އޭނާ ބޭނުންވާތީ ކަމަށެވެ. އޭނާ ގެއަށް ވަދެ ފުލުހުން ހިންގި އަމަލަކީ ހިންގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ ބަޔަކު ހޯދައި އިންސާފުގެ ކުރި މައްޗަށް ނުގެނެސްފިނަމަ ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ކަމަށެވެ.

އޭނާ ފްރޭމް ކުރުން ރޭވިގެން އައީ ރައީސް ޔާމީންގެ ފަރާތުން ކަމަށާއި އެކަމުގައި އޭރު އެންމެ ބާރުގަދަ މިނިސްޓަރު އަހުމަދު އަދީބާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ބައިވެރިވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ހިންގީ ސީދާ ހުސެއިން ވަހީދުގެ އޯޑަރަށް ކަމަށާއި އެސްއޯ ފުލުހުންގެ ކޮމާންޑަރަށް ވެސް އެކަން ނޭނގޭ ކަމަށެވެ.

"މި ހޯދޭނެ، އަޅުގަނޑު ގަބޫލު ކުރަނީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ ހައްޔަރުކުރި ރޭ ފުލުހުންގެ އަމަލަކީ ދިވެހި ފުލުހުންގެ ފަރާތުން ފެނިގެންވާނެ އަމަލުތަކެއް ނޫން ކަމަށެވެ. ވަރަށް ހަޑި ބަހުން ވާހަކަ ދައްކައި ހަތިޔާރު ބިރު ދައްކާ ހެދި ކަމަށާއި މުޅި ގެ ވެސް ހަލާކުކޮށްލި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގޭގައި ނިދާފައި އޮތް އޭނާގެ އެއް ދަރިއެއްގެ އިނގިލި ޗިސްކޮށްލައި އެ ދަރިންނަށް ވެސް ނަފްސާނީ ގޮތުން އެތައް އަނިޔާއެއް ދިން ކަމަށް ވިދާޅުވި އެވެ.