ހަބަރު

"އަދީބު ރާއްޖެ ވަޑައިގަތުމުން ރައްޔިތުންނަށް ވީ ވައުދު ފުއްދިއްޖެ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ގެންދިއުމަށްފަހު އަނބުރާ ގެނެސް ތަންފީޒު
ކުރަންޖެހޭ ހުކުމްތައް ތަންފީޒު ކުރުމަށް ރައްޔިތުންނަށްވީ ވައުދު ފުއްދާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބު ރާއްޖެ ގެނެވުނީ ފުލުހުންނާއި ކަރެކްޝަންސްގެ އެއްބާރަލުމާއެކު ކަމަށެވެ. އިމްރާން ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އަށް ޝުކުރު އަދާކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ކުރެއްވި ޓްވީޓް

އަދީބު ރާއްޖެ ވަޑައިގަތީ އިއްޔެ ހަވީރު އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއެކު އެވެ. އަދީބު ރާއްޖެ ވަޑައިގެންނެވީ ބޭސްފަރުވާއަށް އޭނާއަށް ހުއްދަ ދިން މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ.

އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފަ އެވެ. އެހެންކަމުން އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.