ހުޅުމާލޭގައި ފޮތުގެ ދުނިޔެއެއް!

ހިތް ފަސޭހައަށް ވައިޖައްސާލަން، ބަދަހި ގުޅުމަކަށް ސައިބޯލާ ހަދާލަން، އަތިރިމަތި އަބަދުވެސް ހިތްގައިމެވެ. މިރަށް، ހުޅުމާލޭގެ މިތާނގައި ވެސް ހިތަށް ވަރަށް ފިނި ކޮށްދެ އެވެ. ކަނޑުން އަރައިގެން އަންނަ ރޯޅި ގައިގައި އެބަ ބައްދައިގަނެ އެވެ. މިތާ ކައިރިން ބީއްސާ ރާޅުތައް ހީވަނީ އަހަންނަށް ފޮނި ދައްކާންވެގެން ގޮނޑުދޮށަށް ޖަހާފައި ދަމާލާހެނެވެ. މި ދިމާ އުޑުމަތީގައި ވިލާ ރޮއްޖެއް ވެސް ނެތެވެ، ރީތި ހުދުހާ ސާފެވެ.

ދުރާއި ގާތުގައި ބައިވަރު މީހުނެވެ. ކޮންމެ މީހަކު ވެސް ކޮންމެވެސް އުފަލެއްގެ ތެރޭގަ އެވެ. އެކަމަކު މިތާ ކައިރީގައި އެހެން ދުނިޔެއަކަށް ގެއްލިފައިވާ ބަޔަކު އެބަތިއްބެވެ. އަަހަންނަށް މި އިނދެވެނީ މިވާ ގޮތެއް އަދި ނޭނގިފަ އެވެ.

މިތާނގައި ވާތް ފަރާތުން އެންމެ ގާތުގައި ހުރި މޭޒުގައި މީހަކު ފޮތް ކިޔަނީ އެވެ. އެ މޭޒާ ޖެހިގެން ހުރި ގޮނޑީގައި ވެސް ދެ ކުޑަ ކުއްޖަކު އެ ތިބީ ފޮތް ކިޔާށެވެ. ދެން އެތިބަ ދެ މީހުން ވެސް އެތިބީ ފޮތުގެ ތެރެއަށް ބޯ ކޮށްޕާލައިގެނެވެ. ކަނާތް ފަރާތުން ބަރިއަކަށް މިތިބަ އެންމެން ވެސް އެ ތިބީ ފޮތުގެ ދުނިޔޭގަ އެވެ. އަދި މިދިމާއިން ތަންކޮޅެއް އަތިރިއަށް ފައިބާ އަވީލެވިގެން އެތިބަ ޓޫރިސްޓު އެންމެން ވެސް އެތިބީ ފޮތް ކިޔާށެވެ. އިރުކޮޅަކުން ފެނުނީ ކޮފީ ތައްޓެއް ހިފައިގެން އައި މީހަކު އެތާނގެ ކައިރީގައި ހުރި ފޮތް އަލަމާރިއަކުން ފޮތެއް ނަގައިގެން އަންނާތީ އެވެ. މިތާނގައި މިވާ ގޮތަކީ މިއީ އެވެ.

މިތާނގައި މިހިރަ ފެންނަ ފޮތް އަލަމާރިއަކީ ގާޑިއަލެއްގެ ގޮތުގައި ބޭނުން ކުރެވޭ، މުއްސަނދި ލައިބްރަރީއެކެވެ. ކޮފީއާއެކު އެ މީހަކު ޝަގުވެރިވާ ފޮތެއް ނަގައިގެން ފޮތުގެ ދުނިޔެއަށް ވަދެ ގެއްލެންވީ އެވެ. ފޮތް ކިޔައި މައުލޫމާތުން މުއްސަނދިވާންވީ އެވެ. ބޭނުން ނަމަ ފޮތުގެ ދުނިޔޭގައި އިޝްގުގައި ޖެހެންވީ އެވެ. ބޭނުން ނަމަ، ރޯންވީ އެވެ. އެހެންނާ ހޭންވީ އެވެ. ރުޅިތަ؟ ރުޅިވެސް އަންނަންވީ އެވެ.

އަތިރިމަތީގެ މި ލައިބްރަރީއަށް ވަންނަ މީހުން ކިޔައި އުޅެނީ "ހުޅުމާލޭ ފޮތް ގާޑިޔާ" އެވެ. އެހެންނަމަވެސް މިއީ އަލަމާރިއެއްގެ ސިފައިގައި ހުންނަ ކުޑަ ގެއެކެވެ. ވާރޭވެސް ހިޔާވާނެ ގޮތަށް ފަރުމާކޮށްފައިވާ ފޮތް ގާޑިޔަލެކެވެ. -- ނޫން ފޮތް އަލަމާރިއެކެވެ.

މި ލައިބްރަރީގައި ވަރަށް މުއްސަނދި ކަލެކްޝަނެއް އެބައޮތެވެ. އެކި އުމުރު ފުރައަށް ކަމުދާނެ ހާއްސަ ފޮތްތައް އެބަހުއްޓެވެ. ކުޑަކުދިންގެ ވާހަކަ ފޮތްތަކާއި ބޮޑެތި މީހުންގެ ވާހަކަ ފޮތްތައް ވެސް މި ކަލެކްޝަންގައި ހިމެނޭ އިރު އިނގިރޭސި ބަހުން ހުރި ފޮތްތަކާއެކު ދިވެހި ބަހުން ހުރި ފޮތްތައް ވެސް މަދެއް ނޫނެވެ. ތަރުޖަމާއާއި އިލްމީ ފޮތްތަތާކާއި ރާއްޖޭގެ ތާރީހީ މައުލޫމާތުގެ ކޯރުތައް ހިމެނޭ ފޮތްތައްވެސް ބައިވަރެވެ.

"ދިވެހި ބަހަށް ތަރުޖަމާކޮށްފައި ހުރި ފޮތްތަކާއި ދިވެހި އިލްމީ ފޮތްތައްވެސް އެބަހުރި... މިދެން މަގުމައްޗަށް ހުޅުވާލާފައު ހުރި ކުޑަ ވަރެއްގެ ބޮޑު ހަޒާނާ އެއް،" މި ލައިބްރަރީގެ ބޭނުން ފުރަތަމަ ފަހަރަށް ކުރި މީހަކު އޭނާއާއެކު އެތަނަށް ދިޔަ އެހެން މީހެއްގެ ގާތުގައި ބުނެލި އަޑު އިވުނެވެ.

އެންމެނަށް ބޭނުން ކުރެވޭނެހެން ދޫކޮށްލާފައިވާ ފޮތް ގާޑިޔާ ކައިރީ ތިބި އެހެން މީހުންވެސް އާންމުންގެ އަތް ފޯރާފަށު، އަތިރިމައްޗަށް އެ ފޮތް އަލަމާރި ގެންގޮސް ހުޅުވާލާފައިވާތީ އެކަން ކޮށްފައިވާ ފަރާތަކަށް ތައުރީފު އޮއްސި އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި މިއީ ދުވަހަކުވެސް ރާއްޖެއިން އަދި ނުފެންނަ އާ ކަމެކެވެ.

"ފޮތް ކިޔުމުގެ ރޫހު އާލާ ކުރަން މިއޮތީ އާ ގޮތަކަށް ލައިބްރަރީއެއް އުފަންވެ ހުޅުވިފައި،" އެކަކު ބުންޏެވެ. "މިއަށްވުރެ ވަކީން މޮޅު ހިޔާލެއް ނުނެރެވޭނެ،"

ހުޅުމާލޭގެ އަތިރިމައްޗަށް ދޫކޮށްލާފައިވާ މި ކުޑަ ކުޑަ، އެކަމަކު މުއްސަނދި ލައިބްރަރީން ފޮތް ނަގައިގެން ކިޔުމަށް އެހެން ލައިބްރަރީތަކުގެ އުސޫލަށް ފެތޭކަށް ނުޖެހެ އެވެ. ރަޖިސްޓަރީވާކަށް ފީއެއް ދައްކާކަށް ނުޖެހެ އެވެ. ބޮޑު ލޮގް ފޮތުގައި ނަން ނޯޓު ކުރުމަށްފަހު ފޮތް ނަގައި ކިޔަންވީ އެވެ. ފޮތް އަނބުރާ ހަރުގަނޑަށް ލުމަކީ ފަރުދީ ޒިންމާ އެކެވެ. ފޮތް ނެގުމުގެ އިތުރުން ފޮތް ހަދިޔާ ކުރުމުގެ ފުރުސަތުގެ ފޮތް ގާޑިޔަލުން އޮންނަނީ ހުޅުވާލާފަ އެވެ.

މިއީ ފޮތުގެ ދުނިޔެއެކެވެ؛ މި ދުނިޔޭގައި އަހަރެންގެ ހިތަށް ފަސޭހެވި އެވެ. ޅެންވެރި ކަމުގެ ރީތި އެކުލެވުންތަކުންނެވެ. ގުޅުން ބަދަހިވެ ރައްޓެހީން ލިބުނެވެ. ފޮތުގެ ތެރެއިންނެވެ. ހިތަށް ފިނިކަން ލިބުނެވެ. އިބާރާތްތަކުން ސިފައިކޮށްދީފައިވާ ރީތި މަންޒަރުތަކުގެ ތެރެއަށް ވަދެވިގެނެވެ. މި ރަށުގައިގައި މި ދުނިޔެ އުފެއްދި މީހާއަށް އޮތީ ސާބަހަކާއި އައްސަރިބަހެކެވެ.