ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅޭ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ތަހުގީގު ކުރުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން އެ މައްސަލަ އަލުން ތަހުގީގުކުރާއިރު ނާޒިމް ވަނީ އޭނާ ފްރޭމްކުރި ކަމަށް އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ ބައްދަލުކުރައްވައި އެކަމަށް ބާރު އަޅުއްވާފައިވެސްވެ އެވެ.
މިރޭ ފުލުހުން ބުނި ގޮތުގައި ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލާގެ ޝަރީއަތުގެ މަރުހަލާތައް ނިމުނު ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެ މައްސަލަ ތަހުގީގު އަލުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ވަޒަންއަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ބުނެ ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 2015 ވަނަ އަހަރު ތެރޭގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކުރި އެވެ.
ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އެ މައްސަލަ ނުބަލާ ބޭރުކޮށްލި އެވެ. ނަމަވެސް މިފަހުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ ކުށެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ. އެގޮތަށް ހުކުމްކުރި ގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ވަނީ ފެނިފަ އެވެ.
ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ އެހެން މީހަކާ ގުޅުމެއްވާކަން ސާބިތުވެފައިވާތީ، ސުޕްރީމް ކޯޓުން ނާޒިމް މިނިވަންކޮށްފައިވާއިރު އޭނާ ފްރޭމްކުރުމުގެ ފަހަތުގައި ހުރީ ރައީސް އަބްދުﷲ ޔާމީން އާއި އަދީބު ކަމަށް ނާޒިމް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.