ހަބަރު

އިމްރާން ފެއިލްވެއްޖެ، އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރަށު ބަންދުގައި ހުންނަވަނިކޮށް ރާއްޖޭން ބޭރަށް ފިލައިގެން ދިޔަ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށާއި މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ގޮވާލައްވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އަދީބު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ އަމުރު ކުރުމާ ގުޅިގެން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލާގައި ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.

އެ ގޮތުން އަދީބު ފިލީތޯ ނޫނީ ބަޔަކު ވެގެން ފިއްލުވީތޯ ސުވާލު އުފެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދީބު އެހާ ފަސޭހައިން ފިލެންވީ ސަބަބާ މެދު ސުވާލު އުފައްދަވަމުން ޝިޔާމް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ޒިންމާ އަދާ ކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މި ހިނދުން މި ހިނދަށް ގޮވާލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ، ފުލުހުންގެ މުއައްސަސާގައި ތިއްބެވި ބޮޑެތި ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ، އަދީބު ފިލިޔަސް އަދި ފިއްލުވިޔަސް، ދެ ގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް މި ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ،" ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

އެހެން އެއްވެސް ގައުމަށް ވަޑައިނުގެން އަދީބު އިންޑިއާއަށް އެތެރެވާން ޖެހުނު ސަބަބަކާ ގުޅޭ ގޮތުން ޝިޔާމް ސުވާލު އުފެއްދި އެވެ. އިންޑިއާ ސަރުކާރާއި ރާއްޖޭގައި މިހާރު އޮތް ސަރުކާރާ ގާތް ގުޅުމެއް އޮތްއިރު، ރާއްޖޭން ފިލަން އަދީބު އިންޑިއާއަށް ވަޑައިގަންނަވަން ޖެހޭނެ ސަބަބަކީ ކޮބައިތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަމުންދާ ޝަރީއަތުގައި އެންމެ މުހިންމު އެއް ހެއްކެއް ކަމަށެވެ. އެހެންވީއިރު އެ ޝަރީއަތަށް އަދީބު ވަކި ގޮތަކަށް ބަޔާން ދެއްވުމަށް މަޖުބޫރުކުރަމުންދާ ކަމަށް އޭނާގެ ވަކީލުން ތުހުމަތު ކުރައްވާ މައްސަލައާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ވެސް އިންޒާރު ދިން ކަމަށް ތުހުމަތު ކުރައްވާ މައްސަލަ ބަލަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ މައްޗަށް އަދީބުގެ ވަކީލުންނާއި ހަސަން ލުތުފީ ސީރިއަސް ތުހުމަތުތަކެއް ކުރެއްވިއިރު، އިމްރާން މި ވަގުތު ހުންނެވީ މި އަހަރުގެ ހައްޖުގެ އަޅުކަން ކުރެއްވުމަށް ސައުދީ އަރަބިއްޔާގަ އެވެ. އެ ކަމަށް ރައްދު ދެއްވައި އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުންނަށް ބިރު ދައްކާ ހިސާބަށް އޭނާ ގަމާރުވެއްޖެ ކަމަށް ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ބަޔަކަށް ހީވާތީވެ އަންތަރީސްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން އަދީބު ދޫކޮށްލި ނަމަވެސް މިއަދު ހެނދުނު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އާ އަމުރެއްގެ މައްޗަށް އޭނާ އަލުން ހައްޔަރު ކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ވަނީ ޖަލަށް ގެންގޮސްފަ އެވެ.

އަދީބު ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.

އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ.