ކާފަގެ ވަޑާން ފޮށިން ބަދަލުކޮށްލި ދިރިއުޅުން!

ތުލުސްދޫން: އިބްރާހިމް
Dec 20, 2018

ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާ ކުރަމުން އައި އުމުރުން 40 އަހަރުގެ އަބްދުﷲ ރަޝީދު މި ރަށް، ތުލުސްދޫއަށް ޖައްސާލީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަންހެނުންނާއި ދަރިފުޅާއެކު ހަފުތާ ބަންދުގެ ޗުއްޓީ ހަދާލާށެވެ. އެއީ 2014 ވަނަ އަހަރެވެ. ރަޝީދުގެ މި ޗުއްޓީވީ ހަޔާތަށް އައި ބަދަލަކަށެވެ. މި ރަށް ދޫކޮށްލާފައި އެނބުރި މާލެދާ ހިތެއް ނުވި އެވެ. ސަބަބަކީ އާމްދަނީ ހޯދައިގެން ދިރިއުޅުމުން ކޮޅަށް ޖެހިދާނެ އެތައް މަގެއް މިރަށުގައި ކޮށިދާނެކަން އޭނާއަށް ޔަގީންވުމެވެ. އެހެންވެ ގޮތެއް ނިންމީ އެވެ. އަންހެނުންނާއި ދަރިން މާލެއަށް ފޮނުވާލައި މި ރަށުގައި މަޑުކުރާށެވެ.

"މިރަށުން އަންހަނަށް ފެނުނީ މުޅީން ވެސް ރުފިޔާ! ޓޫރިސްޓުންނަށް ހިދުމަތް ދީގެންވެސް ފައިސާ ހޯދެން އޮތް. އެއަށް ވުރެ އަދި މާބޮށް ލަކުޑިތައް އޮންނަނީ މި ރަށުގައި މީހުން ބޭނުން ނުކޮށް އުކާލާފައި. އަހަރެން ހިތަށް އެރީ އެއިން [ލަކުޑިތަކުން] ކޮންމެވެސް ބޭނުންމެއް ހިފައިގެން އާމްދަނީއެއް ހޯދަން ފަށާނީއޭ. އެ ހިޔާލު އައީ އެންމެ ކުޑަ އިރުވެސް ކުރާ ހިތްވީ ވަޑާމުގެ މަސައްކަތަށްވާތީ" ވަޑާންފޮށީގެ ނަމުގައި މި ރަށުގައި ވަޑާންގެއެއް ހަދައިގެން ސުވެނިއާ ތައްޔާރު ކުރަމުން އަންނަ، އަބްދުﷲ ރަޝީދު ބުންޏެވެ.

އެންމެ ފުރަތަމަ ރަޝީދުގެ ދިރިއުޅުން މި ރަށަށް ބަދަލުކޮށް ވަޒީފާ އަދާކުރަން ފެށީ ރައްޓެއްސެއްގެ ގެސްޓްހައުސްއެއްގަ އެވެ. އެހެން ނަމަވެސް އެ ވަޒީފާގައި އޭނާއަށް މާގިނަ ދުވަހަކު ހުރެވޭ ގޮތެއް ނުވި އެވެ. އެހެންވާން ޖެހުނީ އޭނާގެ އުމުރުން އެންމެ 12 އަހަރުގައި ފެށިފައި އޮތް ވަޑާމުގެ މަސައްކަތައިގެން ކުރިއަށްދާން ބޭނުންވިލެން ބޮޑު ކަމުންނެވެ.

ރަޝީދު ބޭނުންވީ ދުވާލުގެ ބޮޑުބައެއް އެ މަސައްކަތަށް ހުސް ކުރާށެވެ. އޭނާގެ އުފަން ރަށް، ކޮޅުފުށީގައި އޭނާ ހިންގި ވަޑާން ގޭގައި ހުރި ސާމާނުތައް ގެނެސް، މި ރަށުން ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައި ވަޑާމުގެ މަސައްކަތް ފަށައިގަތީ އެވެ.

ރަޝީދު ބުނި ގޮތުގައި ވަޑާން ފޮށި ހިފައިގެން ގޮސް އެންމެ ފުރަތަމަ އެ މަސައްކަތް އޭނާ މި ރަށުގައި ފެށީ ރަށުގެ އެކި ތަންތަނުގައި އިނދެގެނެވެ.

"އެއްވެސް ހާއްސަ ތަނެއް އޭރަކު ނުހުންނާނެ. ގަސްގަސް ދޮށަށް ކަރަންޓް ބޯޑް އެއްޗިހި ނެރެލައިގެން ކީސް ޖައްސައިގެން އާންމު ތަންތަނުގައި މަސައްކަތް ކުރަން ފެށީ. އެހެން ކުރަމުން ގޮސް މިފަހުން މި ކުޑަތަންކޮޅެއް ވެސް މި ހެދީ. ދެން އަހަރެން އެހެން ކަރަންޓް ކީސް އެއްޗިހި ހިފައިގެން އުޅޭތީ މީހުން ވެސް އަންނަން ފަށައިފި ޝައުގުވެރިވެގެން. އައިސް އެހެން މަސައްކަތް އެއްޗިހި ވެސް ލިބެން ފެށީ،" އަބްދު ރަޝީދު ބުންޏެވެ.

ރަށު ތެރެއިންނާއި ގޮނޑުދޮށާއި ގޮނޑުން ހޮވައިގެން ގެންނަ ލަކުޑި އާއި އުކާލާފައި ހުންނަ ލަކުޑި ހޮވައިގެން ގެނެސް، ކޮށައި މަށައިގެން މަސައްކަތް ފެށީ ގޭތެރޭގައި ބޭނުން ކުރެވޭނެ ތަފާތު ހިފައި ގެންގުޅޭ ސާމާނާއި އެއްޗިހި އުފައްދާށެވެ.

ބަތްކާތައްޓާއި ފެންބޯ ޖޯޑާއި، މާޓުކުރި އާއި ގޭގެ އިންޓްރީއާއަށް ބޭނުންވާނެ ތަފާތު ސާމާނު އޭނާ އުފައްދަން ފެށީ މިރަށުގަ އެވެ. އެކަމަކު އެއީ އޭނާ އަލަށް ކުރަން ފެށި މަސައްކަތެއް ނޫނެވެ. އޭނާ ކުޑައިރު ކާފަ ވަޑާން ކުރާއިރު އޭނާއަކީ، އަތްގާތްކޮށްދޭ އަތް ދަށު ވަޑިއެވެ. ލަކުޑިގަނޑުގެ އެއްކޮޅުގައި ހިފައިގެން ހުންނަން ޖެހުމުން އުފެދުނު ޝައުގުވެރިކަން އޭނާ މިއަދު ބޮޑު ވިޔަފާރި މަސައްކަތަކަށް އަނބުރާލީ އެވެ.

"އަޅުގަނޑު އުމުރުން 12 އަހަރުގެ ތެރޭގައި ވެސް ކާފަ ގޮވާލާނެ އައިސް ބަލާށޭ މި ލަކުޑިގަނޑުގައި ހިފަހައްޓަން. ދެން އެހެން އެހީތެރިވަމުން ގޮސް ވަޑާމުގެ ކަންކަން މަޑުމަޑުން އޭރު ދަސްކުރީ. އެކަމަކު ކާފަ ނިޔާވީމާ މޫދު ކުޅިވަރުގެ ތެރެއަށް ވަދެވި، އެންމެ ފަހުން ރިސޯޓެއްގައި ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓަރަކަށް އުޅެން ޖެހުނީ. އެ ހިސާބުން ވަޑާންކުރުމުގެ ކަންކަން މަޑުމަޑުން ގޮސް ހުއްޓުނީ. އެކަމަކު އޭގެ ފަހުން މީހަކާ އިނދެވި ދަރިން ލިބުނީމާ 2010 އެ ހިސާބުގައި ދަރިން ކައިރިން ހުންނަން ބޭނުންވީ. އެ ހިސާބުން އަނެއްކާ ވަޑާމުގެ މަސައްކަތް ކުޑަކުޑަކޮށް ފެށީ،"

ރަޝީދު އިނދެގެން އުޅެނީ ފްރާންސް ރައްޔިތަކާއެކެވެ. ކައިވެންޏާ ތިން ދަރިން ލިބިފައިވެ އެވެ.

ދަރިން ކައިރީގައި ގޭގައި ހުންނަން ޖެހުމުން ރަޝީދު ވިސްނީ ހުސް ވަގުތުގައި މަސައްކަތެއް ކުރާށެވެ. ހާޑްވެއާ ފިހާރައަކުން ބައެއް ސާމާނާއި އާލާތް ގަނެގެން ދަރިންގެ ކުޅޭ އެއްޗިހި އޭނާ އަމިއްލައަށް ހަދަން ފެށީ އެވެ. ބްލޮކްސް އާއި އެކި ކަހަލަ ކުޅޭ ސާމާނު ލަކުޑިން ތައްޔާރުކުރީ އެވެ. ގެއަށް އަންނަ ރަހުމަތްތެރިނަށް ވެސް އެ ތަކެތި ކަމުދާން ފެށީ އެވެ. އެ ހިސާބުން ރަހުމަތްތެރިންގެ ދަރިންނަށްވެސް އެފަދަ ތަކެތި ތައްޔާރުކޮށްދޭން ފެށީ އެވެ.

އަހަރެން މަސައްކަތް ކޮށްގެން ލިބިފައި އިންނަ ފަސް ރުފިޔާ އާއި މަޖިލިސް މެންބަރުގެ ވޮލެޓުގައި އިންނަ ފަސް ރުފިޔާ ވެސް މާކެޓްގައި އެއީ އެއް ވެލިއުއެއް. އެ ފަސްރުފިޔާ ވަކި އަގުބޮޑެއް ނުވާނެ. އެކަމަކު މި ބުރަ ސައްކަތުން އަހަރެން ހޯދާ ފައިސާއިން ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު
އަބްދުﷲ ރަޝީދު | ވަޑިއެއް

"ގެއަށް އަންނަ ރަހުމަތްތެރިން ވެސް އޭރު ބުނާނެ މީތި ހާދަ ސަޅިއޭ. އެމީހުން އޯޑަރު ދޭނެ މީތި ހަދާލަ ދޭށޭ ކިޔާފައި. އެ ހިސާބުން ދެން ކްރާފްޓް ގޮތަށް ލަކުޑީގެ މަސައްކަތް ކުރަން ފެށީ،" ރަޝީދު ބުންޏެވެ.

ކުޑަކުޑަކޮށް ފެށުނު މަސައްކަތް "ވަޑާންފޮށީ" ގެ ނަމުގައި މި ރަށުގައި ފުޅާކޮށްލައި މަސައްކަތުން ރަނގަޅު އާމްދަނީއެއް މިހާރު ރަޝީދަށް ލިބެ އެވެ. މަހަކު 20،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާ ހޯދަނީ ވަޑާން ފޮށީންނެވެ. ލަކުޑި ކޮށާމަށައިގެން އޭނާ ހަދާ ތަކެތި ޓޫރިސްޓުން ވެސް ގަންނަނީ އުފަލާ އެކު އެވެ. ވަޑާމުގެ މަސައްކަތާއެކު ރަޝީދުގެ ދިރިއުޅުން ވެސް މިހާރު މުޅީން ބަދަލުވެ ނުހަނު އުފާވެރި އެވެ.

"ގާތްގަނޑަކަށް ވިއްސަކަށް ޑޮލަރަށް 70 ވަރަކަށް ޑޮލަރަށް މި އެއްޗިހި ގަނޭ. [އާއިލާއަށް] އުޅެވޭ ވަރުގެ ރަނގަޅު އާމްދަނީއެއް އެބަ ހޯދޭ. މީގެ އިތުރުން ހުސްވަގުތު އޮވެއްޖިއްޔާ ރާޅަށް ޖައްސާލައި ވިންޑްސާފްކޮށްލާ މި ހުރިހާ ކަމެއް ވެސްމި ރަށުން އެބަ ކޮށްލެވޭ. އަސްލު މި ދިރިއުޅުން ވަރަށް އުފާވެރި... މި ދިރިއުޅުން ކިހާ ސަޅި!،" ރަޝީދު ބުންޏެވެ.

ލަކުޑިން އުފައްދާ ސުވެނިއާ ވިއްކަން އޭނާގެ ހިއްސާއާއެކު ކުޑަ ގެސްޓް ޝޮޕެއް ވެސް މިހާރު މި ރަށުގައި ވަނީ
ހުޅުވާފަ އެވެ. އޭނާގެ ހިތާމައަކީ، އޭނާގެ މަސައްކަތަށް އެހީތެރިވާނެ ޒުވާނަކު ރަށުން ނުވުމެވެ. އެކަމަކު އޭނާ ހުރީ އެކަނިމާއެކު ވީހާލެއްވާން އެ މަސައްކަތުގައި ދެމި ހުންނާށެވެ. ރަޝީދުގެ ވާހަކަ ނިންމާލަމުން އޭނާ، އެ މަސައްކަތާ މެދު ފަހުރުވެރިވާ ސަބަބު ބުނެދިނީ ހަމަ އެންމެ މިސާލަކުން އެވެ.

"މިތަނަށް ވެސް މަގޭ ރަށްޓެހިން އައިސް ދުރުގައި މަޑުކުރާނެ. ގަޔަށް ކުނޑި ބުރާފާނެތީ މިތަނާ ކައިރިވެލަން ވެސް ނުކެރޭ. އެކަމަކު ކޮފީއެއް ބޯލަންވީމާ ހަމަ އޯކޭ. އަހަރެން މަސައްކަތް ކޮށްގެން ލިބިފައި އިންނަ ފަސް ރުފިޔާ އާއި މަޖިލިސް މެންބަރުގެ ވޮލެޓުގައި އިންނަ ފަސް ރުފިޔާ ވެސް މާކެޓްގައި އެއީ އެއް ވެލިއުއެއް. އެ ފަސްރުފިޔާ ވަކި އަގުބޮޑެއް ނުވާނެ. އެކަމަކު މި ބުރަ ސައްކަތުން އަހަރެން ހޯދާ ފައިސާއިން ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު. މާ އުފާވޭ ހިތްހަމަޖެހޭ،" އަބްދުﷲ ރަޝީދު ބުންޏެވެ.