ދުނިޔެ

ގާޒާގައި އިޒްރޭލާއި ހަމާސް އިން ވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގި: އދ

Jun 23, 2015

ގިނަ ދުވަހެއްގެ އިންތިޒާރަށް ފަހު އދ. އިން ނެރުނު އެ އުދުވާނާ ގުޅޭ ތަހުގީގު ރިޕޯޓުގައި ބުނި ގޮތުގައި ދެ ފަރާތުން ވެސް އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް "ސީރިއަސް އަމަލުތައް" ހިންގިކަން ސާބިތުވާ ވަރަށް ހެކި އެބަހުއްޓެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓުގެ މައްސަލަ ހޫނުވެފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އެ ތަހުގީގު ހިންގި ޓީމުގެ އިސް ވެރިޔަކަށް ހުންނެވި ވިލިއަމް ޝަބާސް ފަލަސްތީނު ކޮޅަށް ޖެހިފައިވާ ކަމަށް އިޒްރޭލުން ތުހުމަތުކުރުމާ އެކު އޭނާ ވަނީ ތަހުގީގުގެ މެދު ތެރެއިން އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ އެހެން ޖަމާއަތެއް ކަމަށްވާ ޕަލަސްތައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަށް އޭނާ ކުރިން މަސައްކަތްތަކެއް ކޮށްދީފައިވާކަން ހާމަވުމުންނެވެ.

އިއްޔެ ނެރުނު އދ.ގެ ރިޕޯޓު އިޒްރޭލުން ވަނީ ގަބޫލުނުުކޮށް، ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭގެ ކުރިން އިޒްރޭލުން ވަނީ ތަހުގީގަށް އެއްބާރުލުން ދޭން ވެސް ދެކޮޅު ހަދާފަ އެވެ.

"އެއީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހިފައި އޮތް، އެއްވެސް އުސޫލުތަކެއްގެ މައްޗަށް ބިނާ ނުކޮށް ހިންގި ތަހުގީގެއް،" އިޒްރޭލު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުުންޏެވެ.

އާބާދީގައި 1.8 މިލިއަން މީހުން ދިރިއުޅޭ ގާޒާ އަށް އިޒްރޭލުން މިދިޔަ އަހަރު މެދުތެރޭގައި ވަދެ ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އިޒްރޭލުގެ 72 މީހުން މަރުވިއިރު، އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލުގެ 66 ސިފައިންނެވެ.

ފަންސާސް ފަސް ދުވަހަށް ދިގު ދެމިގެން ދިޔަ އެ އުދުވާން ހިންގަން ޖެހުނީ، އިޒްރޭލުން ބުނެފައިވާ ގޮތުގައި، ހަމާސްގެ ހަނގުރާމަވެރިން ގާޒާ މެދުވެރިކޮށް އިޒްރޭލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓުވާށެވެ. އެކަމަކު، ހަމާސް އިން އެކަން ދޮގުކުރެ އެވެ.