ރިޕޯޓް

38 އާއެކު އެމްޓީސީސީއަށް ޝާހުގެ "ރަސްކަން"!

Dec 18, 2018
3

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީއަށް މިދުވަސްކޮޅަކީ ހާއްސަ ދުވަސްކޮޅެކެވެ. އެއީ މީގެ ހަތަރު ދުވަސް ކުރިން އާ ސީއީއޯ ހަސަން ޝާހު ކުންފުންޏާ ހަވާލުވެ ވަޑައިގެންފައިވާތީ އުންމީދު އާވެގެނެވެ. މިއަދަކީ ވެސް އެމްޓީސީސީއަށް ހާއްސަ ދުވަހަކެވެ. އެ ކުންފުނިން މިއަދު ފާހަގަ ކުރަނީ 38 ވަނަ އަހަރީ ދުވަހެވެ. މިއަދު ހެނދުނުން ފެށިގެން އަހަރީ ހަރަކާތްތައް ކުރިޔަށް ދާނެ އެވެ. އެމްޓީސީސީ، 38 އާ ހަމައަށް ދަތުރު ކުރިއިރު އާ ސީއީއޯއާ ޝާހުއާ ލައްވާލާފައި މިވަނީ ކުންފުނީގެ ހާލަތު ބޮޑު ތަނުން ދަށްވެފައިވާ ދައުރެކެވެ. އެކަމަކު އާ ސީއީއޯ ޝާހަކީ ތަޖުރިބާކާރެކެވެ. އޭނާ ހުންނެވީ އަޒުމުގަ އެވެ. އޭނާއަކީ ކުރިން ޖުމްހޫރީ ޕާޓީ ސެކްރެޓަރީ ޖެނެރަލެވެ.

މިހާރު އެ ޕާޓީގެ ކައުންސިލް މެންބަރެކެވެ. ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ކުރިން އެމްޑީގެ އެސްޖީ އެވެ. ޝާހަށް އެމްޓީސީސީގެ "ރަސްކަން" ލިބި ވަޑައިގެންނެވުމަކީ ޓީމް އެމްޓީސީސީ އަލުން ދުއްވައިގެންފާނެ ބަދަލެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް އަދި މެނޭޖިން އެޑިޓަރު އަހުމަދު ނާއިފު ވަނީ އެމްޓީސީސީއަށް ގެންނާ ބަދަލުތަކާބެހޭ ގޮތުން ޝާހާ ސުވާލުކޮށްފަ އެވެ.

ނިމިދިއަ ސަރުކާރުގައި އެމްޓީސީސީން ވަނީ ވަރަށް ބޮޑު އިންވެސްޓެއްކޮށް ޑްރެޖަރެއް ހޯދާފައި، އެއަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރުގެ ހަރަދުކުރި، ބުނެވޭ ގޮތުގައި މަހާޖައްރަފަކީ ހަމަ އަގަށްވުރެ ބޮޑުކޮށް ބަނދެފައިވާ ޑްރެޖަރެއް. މިހާތަނަށް ބެލި ބެލިމުން އެފަދަ އެއްވެސް ކަމެއް ފާހަގަވެފައިވޭތޯ؟ އެވަރަށް ހަރަދުކޮށްގެން ގެންނަން ޖެހޭ އެއްޗެއްތޯ އެއީ؟

އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ ފަދަ ފަޅުތައް ބޮޑު، ހިކި ފަހަށް ވުރެ މޫދު ބޮޑު ގައުމެއްގައި އަދި އަޅުގަނޑުމެންގެ ބިން ހިއްކުމުގެ ޕްރޮޖެކްޓްތައް ބޭރު ގައުމުތަކަށް ދޭން ޖެހޭއިރު މިފަދަ ޑްރެޖަރެއް ރާއްޖޭގައި އޮތުން މުހިންމު، އެއީ އަޅުގަނޑުގެ ދެކޭ ގޮތް. އެ ނޫނޫނިއްޔާ ހުޅުމާލޭގެ ފޭސް ދޭއް ވެސް ރިސޯޓްތައް ވެސް އެހެން ތަންތަން ވެސް ސިނާއީ ސަރަހައްދުތައް ވެސް ދޭން ޖެހެނީ އަދި ދެނީ ވެސް ބޭރުގެ ކުންފުނިތަކަށް، އެހެން ދީގެން ބޮޑު ހޭދައެއް ކުރަން ޖެހޭ. އެހެން މަސައްކަތް ކުރާއިރު އެ ޑްރެޖަރެއް ސިންގަޕޫރުން ނޫނީ ޔޫރަޕުން ރާއްޖެ އަންނަ އިރު ވަރަށް ބޮޑު މޮބިލައިޒޭޝަން ޗާޖެއް ވެސް އަރާ އަޅުގަނޑަށް ވިސްނެނީ މިފަދަ އުޅަނދެއް ރާއްޖޭގައި އޮތީ ވިއްޔާ ބޮޑު ހަރަދެއް ސަލާމަތްވެފައި ރާއްޖެއަށް ރަނގަޅުހެން. އެކަމަކު މި ޑްރެޖަރާބެހޭ ގޮތުން ވަކިން ހަދާފައި ހުރި އޮޑިޓްތައް އެބަހުރި އެ ބަލަމުން މިދަނީ.

އެ ރިޕޯޓް ވިދާޅުވުމުން ކޮން ކަމެއްތޯ ސާފުވަނީ؟

މިހާރުން މިހާރަށް ވެސް އެނގޭ ކަމަކީ މަހާޖައްރާފު ބަނދެފައި އޮތީ މާކެޓްގެ އަގަށް ބަލާއިރުގައި ބޮޑު އަގެއްގައި ކަން. ޕްލޭންކޮށް ކެޓްފައިނޭންސް ލޯނެއްގެ ދަށުން މި ޑްރެޖަރު ބަނީ. މިއަށް މިހާރުވެސް ކޮންމެ ކްއާޓާއަކުން 500000 ޑޮލަރުގެ ރޭޓުން ފައިސާ ވެސް ދައްކަމުން ދަނީ. މި މަހާޖައްރާފު ބަނދެގެން ރާއްޖެ ގެންނަން ތައްޔާރުކުރި ފީސިބިލިޓީ ރިޕޯޓްވެސް އަޅުގަނޑު ބަލައިފިން.

އެ ރިޕޯޓުން ފާހަގަވީ ކޮން ކަމެއްތޯ؟

އެ ރިޕޯޓްގައި މި މަހާޖައްރާފުއިން ބިން ހިއްކާއިރު ހިއްކާނީ ކިއުބިކް މީޓަރެެއް ކިތައް ޑޮލަރަށް ކަމާއި އަދި ރާއްޖެ އަންނަން ވާއިރަށް ހުރި މަސައްކަތްތައް ކަމަށް ހިމަނާފައިވާ ޕްރޮޖެކްޓްތަކެއް ހުރި އެކަމަކު މަހާޖައްރާފު މިކޮޅަށް އާއިރަކު އެ ޕްރޮޖެކްޓްތަކެއް ނެތް. އޭގެ ތަފުސީލްތައް ފަހުން ހާމަ ކުރާނަން. އަޅުގަނޑު މިދަނީ ބަލައި ސާފު ކުރަމުން

ކީއްވެގެންތޯ؟ އެހެން އެދިމާވީ؟

އެހެން ވެފައި އެވަނީ އެ ބަނދެގެން ގެންނަންޖެހޭ ތާރީހަށްވުރެ މާ ފަސް ތާރީހެއްގައި ގެނެވުނު އިރު ރިޕޯޓްގައި ޖެހި ޕްރޮޖެކްޓްތައް މިސްވީ، މުޅިން އެނގޭނީ ބަލައި ހޯދައި ނިމުނީމާ

ދެން ކޮން ކަމެއްތޯ އެއާ ގުޅިގެން ފާހަގަ ވެފައި އޮތީ؟

އެ ޑްރެޖަރުގައި ތިބެނީ އަދިވެސް ގިނައިން ޔޫރަޕްގެ މީހުން، އެ އުޅަނދަށް މުވައްޒަފުން ނަގާފައި ތިބެނީ ހިއުމަން ރިސޯސް މެނޭޖްމެންޓް ކޮންޓަރެކްޓެއް ބޭރުގެ ބަޔަކާއެކު ހަދައިގެން އެ ފަރާތުން މުވައްޒަފުން ލާފައި ތިބޭ ގޮތަށް. މިހާތަނަށް ފެންނަ މައުލޫމާތުން އެ މުވައްޒަފުންގެ މުސާރައަކީ ވެސް މާކެޓްގައި އެފަދަ ވަޒީފާތަކުގައި ތިބޭ މުވައްޒަފުންގެ މުސާރައަށްވުރެ މާ ބޮޑު މުސާރައެއް. މި ސަބަބުތައް މިހެން ހުރުމުން މަހާޖައްރާފުގެ ދުވާލެއްގެ އޯވަހެޑް އެބަ އަރާ ދެ މިލިއަނެއްހާ ރުފިޔާއަށް. އެހެން ނަމަވެސް ހަރަދު ކުޑަ ކުރުމުގެ މަސައްކަތް ކުރެވޭ އޭގެ ތެރޭގައި ކުރިން އޮތް ގޮތް ނޫން ގޮތަކަށް ކެއުން މިހާރު އޮންނަނީ. އަދި އުޅަނދަށް އެހެން ބައެއް މޮޑިފިކޭޝަންތައް ގެނައުމުގެ ވިސްނުން ވެސް އެބަހުރި. އެކަންކަން އެބަ ހިނގާ.

މަހާޖައްރާފުގެ މަސައްކަތްތައްކުގައި މާކެޓް ޕްރައިޒްއާ އެއްވަރުގެ އަގުތައް ޖަހައިގެންތޯ މަސައްކަތް ކުރަނީ؟ މިހެން މި އެހީ މަހާޖައްރާފުން ކުރަނީ ސަރުކާރުގެ މަސައްކަތްތައްތައް ކަމަށްވާތީ.

ނޫން އެފަދަ ހަމަ އަގުތައް ޖަހައިގެން އަޅުގަނޑުމެނަކަށް ކޮންޓްރެކްޓެއް ނުލިބޭ. ކޮންޓްރެކްޓް ލިބެނީ ސަރުކާރުން އެއްބަސްވާ ރޭޓަކަށް، އޭގެ ސަބަބުން ވެސް މަހާޖައްރާފުން ލިބެންވާ މަންފާއެއް ނުލިބޭ އެހެން ނަމަވެސް މަހާޖައްރާފާމެދު ވަރަށް އުންމީދު ބޮޑު، ޕްރޮޖެކްޓްތައް ޕައިޕްލައިންގައި އެބަހުރި. މިހާރުވެސް އެދަނީ ހުރާ ހިއްކަމުން އެ މަސައްކަތް ހަތަރު ދުވަހެއް ތެރޭ ނިމުމުން މާލެ އަތޮޅުގެ ފަޅެއް އެބައޮތް އަމިއްލަ ފަރާތަކުން ހިއްކަން ބޭނުންވާ، އެ މަސައްކަތުގެ އެޑްވާންސް ފައިސާ ވެސް އޮތީ ދައްކާފައި. އަދި ހއ. މާފިނޮޅުގައި އެއާޕޯޓެއް ހެދުމަށް ކުރަން އޮތް މަސައްކަތް ވެސް އެބައޮތް އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މި އުޅަނދު ރާއްޖެއަށް މުހިންމޭ ހަރަދަނާކޮށް އެ އޮޕަރޭޓް ކުރެވޭނެ ނިޒާމެއްގެ ތެރެއަށް ވަންނާށޭ ޖެހެނީ. އެކަން ކުރާނަން އިންޓާނަލް އޮޑިޓްތައް ބަލާފައި. އަދިވެސް އަޅުގަނޑު ދަންނަވަން ބޭނުން އެއީ ހަމަ ރާއްޖެއަށް ރަނގަޅު އެސެޓެކޭ!

މާކެޓް ޕްރައިޒަށްވުރެ އިތުރަށް ކިހާވަރެއް ހޭދަ ކޮށްފައިވޭތޯ؟ އޮޑިޓަރުން ލަފާ ކުރާ އަދަދެއް އެބައޮތްތޯ ލިބެން؟

ސީދާ އަދަދު ދަންނަވާކަށް އަޅުގަނޑަކަށް އަދިއެއް ނޭނގޭ ފަހުން އަޅުގަނޑު އެ އަދަދު ހިއްސާ ކުރާނަން.

ވަރަށް ގިނަ ޕްރޮޖެކްޓްތައް އެމްޓީސީސީ ގެންގުޅޭ އަބަދުވެސް، އެކަމަކު ޕްރޮޖެކްޓްތައް ނުނިމުމާއި އެކި ސަބަބުތައް މެދުވެރިގެން ހުއްޓޭ ގޮތް ވުމާއި އެހެން ގޮސް ބައިވަރު ޝަކުވާތައް އޮވޭ، އެކަން ނިމުމަކަށް ގެނެސް ޓީމް އެމްޓީސީސީގެ ދުވެލި ބާރުކޮށް ހަރުދަނާ ކުރުމަށް ޝާހު އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިިތޯ؟

އެންމެ ބޮޑު އާމްދަނީއެއް އެމްޓީސީސީއަށް ވަންނަނަ ބަޔަކަށް ވާނެ ކޮންޓްރެކްޓް ޕްރޮޖެކްޓްސް އާއި ޑްރެޖިން. އަޅުގަނޑުވެސް ފާހަގަ ކުރަން ބައެއް ޕްރޮޖެކްޓް އެބަހުރޭ. ނުނިމި ދިގުލާފައި، އަޅުގަނޑު މިތާނގައި މިވީ އަދި ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި ވެސް އެކަންކަން ބަލައި މިދަނީ ހަމަ މަގަށް އަޅުވަމުން. އެ ޝަކުވާތައް މިނިމައިޒް ކުރާނަން.

އެ ކީއްވެގެންތޯ އެހެންވަނީ؟ އެކަން ބަދަލު ކުރަން ޝާހު ކުރައްވާނީ ކޮން ކަމެއްތޯ؟

އެހެން ދިމާވަނީ ގިނައިން މި ހިންގަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް އެ ޕްރޮޖްކްޓައް އެވޯޑް ކުރާއިރު ގިނަ ފަހަރަށް ވަގުތެއް ނުލިބޭ ކޮންޓްރެކްޓް ކިޔާލަންވެސް އެއީ އަބަދުވެސް ވާ ގޮތް، އޭރެއްގެ ރައީސް ކޮންމެސް ތާކަށް ވަޑައިގެން އިފްތާހު ކުރަންޖެތީ ސޮއި ކުރަނީ، އެހެންވީމާ ޕްލޭން ނުކުރެވި މުނާސަބަތަށް އިފްތިތާހު ކުރާ ކޮންޓްރެކްޓް ގިނައީ. ވާ ގޮތަކީ ކޮންޓްރެކްޓް އެވޯޑްކޮށްފައި ބަލާއިރު ބިން ވަކި ނުކުރެވި ހިނގައިދާނެ ކިތަންމެ ދުވަހެއް. ކޮންޓްރެކްޓްގައި ނުހިމެނޭ ކަމެއް ވަދެގެން ދިގުލާފާނެ ނޫނީ ކައުންސިލުން ވަކި ގޮތެއް ބޭނުންވެގެން ހުއްޓިދާނެ މީގެ ސަބަބުން އެމްޓީސީސީއަށް ގެއްލުން ވަމުން ދޭ އެތައް ސައިޓެއްގައި އެއްފަހަރާ މަސައްކަތް ކުރާއިރު. އެހެންވީމަ އެގޮތަށް އިކްއިޕްމެންޓާ ސްޓާފުން ދިމަ ދިމާގައި ތާށިވުމުން ލަސްވުމާއެކު ގެއްލުންވޭ. މި ސަރުކާރުންގައި އެމްޓީސީސީއަށް އެ ދައްޗެއް ނޯންނާނެ.

ކިހިނެއްތޯ ކުންފުނީގެ އެތެރޭގެ ހާލަތު އޮތީ؟

އަޅުގަނޑު އައިސް ބަލައިލި އިރު އެއް ޑިޕާޓްމަންޓާ އަނެއް ޑިޕާޓްމަންޓާ އޮންނަން ޖެހޭ ކޯޑިނޭޝަން އޮންނަންވާ މިންވަރަކަށް ނެތް. ޕްރޮޖެކްޓްސްގެ އިސް ފަރާތްތަކަށް ވާހަކަ ދެކެވި ކަންކަން ލަސްވަނީ ކީއްވެތޯ ސާފު ކުރުމުން ވިދާޅުވޭ ކީއްހޭ ކުރާނީ މެޓީރިއަލް ސަޕްލައި ކޮށް ނުދެންޏާ ކުރާނެ ކަމެއް ނޯވެއޭ. ދެން ޕްރޮކިއުމެންޓަށް ގޮސް ސާފުކޮށްލުމުން އެބޭފުޅުން ވިދާޅުވޭ ނޫނެކޭ އެއީ ދޮގެކޭ! އެހެންވީމާ އާ ސީއޯ ޖެހޭ ވަރަށް ބޮޑަށް ކޯޑިނޭޓްވެ ޑެލިގޭޓް ކުރަން. އެކަންކަން އަޅުގަނޑު ކުރާނަން. ބްރިޖްކޮށް ހަރުދަނާކޮށް ޕީއާރާއެކު ކުރިޔަށް ގެންދާނަން. މި ސްޕީޑް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. މި ވީ ދުވަސްކޮޅުގައި ވެސް އަޅުގަނޑަށް ވަރަށް ގިނަ ކޯލްތައް އައިސްފި ޝަކުވާތައް ވެސް އައިސްފި ޕްރޮޖެކްޓްތަކާ ގުޅިގެން. އަބަދު ޝަކުވާގެ ކޯލެއްގައި މި އިނދެވެނީ އަދި.

ޝާހަށް މިއޮތީ އެމްޓީސީސީ ހިންގަން ލިބިފައި މިހާރު މިއޮތީ ޝާހުގެ "ރަސްކަމެއް" ޝާހު ޓެސްޓް ކޮށްލެވޭނީ ކިހާ ދުވަހަކުން؟

މިހާރު އެބައޮތް ކުޅުދުއްފުށީ ބަނދަރު 126 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ލިބިފައި އެއީ 450 ދުވަހުގެ ޕްރޮޖެކްޓެއް މި ޕްރޮޖެކްޓުން އަޅުގަނޑުގެ އެފިސެންސީ އާއި ޕާފޯމެންސް ޓެސްޓް ވެގެން ދާނެ. އުންމީދު އާކޮށްދޭނަން.

އަހަރު މިދަނީ ނިމެން މި އަހަރުގެ ތިންވަނަ ކްއާޓަށްއަށް ބަލާއިރު ކުންފުނީގެ ފައިދާ ވަރަށް ދަށްވެފައި ހުރީ އެއީ 2017 ގައި ލިބުނު 17.4 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ވެސް 98 ޕަސެންޓް ދަށް މިންވަރެއް ކަމަށްވޭ. އޭގެ ސަބަބަބަކީ ކޮބައިތޯ؟ ސިޔާސީ ކަންކަމުގައި ކުންފުނި ވަރަށް ބޮޑަށް ބޭނުން ކުރީތޯ؟ ނޫނީ ނުހިންގުނީތޯ؟

ސިޔާސީ ކަންކަމުގައި ކުންފުނި ބޭނުންކޮށްފައި އޮތް ކަމަށް ބުނެވޭނެ ޖާގަ އެބައޮތް. އެހެން ދަންނަވަންޖެހެނީ ފައިދާގެ ވާހަކަ މި ދައްކަނީ ދެއްތޯ؟ ފައިދާ ދަށްވި ނަމަވެސް ސޭލްސް މާ ބޮޑު ތަފާތެއް ނުފެނޭ ސޭލްސް ތަފާތު ނުވެފައި ޕްރޮފިޓް ކުޑަވަނީ އެކްސްޕެންޑިޗާ ބޮޑުވުމުން އެބައި އޮތީ ވަރަށް ބޮޑަށް ބޮޑުވެފައި. ބައްލަވާ އެސްޓީއޯއިން އޮންނަނީ އަޅުގަނޑުމެނަށް ފިއުލް ކްރެޑިޓް ލިމިޓް 20 މލިއަން، އެވެސް ލިމިޓުން ކައްސާލައި 50 މިލިއަނަށް އަރައިގެން ގޮސްފައި އޮތީ. މީގެ ސަބަބުން އިތުރަކަށް ތެލެއް ދޭކަށް އެސްޓީއޯ ބޭނުމެއް ނުވޭ. އޭގެ ސަބަބުން މަސައްކަތްތަކަށް ބުރޫއަރާ އެހެރީ ހަމަ ގައިމުވެސް ފެންނަން ނެތަސް ސިޔާސީ ގޮތުން ކުންފުނި ބޭނުންކޮށްފައި. އޭގެ އިތުރަށް ބައެއް ފަރާތްތަކުގެ ޝަކުވާއާ ގުޅިގެން ތަހުގީ އިދާރާރަކުން ވެސް ކުންފުންޏާ އަބަދުމެ ސުވާލުތައް ކުރޭ. އެހެންވީމާ އެނގޭ ސިޔާސީ ކަންކަމަށް ކުންފުނި ބޭނުން ކުރިކަން.

މުވައްޒަފުން ވެސް އެޮގޮތަށް ސިޔާސީ ބޭނުންތަކުގައި ބޭނުން ކުރިތޯ؟

މިއަދު އަޅުގަނޑަށް އެނގުނު މިތާނގައި ރިސެޕްޝަން ހުރި ކުއްޖާ ވެސް ނުކުމެގެން ދާން ޖެހުނީ ޕީޕީއެމްގެ ޖަލްސާތަކަށް އެ ކުއްޖާއަށް ނުދެވޭތީ ކަން. އެހެން މުވައަޒަފުންނަށް ވެސް ޕީޕީއެމްގެ ޖަލްސާތަކަށް ދާން ވަރަށް ބޮޑަށް ބާރު އަޅާފައި އޮތީ އެއީ ސިޔާސީ ކަންކަން. އެކަން އެގޮތަށް ހިނގި.

އެކަން ކަމުން ކުންފުނި އެއްފަރާތް ކުރަން ޝާހު ރައްވާނީ ކޮންކަމެއް؟ ކޯލިޝަން ޖަލްސާތަކަށް މުވައްޒަފުން ގެންދަން ބާރު އަޅުއްވާނަންތޯ؟

އެންމެ ފުރަަތަމަ މިހާރުގެ ރައީސަށް ވެސް ބަލައިލަންޖެހޭ. ކުރީގެ ރައީސާ މިހާރުގެ ރައީސާ އަޅައިކިޔާލަން ވެސް ޖެހޭ. ފާހަގަވާ ވަރަށް ދެ ބޭފުޅުން ތަފާތު މިހާރުގެ ރައީސަކީ މަޑުމައިތިރި ބޭފުޅެއް. ކުރީގެ ރައީސަކީ ބަސް ހަރު، ބާރުގެ ބޭނުން ކުރައްވާ ވަރުގަދަ ވެސް ބޭފުޅެއްކަން ޕޯޑިއަމް ސްޕީޗްތަކުން ވެސް އެނގޭ. ކަންކަން ނާޖާއިރު ގޮތުގައު ކުރައްވާ ވަރުގަދަ ބޭފުޅެއް އެއީ. އަޅުގަނޑު ގަބޫލެއް ނުކުރަން ކުރީގެ ރައީސްގެ ފަރާތުން އައި ފަދަ ކަންކަން މިހާރުގެ ރައީސްގެ ފަރާތްޕުޅުން އަންނާނެ ކަމަކަށް. އަޅުގަނޑެއް މި ކުންފުނީގެ މުވައްޒަފުންނަށް މަޖުބޫރެއް ނުކުރާނަން ސިޔާސީ ކަންކަމުގައި ބައިވެރިވާކަށް. އެބޭފުޅުންނަށް ފެނިގެން ދިއުމަކީ އެހެން ކަމެއް. ސިޔާސީ ޖަލްސާތަކުގެ އެޓެންޑެންސް ބަލާ ފިޔަވަޅު އަޅާ މީހަކަށް އަޅުގަނޑު ނުވާނަން.

ކިހާވަރެއްގެ ވޯކް ފޯސްއެއް އޮވޭތޯ؟

އެބަތިބި 1100 އާއި 1200 ދެމެދުގެ އަދަދެއްގެ މުވައްޒަފުން.

އެ ފޯސް އެކަށީގެންވާ ގޮތުގައި ބޭނުން ކުރެވޭތޯ؟

އަޅުގަނޑު މިވީ އަދި މިތާނގައި ހަތަރު ދުވަސް، މިހާތަނަށް އެނގުނު ގޮތުގައި މިތަނަށް އޮތީ ކެޕޭސިޓީ ބިލްޑިންއަށް ރަނގަޅަށް އިންވެސްޓްކޮށްފައި ރަނގަޅު ގައުމުތަކުގެ ރަނގަޅު ޔުނިވާސިޓީތަކުން މަތީ ތައުލީމް ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުން. މިތާނގައި ގިނައީ އިލްމީ ބޭފުޅުން، ކޮލިފައިޑް ޓީމެ އޮތީ؟

ދެން ނެތީ ކޯނޗެއް؟

ނެތީ އެ ޓީމް ގޮވައިގެން ނުކުންނާނެ ކެޔޮޅެއް އަޅުގަނޑު އެ މީހާއަށް ވާނަން... މުވައްޒަފުންނަށް ބަލާއިރު ލެވެލް ޓޫގެ މުވައްޒަފުންގެ އިސޫސް މިހާރު އުޅޭ އެނގިވަޑައިގަންނަވާނެ އެމްޓީސީއަކީ ކުރިން ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހާއްސަކޮށް ހުޅުމާލެއާ ދެތޭ ދުވާލަކު 21،000 ފަސިންޖަރުން އުުފުލާ ކުންފުންޏެއް މިހާރު އެ އަދަދު 5000 އަށް ތިރިވެއްޖެ، ވަރަށް ބޮޑް ޑްރޮޕެއް އެއީ. އޭގެ ސަބަބުން އަޅުގަނޑުމެނަށ ޕަބްލިކް ޓްރާންސްޕޯޓްގެ ގެއްލުން ބޮޑުވެއްޖެ ޕަބްލިކް ޓްރާންސްޕޯޓްގައި މަހަކު އަޅުގަނޑުމެން މިހާރު މިދަނީ ހަތަރު މިލިއަނެއްހާ ރުފިޔާ ލޮސްގައި.

އެކަން ފޫބައްދާނީ ކިހިނެއް؟

އަޅުގަނޑުމެނަކީ މ، ފ، ދ. އައްޑޫ ފުވައްމުލައް ފިޔަވައި މުޅި ރާއްޖޭގެ ހުރިހާ ތަނެއްގައި ދަތުރުފަތުރުގެ ނިޒާމް ދޭ ކުންފުނި އެހެންވީމާ މި ގެއްލުން ފޫބެއްދުމަށް ވިސްނުމެއް ގެންގުޅެން ޖެހޭ. އެކަމަށް މިދަނީ ސަރުކާރާ ވާހަކަ ދައްކަމުން އަދި ވިލިމާލޭ ފެރީ ޓާމިނަލުން ކުންފުންޏަށް ރަނގަޅެއް އޮތަސް ބްރިޖާއެކު އަޅުގަނޑުމެނަށް ދަށްވެގެން ދިޔައީ. އެކަމަކު އަޅުގަނޑުމެނަށް މާލެ ހުޅުމާލެ ސެކްޓާވެސް ހުއްޓާލެވޭކަށް ނެތް އެހެންވެ މިހާރުވެސް އެއާކޯން ފެރީއެއް ބާއްވަން.

އެންމެ އަވަހަށް ކުންފުންޏަށް ގެންނަން ޖެހެނީ ކޮން ބަދަލެއްތޯ؟

އެންމެ މުހިންމު ބަދަލަކީ ކިހިނެއްތޯ މި އަންނަ މަހަކު ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދޭނީ. އެކަން ކުރެވޭނެ ބަދަލެއް ގެންނަންޖެހޭ. މިވަގުތުވެސް މިއަދުވެސް ޗީފް ފައިނޭންޝަލް އޮފިސަރު ގުޅުއްވާ ވިދާޅުވި ބައެއް ފޭމަންޓް ލިބޭނެ ގޮތް ފިނޭންސް މިނިސްޓްރީން ފަހިކޮށް ދެއްވާށޭ. އެނގިވަޑައިގެންނަވާނެ ބައެއް އާ މިނިސްޓްރީ އުފެދުނު އިރު އެ ވުޒާރާތަކުގެ ސެޓަޕްތަކެއް މުޅިއަކުން އަދި ނުނިމޭ. އަޅުގަނޑުމެންގެ ވަރަށް ގިނަ ޕޭމަންޓް އަންނަން އެބަހުރި ހައުސިންގެ ތެރެއިން. މި ދެންނެވި ސެޓަޕް އަދި ނެތީމަ ސިސްޓަމްތެރެއިން އަޅުގަނޑުމެންގެ ޕޭމަންޓްތަކެއް ޕޯސްޓެއް ނުކުރެވޭ. އެ މަޑުޖެހިފައި ހުރުމުން އެކަމަށް މިވަގުތު ބަދަލެއް ގެންނަން ޖެހޭ.

އަލަށް ހިއްސާ ވިއްކަން ގަސްތު ކުރައްވަންތޯ؟

ނޫން މިވަގުތަކަށް ހިއްސާ ވިއްކުމުގެ ވިސްނުމެއް ނެތް. އޭރުވެސް މަހާޖައްރާފުގެ އިޝޫއާހުރެ ހިއްސާދާރުންގެ ހިއްސާއަށް ވަނީ އަސަރުކޮށްފައި.

ކޮބައިތޯ ހިޔާ މަޝްރޫއުގައި އެމްޓީސީސީގެ ބައިވެރިވުން އެކަން ކުރިޔަށްދޭތޯ؟

މި ކޮޅުގައި ވެސް ހިޔާ މަޝްރޫގެ ބައެއް އޮވޭ ހުޅުމާލޭގައި ފްލެޓް އެޅުން އެ ކަމުގައި ކަންކަން ގޮސްފައި އޮތީ އެންމެ ރަނގަޅަކަށް ނޫން އެކަން އަޅުގަނޑު މިދަނީ ބަލަމުން

އިކްއުޕްމެންޓްގެ ހާލަތު ކިހިނެއް؟

ރަނަގަޅު އިނގޭތޯ، އެވްރެޖް ރަނިން ކޮންޑިޝަންގައި ހުރީ

އެމްޓީސީސީއަކީބ އިމާރާތް ކުރުންފަދަ މަސައްކަތްތައް ކުރާ ކުންފުންޏެއް. މާލޭގައި އިމާރާތެއް ކުރުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކުއްޖަކު ވަނީ މަރުވެފައި. އެއާ ގުޅިގެން އެމްޓީސީސީގެ ސައިޓްތަކުގައި ރައްކާތެރި ކަމުގެ ފިޔަވަވަޅު އަޅައިފިންތޯ؟

އާދެ، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ ފުރިހަމައަށް އަޅާފައި.

މާހާ ޖައްރާފު އޮޕަރޭޓް ކުރަން ދިވެހިން އެރުވޭވަރުވާނީ ކިހާ ދުވަހަކުންތޯ؟

އެކަމަށް އަޅުގަނޑުގެ ޝައުގުވެރިކަން ބޮޑު، އޭގެ ޗީފް އިނޖިނޭރަކީ ވެސް ދިވެއްސަކަށް ހެދުމާއި ކެޕްޓަނާއި ކުރޫން ވެސް ދިވެހި ކުރަން ބޭނުން. މީހުން ތަމްރީނުކޮށް އެކަން ވެސް ކުރާނަން. މިހާރު ބޭރުގެ ފަރާތަކާއެކު އޮތް ހިއުމަން ރިސޯސް މެނޭޖްމެންޓް ކޮންޓަރެކްޓް އަންނަ ޖަނަވަރީގައި ހަމަވާނެ އޭގެ ފަހަށް އެ ފުރުސަތު އަޅުގަނޑަށް ލިބިގެންދާނެ.

އަޅުގަނޑަށް އެމްޓީސީސީ ބަދަލުކޮށް ލެވޭނެ. ނާޖާއިޒު ފައިދާ ނެގުމާއި ހިޔާނާތް ހުއްޓުވައި ހިއްސާދާރުން އުފާކޮށްދެވޭނެ. ހިޔާނާތަށް ޖާގައެއް ނުދޭނަން.
ހަސަން ޝާހު | ސީއީއޯ، އެމްޓީސީސީ

ޝާހަށް ކިހާ ދުވަހެއް ބޭނުންފުޅުވޭތޯ މި ކުންފުނި އަލުން ކޮޅަށްޖަހަން؟

މިހާރު ފެންނަން ހުރި ހިސާބުތަކަށް ގެނެވޭނެ ބަދަލެއް ނޯންނާނެ، އެކަމަކު އަޅުގަނޑުމެން މިހާރު އެބައޮތް ބިޒްނަސް ޕްލޭން މޮޑެލްއެއް އޭގައި 1.4 ބިލިއަނާ ހަމައަށް އެބަ ފޯކާސްޓް ކުރަން ސޭލްސް ... އެ ޕްލޭން ތަންފީޒު ކުރަން އަޅުގަނޑު ތެދުވާނަން. އޭގައި އެބަހުރި ވަރަށް ފުރިހަމަ ކަންކަމާއެކު ބޮޑުބައެއް އައިއެސްއޯ ސްޓޭންޑަށް ދާން. އެ ޕްލޭން ބޯޑުން ފާސްވުމުން ހާމަ ކުރާނަން. މިވަރުގެ ކުންފުންޏަކަށް ވަގުތު ބޭނުންވޭ އެކަމަކު ހަ މަހުން އަޅުގަނޑު ނަތީޖާގެ ކާވް ބަދަލު ކުރާނަން.

ޝާހުގެ ތަޖުރިބާ އެބަ ހުރިތަ ޔަގީންކަން އެބަ އޮތްތަ؟

ރައީސް ޔާމީން ސަރުކާރުގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑު ހުރިން. ރައީސް ވަހީދު ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަނަކީ އަޅުގަނޑު. އިލެކްޝަން ކޮމިޝަނުގައި ވެސް އަޅުގަނޑު ހުރިން. އަޅުގަނޑު ހުރިން އެމްޑީޕީގެ އެސްޖީ ކަމުގައާ ޖޭޕީގެ އެ މަގާމުގައި ވެސް އެހެންވީމާ ތަޖުރިބާ މަދެއް ނޫން. އަދި ޕްރައިވެޓްކޮށް އަޅުގަނޑު އައީ ތިމާވެއްޓާއި ސާވޭ އާއި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހަރަކާތްތެރިވަމުން އެހެންވީމާ އަޅުގަނޑު އަލެއް ނޫން. އަޅުގަނޑު ހީކޮށްގެން ހުރީ ފުރުސަތެއް ލިބޭނީ އެމްޕީއެލްގެ ތެރޭން ކަމަށް އެކަމަކު ވަންނަން މި ޖެހުނީ އެމްޓީސީސީއަށް. މިތާނގެ މަސައްކަތްތަކަށް ވެސް އަޅުގަނޑު ވަރަށް ޝައުގުވެރިވެއްޖެ.

ހިޔާނަތާއި ނާޖާއިޒު ފައިދާ ނެގުން ކުންފުނިތަކުގައި ވަރަށް ބޮޑު، ޝާހުގެ ދައުރުގައި ވެސް އެކަކަންކަން ހުއްޓުވޭނެތަ؟

އަޅުގަނޑަށް އެމްޓީސީސީގެ ކާވް ބަދަލުކޮށް ލެވޭނެ. ނާޖާއިޒު ފައިދާ ނެގުމާއި ހިޔާނާތްވުން ހުއްޓުވައި ހިއްސާދާރުން އުފާކޮށްދެވޭނެ ހިޔާނާތަށް ޖާގައެއް ނުދޭނަން. އެ ހިތްވަރު އެބަހުރި މިހާރު މިތާނގައި ކަންކަން ހުރީ ލަދުގަންނަ ހާލަތުގައި އަޕްފްރޮންޓްކޮށް ދޯންޏެއް ގަންނަން ހަތަރު މިލިއަން ދީފައި ދެ އަހަރުވާއިރު ދޯންޏެއް ވެސް ނުލިބޭ، ފައިސާއެއް ވެސް ނުލިބޭ މިހެން ވެސް ބައިވަރުކަންކަން. ހިޔާނާތަށް އަޅުގަނޑު ދޭނީ ޒީރޯ ޓޮލަރެންސް.