އަވަސް ހުކުރު

ފިނިފެންމާ ގޮވުމުގައި ރިވިއު ކުރަންޖެހޭ ޝައްކު އެބަހުރި: ނާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުގައި ގޮވި ބާރުގަދަވގޮވުމުގައި ޝައްކުތަކެއް އެކުލެވޭ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ގޮވާތަކެތީގެ އެކްސްޕާޓެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވިިއިރު އެ ގޮވުމާމެދު ޝައްކު އުފައްދާ އެ ލޯންޗުގައި އިންނެވި ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި، ލޯންޗުގައި ގޮވުން ގޮވި ގަޑީގައި އަލިފާން ކަނި ފެންނަ ވީޑިއޯއަކާއި ނުފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އެ މައްސަލާގައި ކުށް ސާބިތުކޮށް ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފައްދާފައިވާ ޕާޓީ، އެމްޓީޑީއިން ވެސް ވަނީ އެ މައްސަލަ އަލުން ބަލައި ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކަން ފުލުހުން މިހާރު ދަނީ ވެސް ބަލަމުންނެވެ.

ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ސިފައިން ގޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ނާޒިމް ވިދާޅުވީ އޭރު ކަންކަން ހިނގައިގެން ދިޔަ ގޮތުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.

"ސިފައިންގޭގައި އަޅުގަނޑު އުޅުންއިރު ކޮންމެވެސް ވަރަކަށް އެކްސްޕްލޯސިވް ޓްރެއިނިން ހެދިން، އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަސްލުގައި މިއީ އާރްޑީއެކްސް އެއްޗެއް ގޮއްވާލައިފިނަމަ އޭގެ ޓްރޭސްތައް ހޯދާނެ، އަޅުގަނޑަށް ވަރަށް ޝައްކު އުފެދޭ ކަންކަން ހުރި ގޮވުމެއް އެއީ، އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއިން. އެއީ އެކަހަލަ ގޮވުމެއް ގޮވިނަމަ އެއަށްވުރެ ބޮޑެތި އިންޖަރީސް އެއަށްވުރެ ބޮޑެތި ހާނިކަތައް މީހުންނަށް ލިބުނީސް،" ނާޒިމް ވިދާޅުވި އެވެ.

އެކަމުގައި ޝައްކު އުފެދޭ ކަންކަން ހުރީ އެކަން ކުރެވިގެން ދިޔަ ގޮތުން ކަމަށާއި އެހެންކަމުން އެކަންކަން ބަލައި ތަހުގީގު ކުރަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑާ ޖަލުން ދިމާވި އޭރުގެ ކެޕްޓަން ފަޔާޒާއި އިތުރު ދެ ބޭކަލަކު، އެ ބޭފުޅުން ދެއްކި ވާހަކަ އާއި އަޅުގަނޑުގެ ނޮލެޖަށް ބަލާއިރު ވެސް ޝައްކު އުފެދޭ ކަމެއް އެކަމަކީ، އެހެންވީމަ ޝައްކެއް ވިއްޔާ އެކަމެއް ޔަގީން ކުރުމަކީ އިންވެސްޓިގޭޓް ކުރާ މީހުން ކުރަން ޖެހޭނެ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަދީބު ކަމުގައި ވިޔަސް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. އޭނާގެ މައްޗަށް ފިނިފެންމާ މައްސަލާގައި އިއްވާފައިވާ ހުކުމް ވެސް ރިވިއު ކުރަންޖެހޭނަމަ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެހެން މައްސަލަތަކުގައި ވެސް ޝައްކު އުފެދޭ ކަމެއްވާނަމަ އެކަމެއް ޔަގީންކޮށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމަ އެކަންކަމުގައި ޖެހޭނެ އިންސާފު ހޯދަން، އަހުމަދު އަދީބެކޭ އެހެން ބޭފުޅެކޭ ވަކި ތަފާތެއް ނުގެނެވޭނެ، ކަމެއް ގޯސްކޮށް ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ އެކަމެއް ރިވިއުކޮށް ރަނގަޅު ނިންމުންތަކެއް ނިންމަންޖެހޭނެ، ވަކި ބޭފުޅަކަށް ވެގެނެއް ނޫން އެއީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމާއި އަދީބަކީ ކުރީގައި ވަރަށް ގާތް ދެ ބޭފުޅުންނެވެ. ނަމަވެސް ނާޒިމް ފްރޭމް ކުރުމުގައި އަދީބުގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަވަސްއަށް ދެއްވި އިންޓަވިއުގައި ވެސް ނާޒިމް ވަނީ އޭނާ ފްރޭމް ކުރުމުގެ ފަހަތުގައި ހުންނެވީ އަދީބު ކަމަށް ވިދާޅުވެފަ އެވެ. އަދީބު ވެސް ވަނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާ އޭނާއާ ގުޅުމެއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުނެވެ.