މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކީ ރާއްޖޭގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ. މާލޭ ވިޔަފާރި ބަނދަރާއި އަތޮޅުތަކުގެ ތިން ބަނދަރެއް ބަލަހައްޓާ މި ބޮޑު ކުންފުނީގެ ދޭ ހިދުމަތްތަކާ މެދު ރާއްޖޭގެ ވިޔަފާރިވެރިން އަބަދު ވެސް ޝަކުވާތައް ކުރެ އެވެ. ފުރިހަމަ ޕޯޓެއް ރާއްޖެއަށް ބޭނުން ބޮޑުވެފައި އޮންނަ ވާހަކަ ވެސް އަބަދު ދެކެވެ އެވެ.
އަދި ކުންފުނި ސިޔާސީވެފައި އޮންނަ ކަމުގެ ތުހުމަތުތައްވެސް އަބަދު އޮވެ އެވެ. މި ކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނުބުނާ ޒަމާނެއްވެސް ނުދެ އެވެ. އާ ސަރުކާރާއެކު އެމްޕީއެލްއަށް . މިހާރު ވަނީ އާ ސީއީއޯއެއް ވަޑައިގެންފަ އެވެ، އާ ސީއީއޯ ޝާހިދު އަލީ އަށް އަމާޒުވާނެ ބައެއް ސުވާލުތައް އަވަސް އިން ވަނީ އޭނާއާ ކޮށްފަ އެވެ. ތިރީގައި އެވަނީ އެ ސުވާލުތަކަށް ޝާހިދު ދެއްވި ޖަވާބެވެ.
އަބަދުވެސް ޕޯޓްގެ ދަތިކަން ދިމާވެފައި އޮންނަނީ، އަދި އެކަން ހައްލު ކުރާ ވާހަކަ ވެސް ދެކެވޭ. މީގެ ކުރީން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑުބާއީގެ ބަޔަކާއެކު ޕްލޭންތަކެއް ހަދައި ކުރިޔަށް ދެވޭތޯ މަސައްކަތް ކުރި ތިލަފުއްޓަށް ބަނދަރު ބަދަލު ކުރުމަށް. އަދި ވޯލްޑް ބޭންކް ފަދަ ތަންތަނާއެކު ވެސް މަޝްވަރާތައް ހިނގާފައިވޭ ޕޯޓްގެ ދަތިކަން ހައްލު ކުރުމަށް. މިހާރު ފުރުސަތު ލިބިފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް، ކޮބައިތޯ އެކަމަށް ޝާހިދު ގެންގުޅުއްވާ ޕްލޭނަކީ؟ އެއީ ކުރެވޭނެ ކަމެއްބާ؟
ނުކުރެވޭނެ ކަމެއް ނޯވޭ، އެކަމަކު އެއީ އެކަމަކަށް މަސައްކަތް ކުރުމުން... މިހާރު މި ޕޯޓުން ޑިޒައިނަށް ކުރި ގޮތަށް ވުރެ ވަރަށް ގިނަ ބަދަލު އޮތީ އައިސްފައި. ފުރަތަމަ ޑިޒައިން ކުރީ ބަލްކް ކާގޯއަށް. އެއާ ހިލާފަށް އަސްލު ޑިޒައިނަށް ވުރެ ހަތަރު ގުނަ މިހާރު ވަނި މިހާތާގެ މަސައްކަތް މަތިވެފައި. އަދި ޖާގަ އޮތް ގޮތުން ދެ ފަރަތަށް ކޮމާޝަލް ހާބަރު އޮތީ މިހާރު ލިމިޓްވެފައި ދެކުނުން ވެސްޓް ޕާކް ސައިޑަށް ލިމިޓްވެފައި އަނެއްކޮޅުން ނޯތު ހާބަރާ ހަމައަށް ނިމިފައި. ދެން އެކޮޅަށް އޮތީން އާންމު ބަނދަރު އެހެންވީމާ ދެނެއް ޖާގަ ފުޅާ ކުރެވޭނެ އެއްވެސް އޮޕްޝަނެއް ނެތް. މި ބަނދަރުގެ އެންމެ ބޮޑު މައްސަލައަކީ ވެސް ޖާގައިގެ ދަތިކަން. މިހާރު ތަނަށް އަރުވާ ބާލާ ކޮންޓެއިނާގެ އަދަދަށް ބަލާއިރުވެސް ބާލާ ކޮންޓާ ބަހައްޓާނެ ޖަގަ އާއި ކޮންޓެއިނާ ކަނޑަން ތިރިކޮށްފައި ބަހައްޓާނެ ޖާގަ އާއި ނިމުނީމާ ފުރުވާލުމުގެ ކުރިން ބަހައްޓާނެ ޖާގައެއް ނެތް.
އެމްޕީއެލްގެ ހުޅުމާލެ އޮޕަރޭޝަނުން ލުޔެއް ނުލިބޭތޯ؟
ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދަން އޮޕަރޭޝަންގެ ބައެއް ހުޅުމާލެއަށް ގެންދިޔައީ. އެ ޖާގަ ބޮޑަށް ބޭނުން ކުރީ ހުސް ކޮންޓެއިނާ ބަހައްޓާ ތަނަކަށް. އެކަމަކު އެ ރަށުގައި މިހާރު ކޮންޓެއިނާ ކްލިއާވެސް އެބަކުރޭ، އެއާއެކު ހުޅުމާލެއިން ލިބިފައި އޮތް ޖާގަވެސް އޮތީ ކުޑަވެފައި.
އެހެންވީމާ ދިގު މުއްދަތުގެ ޕްލޭނަކީ ކޮބައިތޯ؟
ބަނދަރުގެ ލޯންގް ޓާމް ޕްލޭނަކަށްވާން ޖެހޭނީ ބަނދަރު ބޮޑު ކުރެވޭނެ އޮޕްޝަން އޮތް، އަދި މިހާރު މި އަންނަ ކަންކަމާއި ކާގޯއަށް ކޭޓާ ކުރެވޭވަރުގެ ޖާގަ އޮތް ބޮޑު ތަނެއްގައި ބަނދަރު ހެދުން. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ދިގު މުއްދަތުގެ ހައްލަކީ އެއީ. ކުރިންސުރެ ހަދާފައި ހުރި ދިރާސާތަކަށް ބަލާއިރު އަދި ތަޖުރިބާކާރުންގެ ލަފައަށް ބަލާއިރު ވެސް ތިލަފުއްޓަށް ޕޯޓް ބަދަލު ކުރުން އެންމެ ރަނގަޅު ގޮތަކީ އެ ރަށުގައި އެބައޮތް ޕޯޓް އެކްސްޕެންޑް ކުރެވޭނެ ޖާގަ. ބިން ހިއްކައިގެ ބޮޑެތި ސްޓޯރޭޖްތަކާއި ވިޔަފާރިވެރިންގެ ބޭނުމަށް އިންޑަސްޓްރިއަލްކޮށް ދެވޭނެ ޖާގަ އާއި ހާބާގެ ހުރިހާ އޮޕްޝަނެއް އެވައިލްއޭބަލްކޮށް އެކްޕެންޑް ކުރެވެން އޮތީ ތިލަފުށީގައި. އެހެންވީމާ ޖެހޭނީ ތިލަފުއްޓަށް ދާން.
އެކަމަށް އެއްވެސް ޕްލޭނެއް މިހާރު އެބައޮތްތޯ ރާވާފައި؟ އާ ސަރުކާރުގެ ސިޔާސަތު ސީއީއޯއާ ހަމައަށް އައިސްފައި އޮތީ؟
އާދެ، އާ ސަރުކާރުގެ ސިޔާސަތަކީ ވެސް ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލު ކުރުން. އެކަމަކު މިވަގުތަށް އަޅުގަނޑުމެން ބަލަމުން މިދަނީ ބަދަލު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ. އޭގެ ތެރޭގައި މިހާރުން މިހާރަށް ކުރެވޭނެ ކަންކަމާއި ކުރިޔަށް އޮތް އަހަރު ދެ އަހަރު، އަދި ފަސް އަހަރުގެ ދައުރަށް ދަމާލެވޭނީ ކޮން ކޮން ކަމެއްތޯ ބަލަން.
ބޮޑު އިންވެސްޓްމެންޓަކަށް ދާންޖެހޭނެ، އެއީ ކިހާވަރެއްގެ އިންވެސްޓްމެންޓެއް ކަމަށް ލަފާވޭތޯ؟
މީގައި ވެސް އޮންންނާނެ އޮޕްޝަންތައް. އިންވެސްޓްމަންޓް ސްކޭލް ވެސް ވަރަށް މުހިންމުވާނެ. މޮޑިއުލާ ސްކޭލަކަށް ދާ ކަމަށްވަންޏާ ފުރަތަމަ މާ ބޮޑު އިންވެސްޓްމަންޓެއް ނެތިވެސް ކުރެވިދާނެ. އެކަން ބަރޯސާ ވަނީ އިންވެސްޓްމަންޓް ޑިޒައިން ކުރާ ގޮތަކަށް. އެހެން ނޫނީ އަދަދެއް ކިޔާން ދަތިވާނެ. މިސާލަކަށް ފްލްފުލެޖް ހުރިހާ ވަސީލަތަކާއި އިކްއިޕްމެންޓަކާއިއެކު ހަދާ ބޮޑު ބަނދަރެއް މިހާރުން މިހާރަށް ހަދާ ކަމަށް ވަންޏާ އެއީ ފުދޭ ވަރެއްގެ ބޮޑު ހަރަދެއް ހިނގާނެ ކަމެއް. އެ ވާނީ ވަރަށް ބޮޑު ކެޕިޓަލް އިންވެސްޓްމެންޓަކަށް. އޭގެ ބަދަލުގައި ފޭސް ތަކަކަށް ބަހާލައިގެން ޑިވެލޮޕް ކުރާ ކަމަށްވަންޏާ ކެޕިޓަލް ހަރަދު ފުރަތަމަ ފޭސްގައި ދާވަރު ކުޑަވާނެ. ބޮޑު ފެސިލިޓީއެއް ބިލްޑް ކުރުމަށްވުރެ އެފަދަ އޮޕްޝަންތައް ހުރޭ ހަރަދުތަކަށް ބަލާއިރު.
މީގެ އަހަރެއްހާ ދުވަސް ކުރިން އެމްޕީއެލްއަށް ގިނަ އަދެއްގެ ވެހިކަލްތައް ގަނައި ވަރަށް އަގު ބޮޑުކޮށް އެކަން ދިޔައީ. އެކަމަކު އޭގެ މަގުސަދަކަށްވެފައި އޮތީ އޮޕަރޭޝަން އަވަސް ކުރުން، އެކަން އެގޮތަށް ބަދަލުވެފައިތޯ ހުރީ؟
އެތަކެތި ގެނެވުނު ނަމަވެސް އަދިވެސް އިކްއިޕްމެންޓްގެ ތާށިކަން ވަރަށް ބޮޑު. އަދި އަލަށް ގެނައި އިކްއިޕްމެންޓްސްއަކީ އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރެވޭ ތަކެއްޗެސް ވެސް ނޫން، އެއީ ޖާގައިގެ ގޮތުން ދަތި ޖާގައަށް ނުފެތިގެން. ކުރިން ހުރި އިކްއިޕްމެންޓާއި ފަހުން ގެނައި ތަކެއްޗާއި ދެބައި އެއް ކުރީމާވެސް ޕޯޓަށް ބޭނުންވާ ވަރަށްވުރެ މާ މަދު.
މިހާރު ބޯޓެއް ހުސް ކުރަން ކިހާ ދުވަހެއް ނަގާތޯ؟
މިދޭތެރެއިން އެބަހުރި ބައެއް ފަހަރަށް 10 ދުވަސް 15 ދުވަސް ވެފައި ވެސް. އަސްލުގައި ޕޯޓްގެ ޓާގެޓަކީ ފަސް ދުވަހުން ބޯޓު ފުރުވާލުން އެހެން ނަމަވެސް 15 ދުވަހަށް ވެސް ދިގުލައިގެންދޭ.
އެ މުއްދަތު ކުޑަކޮށްލަން ކުރެވޭނެ ކަމަކީ ކޮބައި؟ އެއީ ވިޔަފާރި ވެރިންގެ ޝަކުވާ ވަރަށް ބޮޑު ކަމަކަށްވެފައި އޮންނަނީ އެހެންނޫންތޯ؟ އަދި އެއީ މުދަލުގެ އަގު ވެސް ބޮޑުވާ ސަބަބަކަށްވޭ!
މި ވަގުތުން މިވަގުތަށް ހަލެއް ހޯދަން މިހާރު ހުރި އިކްއިޕްމެންޓް ވީހާވެސް އަވަހަށް މަރާމާތުކޮށްގެން ނެރުން އެއީ އަވަސް ވާނެ ސަބަބަބެއް. އޭރަށް ސްޕީޑް އަވަސްވާނެ. އަދި މަސައްކަތް ކުރާ ގޮތް ވެސް ބަދަލު ކުރަން މިދަނީ ވިސްނަމުން. މިސާލަކަށް ހުޅުމާލެއަށް ބައެއް އެއްޗެހި އިތުރަށް ގެންދިއުން އިތުރު ބާޖް ބޭނުން ކޮށްގެން ހުސް ކޮންޓެއިނާތައް އެ ތަކެތި ހުޅުމާލެއަށް ގެންދިއުމާއެކު މި ބަނދަރުގެ އޮޕަރޭޝަން އަވަސް ކުރުމަށް ހުރި ކަންކަން ކުރުން އޭރަށް މިދޭތެރެއިން މިދިއަ މުއްދަތަށްވުރެ މުއްދަތު ކުޑަ ކުރެވޭނެ. ޓާގެޓަކީ ފަސް ދުވަސް ނޫނީ ހަ ދުވަހަށް އަވަސް ކުރަން.
ހިޔާ ޕްރޮޖެކްޓްގެ މަސައްކަތް މިކޮޅުގައި ވެސް އޮވޭ. ފައިސާ ކަލެޓް ކުރުމުގެ މަސައްކަތް ވެސް ހިނގާ ކަމަށްވޭ، ކޮބައިތޯ އަޕްޑޭޓަކީ، އެހެން މި ދެންނެވީ އެސްޓީއޯއިން ވެސް ފައިސާ ކަލެކްޓް ކުރުން ހުއްޓާލައިފި. އެމްޓީސީސީން ވެސް ގެންދަނީ ރިވިއު ކުރަމުން.
އެމްޕީއެލްގެ އެ މަސައްކަތަށް ދާއިރު އިމާރާތުގެ ބޮޑު ބައެއް ވަނީ އަޅާ ނިމިފައި. ޕްލޭން ކޮށްފައި އޮތީ ވެސް ދެ ފިޔަވައްސަކަށް. ފުރަތަމަ ފިޔަވަހީގެ ތިން އިމާރާތުގެ ފަސް ފްލޯ ނިންމައި ދެވަނަ ފިޔަވަހީގައި 14 ބުރިއަށް ދާން. އޭގެ ތެރެއިން ފަސް ވަނަ ފަންގިފިލާއާ ހަމައަށް ކޮންކްރީޓް އެޅިފައި ހުރި އިރު ފިނިޝިންގެ މަސައްކަތް ވެސް އެބަދޭ. އެ މަސައްކަތް އެމްޕީއެލްއަކުން ހުއްޓައެއް ނުލަން. އެކަމަކު ފައިސާ ނަގާ ކަމުގެ މައުލޫމާތެއް ނެތް. އެކަމަކު ފްލެޓް މުވައްޒަފުންނަށް ބަހާނެ ގޮތަކާ ދޭތެރޭ އެބަހުރި ސިސްޓަމެއް ހަދައި ލިސްޓްތަކެއް ނަގާފައި އެ ޕްރޮސެސް އަލުން އެބަ ރިވިއު ކުރަން.
ބަދަލެއް އަތުވެދާނެތޯ؟
ފުރަތަމަ ކަމަކަށް މިހާރު ގޮސްފައި އިން ގޮތް އަޅުގަނޑުމެން ބަލައިލަން ބޭނުންވޭ ކިހިނެއް ކޮންކަހަލަ ކްރައިޓީރިއާ ތަކަކަށްތޯ، ލިސްޓްތައް ހެދިފައި ހުރީ ކިހާ ޓްރާންސްޕޭރެންޓްކޮށްތޯ އެކަންކަން ބަލައި ކޮމެޓީން ނުވަތަ އާ ކޮމެޓީއަކުން ރިވިއުކޮށްފައި ހަމަހަމަ ގޮތެއްގައި އެންމެ ރަނގަޅު އުސޫލަކަށް ގެންދާނީ.
މުދާ އަގު ހެޔޮ ކުރުމަށް އެމްޕީއެލްއަށް އަދާ ކުރެވޭނެ ދައުރަކީ ކޮބައިތޯ؟
ބޯޓް ފަހަރު ކްލިއާ ކުރުން ލަސްވުން އެއީ އޭގެ ޒާތުގައި ހަރަދު ބޮޑުވެގެންދާނެ ކަމެއް. މުދާ ބޭލުން ލަސްވާ ވަރަކަށް ކޮންމެވެސް އެއް ދިމާއަކުން ހަރަދުތަކެއް ދާނެ. ބޯޓް ބަނދަރުގައި އޮންނަ ކަމަށް ވަންޏާ ބޯޓްގެ ފްރައިޓް ޗާޖް އަރާނެ އެ ބޯޓް ފަހަރަކީ ގިނަ ފަހަރަށް ދުވާލަކަށް 10،000 ނުވަތަ 12،000 ޑޮލަރު ޗާޓަރު ބޯޓުފަހަރު. އޭގެ ކޮސްޓް ކޮންމެސް ދިމާއަކުން ގޮސް މުދަލުގެ ތެރެއަށް ވަދެގެންދާނީ. އެެހެންވީމަ ޕޯޓްގެ ހިދުމަތް އަވަސްވެފައި އަވަހަށް ބޯޓް ހުސްކޮށްފައި އަވަހަށް ބޯޓް ފުރުވާލެވެންޏާ އެ ހަރަދުތައް ކެނޑިގެންދާނެ. ކުރިން ދެންނެވި ހަރަދުތައް ބިލްތަކުގެ ތެރެއަށް ވަނުން ހުއްޓޭނެ އޭރަށް މުދަލުގެ އަގު ހެޔޮ ބަދަލުވެސް އަންނާނެ.
އެކަމަށް ކިހާވަރެއްގެ އިސްކަމެއް ދެއްވާނަންތޯ؟
މިހާރު އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ފޯކަސް ކުރަނީ ޕޯޓް އޮޕަރޭޝަނަށް މިހާރު މިހާރަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް އެއީ މުދާ ބާލާ، ބޯޓް ފަހަރު އަވަހަށް ފުރުވާލުން އަވަސް ކުރުމަށް އޭގެ ސަބަބުން ވިޔަަފާރިވެރިންގެ ހަރަދުތައް ކުޑ ކުރެވޭނެ އެ ބަދަލުން އަގު ވެސް ހެޔޮވާނެ މުދަލުގެ.
ޕޯޓްގައި ވަރަށް ސީރިއަސް އެކްސިޑެންޓްތައް ހިނގާ، ދޭތެރެ ދޭތެރެއިން މި ބަނދަރުގެ ސަލާމާތާ ރައްކާތެރިކަން އޮތީ ކޮން ހާލަތެއްގައިތޯ؟ ހަރުދަނާ ކުރަން އަޅުއްވާނީ ކޮން ފިޔަވަޅެއްތޯ؟
ޕޯޓް އެބަޖެހޭ ޕޯޓެއް އޮންނަންޖެހޭ މިންގަނޑަށް، ސްޓޭންޑަޑަށް ޕޯޓްގެ ސޭފްޓީ ކަންކަން ގެންދަން. އޮވޭ އައިއެލްއޯގެ ސްޓޭންޑަޑެއްވެސް އެއަށް ފެތުން މުހިންމުވޭ ޕޯޓްގެ ހުރިހާ ކަމެއްވެސް އޭގެ ތެރޭގައި ވަދެ ނުކުތުމާއި، ޕޯޓަށް މީހުން ވަންނާނެ ސަރަހައްދުތަކާއި މުދާ ހިފައިގެން ދަތުރު ކުރެވޭ ސަރަހައްދުތަކާއި އަދި ހުންނަންޖެހޭ ސަލާމާތީ ފިޔަވަޅުތައް ފަދަ ކަންކަން އިންޓަނޭޝަނަލް ޕޯޓެއްގެ ފެންވަރުގައި އެ ސްޓޭންޑަޑަށް ރާއްޖެއިން ވެސް ގެންނަން ޖެހޭ އެކަން ކުރަންޖެހޭ. އެކަން އެގޮތުގައި ކުރުމަށް މިހާރުވެސް މަސައްކަތް އެބަކުރަން،. އޭގެ ސޭފްޓީ އޮޑިޓެއް ވެސް އެބަ ހަދަން
ތިޔަ ވިދާޅުވާ އެއްވެސް ކަމެއް ކުރިން ނެތީތޯ؟
ނޫން ކަންކަން އެބަހުރި އެކަމަކު ބައެއް ކަންކަން ސީދާ ސްޓޭންޑަޑަށް ނުފެތި ހުރީ، އެހެން ހުރި ކަންކަން މިންގަނޑުގެ ތެރެއަށް ގެންދަން ޖެހޭނެ. ޕޯޓް ސަރަހައްދުގެ ސަލާމާތީ ކަންކަމުގެ ތެރެއިން ބައެއް ފަހަރަށް ހުރޭ ސަލާމަތީ ގޮތުން ފިޔަވަޅުތައް ނޭޅިވެސް އެކަން ކަމަކީ ވަރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން، އެކަންކަން އެންފޯސް ކުރަންޖެހޭ.
ކޮން ކަހަލަ އުންމީދުތަކެއް ކުރައްވަންތޯ މި ފަސް އަހަރުގެ ތެރޭގައި ޕޯޓާމެދު، ކިހާވަރެއްގެ ބަދަލެއް ގެނެވިދާނެތޯ؟
އަޅުގަނޑުގެ އުންމީދަކީ މިހާރު މިހިންގާ އޮޕަރޭޝަން މިއަށްވުރެ މާ ރަނގަޅު ހަރުފަތަކަށް ގެންދަން. ޕޯޓަށް މުދާ އެތެރެ ކުރާ މިންވަރު ވެސް އިތުރުވެގެންދާނެ ޕޯޓްގެ ފެސިލިޓީ ރަނގަޅުކޮށް ހިދުމަތް އަވަސް ކުރެވޭ ކަމަށް ވަންޏާ. އަޅުގަނޑުގެ ޓާގެޓަކީ ވިޔަފާރިވެރިންނަށް ވެސް ޝިޕިންލައިންތަކަށް ވެސް އޭޖެންޓުންނަށް ވެސް ހުރިހާ ފަރާތެއް ހިތްހަމަ ޖެހޭވަރުގެ، ޝަކުވާ ނޯންނަވަރުގެ ސާވިސްއެއް ދޭ ތަނަކަށް އެމްޕީއެލް ބަދަލު ކުރުން. އެއީ އަޅުގަނޑުގެ ޓާގެޓް. އަސްލުގައި ވިޔަފާރިވެރިންގެ ޝަކުވާ އޮންނަ އިރު އަނެއް ފަރާތުން ޝިޕިން ލައިންތަކާއި ޝިޕިން އޭޖެންޓުންގެ ޝަކުވާތައް ވެސް އޮވޭ އެ ހުރިހާ ފަރާތްތަކަށް ހިދުމަތްދޭން. ލަސްވަންޏާ ބޯޓް ޗާޓަރު ކުރާ ފަރާތަށް ވެސް މައްސަލަ ދިމާވޭ، ޝިޕިންލައިންނަށް ވެސް މައްސަލަ ކުރިމަތިވޭ އެހެން ގޮސް ވަރަށް ގިނަ ކަންކަމާއި ޝަކުވާ އޮވޭ. އަޅުގަނޑުގެ އުންމީދަކީ ބަނދަރު ތިލަފުއްޓަށް ބަދަލުވެ ފުރިހަމަ ސާވިސްއެއް ދެވޭ ބަނދަރަކަށް ވެގެން ދިއުން.
ބަނދަރު ތިލަފުއްޓަށް ބަދަލުވުމުގެ ވާހަކައަކީ ތިލަފުށި އުފެދުނު ހިސާބުން އޮންނަ ވާހަކައެއް އެއީ ހަގީގީ ވާހަކައަކަށް ވާނެތޯ؟
އާދެ ތިޔައީ އަބަދުވެސް އޮންނަ ވާހަކައެއް، އަޅުގަނޑުމެން ވެސް ދަންނަވަންޖެހޭނީ އެކަން ކުރާނަމޭ.
މިހާރުވެސް ހުންނާނެ އިންޓާނަލް އޮޑިޓްތައް ހަދާފައި. ކހިނެއްތޯ ހާލަތު ދައްކަނީ؟
ޕޯޓުން އެބަހުރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައި. އެއިން ވަރަށް ބޮޑުބައެއް އަދިވެސް ހުރީ ނުލިބި. އޭގެ ސީދާ އަދު އަޅުގަނޑު ޖެހެނީ ސާފުކޮށްލަން، ކޮންމެއަކަސް ދިން އަދަދުގެ ދެބައިކުޅަ އެއްބައި އަދި ނުލިބި އެބައުޅޭ. ޕޯޓުން އެ ފައިސާ އެމްއެމްޕީއާރްސީއަށްދީ ނުލިބި އޮތުމަކީ ޕޯޓަށް ލިބިފައި އޮތް ވަރަށް ބޮޑު ގެއްލުމެއް، ކޮންމެ ގޮތެއް ވިޔަސް އެއީ ބަނދަރަށް ލިބެންޖެހޭ ފައިސާ އެވެސް ބަލަމުން މިވަގުތު ބަލަމުންދާ މައްސަލައެއް އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ލަސް ނުވެ އެބަ އަޅަން އެ ފައިސާ ހޯދާނަން. އަދިވެސް އެބަހުރި ބައިވަރު މައްސަލަތައް ތަފުސީލަށް ނުދިޔައަސް، މީޑިއާގެ ތެރޭގައި އުޅުނު، އެއް ކަމަކަށް ލޭންޑިން ކްރާފްޓެއްގެ މައްސަލަ އާއި ޓަގްބޯޓެއްގެ މައްސަލަ އެހެން ހުރި މައްސަލަތައް އަޅުގަނޑު މިދަނީ ކައިރިން ބަލަމުން. އެއީ އެމްޕީއެލްގެ ޕްރޯސެސްގެ ތެރެއިން މައްސަލަގަނޑެއްގެ ތެރެއަށް ދާ ގޮތަށް ހިނގީ ކީއްވެގެންތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅުގަނޑު އަޅާނަން.
ވަރަށް ގިނަ މުވައްޒަފުން އޮންނަ ކުންފުންޏެއް، ސިޔާސީ ބޭނުމަށް ވެސް މީހުންނަށް ވަޒީފާދޭ، އެހެންތޯ އޮތީ؟ ކޮބައިތޯ އަޅުއްވާ ފިޔަވަޅަކީ؟
އަޅުގަނޑު ހުރެގެން ސިޔާސީއެއް ނުކުރަނަން. އަޅުގަނޑުގެ އަމާޒަކީ ކުންފުންޏަށް މުވައްޒަފުން ނަަގާ ވަކި ކުރުން އޮނިގަނޑުގެ ތެރެއިން ޓްރާންސްޕޭރެންޓްކޮށް ގެންދިއުން. މަސައްކަތަށް މީހުން ނަގާނީ. އަދި އެމަސައްކަށް ގާބިލު މީހާ ހޯދައިގެން ނަގާނީ. ސިޔާ ބޭނުމެއްގައި ވަކި އެލައިމެންޓަކަށް އަޅުގަނޑު ނުދާނަން، މީ އަޅުގަނޑުގެ ސިޔާސަތު. އެސްޓީއޯގައި ވެސް އަޅުގަނޑު ގެންދިޔައީ އެގޮތަށް. އެސްޓީއޯ އަކީ ޑިސިޕްލިން ކުންފުންޏެއް، އަޅުގަނޑުމެން ބެންޗުމާކް ކުރަން ބޭނުންވަނީ އެ މިންގަނޑަށް. އަޅުގަނޑު ބޭނުމެއް ނުވޭ އެމްޕީއެލް ހިނގަނީ ސިޔާސީ ގޮތުން މީހުން ވައްދާ ކަނޑާ ތަނެއްގެ ގޮތުގައި ކަމަށް މީހުން ދެކޭކަށެއް. އަޅުގަނޑު ހުރެގެން އެ ލޭބަލް ޖެހިޔަކަށް ނުދޭނަން.
އެމްޕީއެލްގެ އެތެރެ ހަރުދަނާތޯ؟
ކޮންމެ ތަނެއްގައި ވެސް މައްސަލަ އުޅޭނެ. ހިސްޓްރީ އެބައޮތް އެމްޕީއެލްގައި ވެސް. އެމްޕީއެލްގައި ތިބީ ވަރަށް ޒަމާންވީ ތަޖުރިބާކާރުންނާއި ޕޯޓް އޮޕަރޭޝަންގައި މަތީ ފެންވަރުގެ ތަޖުރިބާކާރުން ވެސް ކިޔަވައިގެން ތިއްބެވި ބޭފުޅުން ވެސް. އަނެއްހެން ގޯހެއް ނޫން
ފަހަކަށް އައިސް އެބަފެނޭ މާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގައި އެމެޕީއެލް ބައިވެރިވާތަން. އަނެއްކޮޅުން އެމްޓީސީސީ ވެސް އެބައޮވޭ، ކިހިނެއްތޯ ދެންވެސް އެ ހިދުމަތުގައި ދެމި އޮންނާނެތޯ؟
އެމްޕީއެލްގެ މޭންޑޭޓަކީ ބަނދަރު، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އައި ސިޔާސަތެއްގެ ތެރެއިން އެމްޕީއެލްއާ ހަވާލުކޮށްގެން ޕަބްލިކް ޓްރާންސްޕޯޓްގެ ތެރެއަށް ވަދެ ފަށައިގެންފައި އޮތީ، މިހާތަނަށް އާއިރު އާ ސަރުކާރުން ހައިލެވެލްގައި މަޝްވަރާތައް ދަނީ ކުރަމުން ކިހިނެއްތޯ މިކަން ދެން ކުރިޔަށް ގެންދާނީ. ސަރުކާރުން ނިންމަނީ އެމްޕީއެލް އެކަމުގައި އޮންނަން ކަމަށް ވަންޏާ އަޅުގަނޑުމެން ކުރާނަން. ރަނގަޅު ވަސީލަތައް ހުރީވެސް ބަސްތައް ވެސް ވަރަށް ފެންވަރު ރަނގަޅު ބަސްތައް ހުރީ. އަދި ބަސް އެ ދުއްވަނީ ވެސް ހިލޭ އެއަށް ޗާޖް ކުރާނެ ގޮތަކާމެދު ވެސް މިދަނީ މަޝްވަރާ ކުރަމުން. ވީހާވެސް އަވަހަކަށް ޗާޖެއް ނަގަން ޖެހޭ. މީގައި ރަނގަޅުވަނީ މި ހިދުމަތް ކޮންމެސް އެއްކުންފުންޏަކުން ކުރުން.