ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ހުންނެވީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް ކަރެކްޝަނުން ބުނެފި އެވެ.
އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސަރުކާރާއި އަދީބު ބޭނުންވާ ގޮތަށް އެއްބަސް ވެގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ.
ކަރެކްޝަނުން މިހެން ބުނީ އަދީބު ގޭބަންދަށް ބަދަލުކުރަން ޖެހުނު ގޮތުގެ ތަފުސީލު ހޯދަން ނޫސްވެރިޔަކު އެދުމުން އެ މައުލޫމާތު ނުދީގެން އޭނާ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގައި އެޕީލް ކުރުމުންނެވެ.
އަދީބުގެ މައްޗަށް، ދެފަރާތް އެއްބަސް ވެގެން ކުރި ހުކުމަށްފަހު ގޭބަންދަށް ބަދަލު ކުރުމުން އެކަމާ ގުޅުވައި ސަރުކާރަށް ފާޑުކިއުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ މެޝިނެއްގެ އެހީގައި ނިދަން ޖެހިވަޑައިގަންނަވާތީ އާއި އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭތީ ކަމަށެވެ.
ނަމަވެސް އެ މެޝިންގެ ތަފްސީލް ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން ކަރެކްޝަނުން ވަނީ ޖަވާބެއް ދީފަ އެވެ. ބުނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ "ބައިޕެޕް" ކިޔާ މެޝިނެއް ބޭނުން ކުރަން ޖެހޭތީ ކަަމަށެވެ. އެ މެޝިން ބޭނުން ކުރަން އޭނާއަށް ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ ނޭވާލާން އުނދަގޫވާތީ ނިދަން އުނދަގޫވުމާއެކު ބޮލުގައި ރިއްސާތީ ކަމަށެވެ.
ކަރެކްޝަނުން ބުނީ ގަވާއިދުން އަދީބު ޑޮކްޓަރަށް ދައްކަން ލަފާ ދީފައިވާ ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ ގޭބަންދަށް ބަދަލުކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. ކުރީން ހޯމް މިނިސްޓަރު ވިދާޅުވި ވާހަކަފުޅާ ހިލާފަށް ބައިޕެޕް މެޝިން ޖަލުގައި ވެސް ބޭނުންކުރެވޭ ކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ.