ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގެ ހަނދާން އައު ކުރައްވައިފި އެވެ.
މެއި 1، 2015 ގައި ބޭއްވި މުޒާހަރާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވުނު އެ މުޒާހަރާއަކީ އަދާލަތު ޕާޓީއާއި އެމްޑީޕީން އިސްނަގައިގެން ޖޭޕީގެވެސް އެހީތެރިކަމުގައި ބޭއްވި މުޒާހަރާއެކެވެ. މުޒާހަރާގައި އިސްކޮށް ތިއްބެވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމެވެ.
އަދީބުގެ ހުކުމާއެކު އިމްރާން ކުރެއްވި ޓްވީޓްތަކެއްގައި ވަނީ މޭޑޭ މުޒާހަރާގެ ހަނދާންތައް އައު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މޭޑޭގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުމެ ދެއްކީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުންދިޔަ ވާހަކަ ކަމަށެވެ. މިއަދު އެކަންކަމުގައި ޝާމިލުވި ބޭފުޅުންގެ އިއުތިރާފާއެކު ޝަރީއަތުން އެކަންކަން ދަނީ ސާބިތުވަމުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމަ ހިތަށް އަރަނީ މާތްﷲގެ ކުޅަދުންވައްތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަބވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރި ނުވާނެ. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދާދޭނަން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އެހެން ވިދާޅުވި ނަމަވެސް މޭޑޭގެ މުޒާހަރާގައި އެރޭ ސަރުކާރު ވައްޓާލާނެ ކަމަށްވެސް ގޮވާފައިވެއެވެ. އަދި މިއަދުުވެސް ހަގީގަތާއި ހަމައަށް ވާސިލްނުވެވިވާ ޑރ. އަފްރަޝީމްގެ މަރުގެ އިލްޒާމް އޭރުގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އަޅުވާ އެކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން ވަނީ ވާހަކަވެސް ދައްކަވާފައެވެ. އެ ރޭ އިމްރާން ހައްޔަރުވެސް ކުރިއެވެ. އަދި ޓެރަރިޒަމްގެ ދައުވާ އުފުލާ 12 އަހަރަށް ޖަލަށްލާންވެސް ހުކުމްކުރިއެވެ. ގިނަ ދުވަސްތަަކަކު ޖަލުގައިވެސް އެމަނިކުފާނު ހޭދަ ކުރެއްވިއެވެ.