އިމްރާން އަބްދުﷲ

އަދީބު ގޭގައި ބެހެއްޓީ ނިދަން މެޝިނެއް ބޭނުންވާތީ: އިމްރާން

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ގޭގައި ބަހައްޓާފައިވަނީ ހާއްސަ މެޝިނެއް ބޭނުން ކޮށްގެން ނޫނީ ނުނިދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަދައްކަވަމެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މަހުގެ ފަސްވަނަ ދުވަހު އެ ހުކުމް އައީވެސް އަދީބު ގޭގައި ހުންނަވަނިކޮށެވެ. 20 އަހަރުގެ ޖަލު ހުކުމާއެކުވެސް އަދީބު ހުންނެވީ ގޭގައެވެ.

އެކަމާއި ގުޅިގެން އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަހުމަދު އަދީބަށް ނިދުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުރިން ޖަލު ގޮޅިއަށް ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ހާއްސަ މެޝިނެއްގެ އެހީގައި ނިދަން އަންގާފައިވާ ކަމަށެވެ.

އެއީ ޖަލުގައި ބެހެއްޓިފައިވާ މެޝިނަކަށް ނުވާތީ މިވަގުތު އަދީބު ގޭގައި ހުރީ އެ ސަބަބާއި ގުޅިގެން ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އިމްރާން މި ޖަވާބު ދެއްވީ އެއީ އަދީބު ގޭގައި ބަހައްޓަވާ ހަގީގީ ސަބަބުތައް ޔަގީން ކުރައްވާ ނޫންކަން ދެއްވި ޖަވާބުން ސާފުވެއެވެ.

"އަހުމަދު އަދީބު، ނިދުމުގައި މައްސަލަތަކެއް ދިމާވާ އަދި ފުއްޕާމެއަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ޑޮކްޓަރުން ލަފާދީފައިވަނީ. ކުރީ ފަހަރެއްގައި ޖަލުތެރޭގައި ހުންނަވަކޮށް ޖަލު ގޮޅިއަށްވެ ވެއްޓި ނިތްކުރިމަތި ދުޅަވެ، ކަންތައްތަކެއް ހިނގާފައި ހުރީ. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. އެ މެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެެހެންވީމަ އެ މެޝިން ގޭގައި ގާއިމްކުރެވިފައިވާ ކަމަށް ވަނީ. އެެހެންވީމަ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފައި އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާ ކަމަށް ވަނީ،" އިމްރާން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކާއި ގުޅިގެން އަދީބު ވަނީ ދައުލަތަށް އެއްބާރުލުން ދެއްވުމަށް އެއްބަސްވުމެއްވެސް ހަދާފައެވެ. އެ އެއްބަސްވުން ނުހެދި ނަމަ 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މިލިއަނަށްވުރެ ބޮޑު އަދަދެއްގެ ފައިސާއިން ޖޫރިމަނާވެސް ކުރާނެ އެވެ.