ހަބަރު

އަދީބަށް އަނިޔާވެރިއެއް ނުވަން، އަމަލު ކުރަނީ ރަނގަޅަށް: އިމްރާން

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއަށް އަނިޔާވެރިވެފައި ނުވާ ކަމަށާއި އޭނާއާ މެދު އަމަލު ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކުރީގެ ސަރުކާރުން އަދީބު ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް ބަންދު ކުރެއްވި ގޮތަށް ކުޑަ ގޮޅިއެއްގައި އެކަނި ބަހައްޓާފައި ހުރި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ގޮތަށް މަސައްކަތް ކުރެއްވީ އަދީބުއަށް ލުއި ގޮތްތަކެއް ގާނޫނުގެ ތެރެއިން ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އޭރަށް ވުރެ ސިއްހި ހިދުމަތްތައް ފޯރުކޯށްދިނުމަށް އެތައް ކަމެއް ފަސޭހަކޮށްދިފައިވާ ކަމަށާއި އަދީބު ބަހައްޓާފައި ވަނީ ވެސް ސްޕެޗަލް ޕްރޮޓެކްޝަން ޖަލެއްގެ ތެރޭގައި ރަނގަޅު ތަނެއްގައި ކަމަށް އިމްރާން ވިދާޅުވި އެވެ.

އަދީބުގެ އާއިލާއިން ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް ކުރީ ސަރުކާރަށް ވުރެ އޭނާއާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރައްވަނީ ރަނގަޅަށް ކަން އާއިލާއަށް ވެސް އެނގޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އަދީބާ މެދު ވަރަށް ރަނގަޅަށް އަމަލު ކުރައްވާ ކަމާއި ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދޭ ކަން އާއިލާއަށް އެނގޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ އިމޯޝަންސް ހުންނަވާނެ ކަން އަޅުގަނޑަށް އެނގޭ، އެ ބޭފުޅުން އެދޭ ގޮތްތައް ހުރި ކަން ވެސް އަޅުގަނޑަށް އެނގޭ، އެހެން ނަމަވެސް އުސޫލުތަކާ ގަވައިދުތަކުގެ ތެރެއިން ވިސްނައިފި ނަމަ އެ ބޭފުޅުންނަސް އެނގިވަޑައިގަންނަވާނެ ހަމަ ޔަގީނުން ވެސް އަޅުގަނޑު އިސްކޮށް ހުރި މުއައްސަސާގެ ދަށުން [އަދީބާ މެދު] ކަންކަން ކުރައްވަމުން ގެންދަވަނީ އެންމެ ރަނގަޅަކަށް ކަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެމަނިކުފާނު އެނގިތިބެ ގާނޫނުން ބޭރުން އަދީބާ މެދު އަނިޔާވެރިއެއް ނުވާނެ ކަމަށެވެ. އަދީބު ނޫނަސް އެއްވެސް މީހަކާ މެދު އަނިޔާވެރިއެއް ނުވާނެ ކަމަށާއި ކަންކަން ކުރާނީ އެންމެ ލުއި ގޮތަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން އަދީބު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ އިރު ޑޮކްޓަރުން ޑިސްޗާޖު ކުރުމަށް ނިންމަވުމަށް ފަހު ވެސް އިތުރަށް މައްސަލަތައް ހުރިތޯ ބެލުމަށްޓަކައި ތިން، ހަތަރު ދުވަސް އިތުރަށް ބޭއްވި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ޑިސްޗާޖޔު ކުރެއްވީ އެވަގުތު އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މާދަމާ ވެސް ބަލިވެދާނެ އަދީބު ވިޔަސް އަޅުގަނޑުމެން ކޮންމެ މީހެއް ވިޔަސް، އެކަމަކު އެކަމެއް ޖެހުނީމަ އެ ވަގުތަކު އެކަމަކާ ޑީލް ކުރާނީ، އެކަމަކު އޭރުގަ ޑިސްޗާޖު ކުރީ މައްސަލައެއް ނެތް ކަން ޑޮކްޓަރުން ކަށަވަރުކުރައްވާފައި، ޖަލަށް ގެންދެވުނު އިރު އަޅުގަނޑުމެން ކަށަވަރު ކުރިން ކަނޑުގައި ދަތުރެއްކޮށްފައި ގެންދެވުނީތީވެ އިތުރަށް އޮބްޒަވޭޝަންގައި ބެހެއްޓެވިން،" އިމްރާން ވިދާޅުވި އެވެ.

އަދީބުގެ ގިނަ މައްސަލަތަކެއް ކޯޓުގައި ހުރި އިރު ތަހުގީގު ކުރަން ޖެހޭ އިތުރު ކަންކަން ހުރި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އަދީބު ފަދަ ބޭފުޅަކު އެ ހުރިހާ ކަމެއްގެ ތެރޭގައި ތާށިވެ ގާނޫނީ ޒިންމާތަކެއް ނަގަން ޖެހުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އެއީ އަދީބުގެ އާއިލާއާ ގޮތަށް އެމަނިކުފާނު ވެސް އެދިވަޑާއިގަންނަވާ ގޮތެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ނަމަވެސް އަދީބުގެ ކުށެއްގެ ޒިންމާ އަޅުގަނޑު ނަންގަވަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން، އަޅުގަނޑު އިސްވެ ހަވާލުވެ ހުންނެވި މުއައްސަސާއާ ހަވާލުވެ ހުންނެވުމަށް ފަހުގައި އެތަނުގެ ތެރެއިން ގާނޫނީ ގޮތުން ލިބިދޭން ޖެޙޭ ހުރިހާ ހައްގެއް ކަށަވަރުކޮށްދޭނަން،" އިމްރާން ވިދާޅުވި އެވެ.

އަދީބުގެ އާއިލާ އިންނާއި އެމްޑީޓީ އިން ބުނަމުން އަންނަނީ އިމްރާން އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް އާއިލާ އިން ބުނެ އެވެ.

އަދީބު މާފުށި ޖަލުގައި ބަންދުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ރޭ ވަނީ އައިޖީއެމްއެޗްއަށް ގެނެސް އެޑްމިޓްކޮށްފަ އެވެ.