އިމްރާން އަބްދުﷲ

"މޭޑޭގައި ގެންގުޅުނީ ހެކީގެ އަސްލެއް ނޫން"

ގެއްލުވާލި އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ކަރުދާސްތަކަކީ އެ ކަރުދާސްތަކުގެ އަސްލު ނޫން ކަމަށާ އޭގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ" ގެ ތެރެއިން ރިލްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭ ކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ވަނީ ދައްކާފަ އެވެ. އޭގެ އެތައް އަހަރެއް ފަހުން މިދިއަ ހަފުތާގައި އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރައިން އޭނާ ހައްޔަރު ކުރިއިރު، އެ ލިޔުންތައް ފުލުހުން އަތުލާފައިވާ ކަމަށެވެ.

"މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން،" ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރޭ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވަނީ އިތުރަށް އެ ވާހަކަތަކެއް ދައްކަވާފަ އެވެ. ވިދާޅުވީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށެވެ. އެކަމަކު އެ ވާހަކަތައް އޭނާ ހަނދާން އެބަހުރި ކަމަށާ އެ ދުވަހު އެއްވެސް ބޭފުޅަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. ހަމަ އެކަނި ވިދާޅުވީ ރިލްވާން އަދި އަފްރަޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި އެ ދުވަހު ދެއްކި ވާހަކަތައް ވެސް އިނގޭތޯ. އަޅުގަނޑު ދެންނެވީ އެ ބޭފުޅުންނަށް [ކުރީ ސަރުކާރުގެ ވެރިން] އެނގިވަޑައިގަންނަވާނޭ. އަޅުގަނޑު އެ ބޭފުޅުން ބައިވެރިވި ކަމަށް ނުވަތަ އެ ބޭފުޅުން އެކަން ކުރެއްވި ކަަަމަށް ކަމަށް ދޭހަވާނެ އެއަށް ދޭހަވާނެ އެއްޗެއް ނުބުނަން. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ކަން ހިނގާ ދިޔަގޮތް. އެއީ އަޅުގަނޑު ދެންނެވި ވާހަކައަކީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މޭޑޭގައި އޭނާ ހައްޔަރުކުރީ ފުލުހުންގެ ކޮން ބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ހައްޔަރުކުރަން އައި ފުލުހުން ތިބީ މޫނު ފޮރުވައިގެން ކަމަށެވެ.

ބޮޑު ދެ މަރަކާ ގުޅޭ މުހިންމު ހެކިތަކެއްގެ އަސްލު އެ އެއްވުމަށް ގެންދެވީ ކީވެގެންތޯ އަދި އެހާ މުހިންމު ހެކި ތަކެއްގެ ކޮޕީއެއް ނަމަވެސް ނުގެންނެވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން އިމްރާން ވިދާޅުވީ އޭނާގެ އަތުގައި އެ ދުވަހު ހުރި ކަރުދާސްތަކަކީ އޭގެ އަސްލު ނޫން ކަމަށެވެ. އެ ކަރުދާސްތަކުގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށެވެ.

"އަޅުގަނޑު އަތުގައި ހުރި ކަަރުދާސްތަކަކީ އެ އެއްޗެއްގެ އަސްލެއް ނޫން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ އަސްލުތައް ވާންޖެހޭ ތަންތާ ވާނެ. އެ ތަހުގީގު ކުުރުމުގައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ،"

ރިލްވާން އަދި އަފްރާޝީމްގެ މައްސަލަ ބަލަނީ ފުލުހުން ނޫން ކަމަށާ އެއީ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އެ މައްސަލަތަކުގައި ފުލުހުންނަށް އޮތް ދައުރަކީ ތަހުގީގަށް އެއްބާރުލުންް ދިނުން ކަމަށެވެ. އަދި މިހާރު ފަށާފައިވާ ތަހުގީގުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.