ކްރިމިނަލް ކޯޓް

އަދީބު އެދިގެން ދަބަހެއް ގެންގޮސްދިނިން: ހެކިވެރިޔާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން -- އެމްއެމްޕީއާރުސީ އޮފީހުގައި ޖޫން 2015ގައި އޮތް ބައްދަލުވުމަކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެދިވަޑައިގަތުމުން ދަބަހެއް ގެންގޮސްދިން ކަމަށް ބުނެ އަދީބުގެ އޭރުގެ ބޮޑީގާޑު އަހުމަދު އާމިރު މިއަދު ހެކިބަސްދީފި އެވެ.

ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އާމިރު ހެކިބަސް ދިނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންނެވެ.

ހެކިބަސް ދެމުން އާމިރު ބުނީ އެމްއެމްޕީއާރުސީގައި އޮތް އެ ބައްދަލުވުމަށް ވަދެވަޑައިގަތުމަށްފަހު އަދީބު ގުޅުއްވާ ކާރުގައި އޮތް ދަބަހެއް ގެނެސްދިނުމަށް އެދިވަޑައިގަތުމުން އެ ބައްދަލުވުމަށް އެ ދަބަސް ގެންގޮސްދިން ކަމަށެވެ.

އެ ބައްދަލުވުމުގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަހުމަދު ކްރިކް ރިޒާގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފު ބައިވެރިވި ކަމަށް އާމިރު ބުންޏެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކޮއްކޮ ސާލިމް މުހައްމަދުވެސް ބައިވެރިވި ކަމަށް އާމިރު ވަނީ ބުނެފަ އެވެ.

ސާލިމް އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އާމިރު ބުނުމުން ސަން ކުންފުނީގެ ވަކީލުން ވަނީ ސާލިމް އެނގޭ ގޮތާއި އޭނާގެ ސިފަތަކާ ގުޅޭ ގޮތުން އާމިރުއާ ސުވާލުކޮށްފަ އެވެ. ނަމަވެސް ސާލިމްގެ ސިފަތަކާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އާމިރުއަށް ޖަވާބު ދެވިފައެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ނޭނގޭ ކަމަށް އާމިރު ބުނެފައިވާޢިރު އެ ދަބަހުގައި ހުރި އެއްޗަކާ ބެހޭ ގޮތުން ސުވާލުކޮށްފައިނުވެ އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި އެވެ. ނަމަވެސް ދައުލަތުން އެދިގެން އެ ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ.