ފިނިޕޭޖް

އިންޑިއަން އައިޑޮލް ކާމިޔާބުކުރީ ސަލްމާން އަލީ

މި އަހަރުގެ ޖުލައި 29 ގައި ފެށި ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލްގެ ރަންވަނަ ގެންދިޔައީ 25 މިލިއަނަށް ވުރެ ގިނަ ވޯޓުން މުޅި ސީސަންގައި ވެސް ވިދަމުން ދިޔަ ސަލްމާން އަލީ އެވެ.

ރޭ ބޭއްވި ކުލަގަދަ ހަފްލާގައި ސަލްމާނަށް އެއްވަނަ ލިބުނީ، އޭނާއެކު ތިބި ހަތަރު ބައިވެރިންނާ ވާދަ ކޮށްގެންނެވެ. ނިތިން ކުމާރު އާއި އަންކުޝް ބަރަދްވާޖް އާއި ނީލާންޖަނާ އަދި ވިބޯރް ޕަރަޝާރް އާ ވާދަކޮށް ސަލްމާން ޓްރޮފީ އުފުލާލި އިރު މާ ކުރިންވެސް އެއީ އެ ވަނައަށް ވާދަ ކުރާނެ ފަންނާނެއް ކަމަށް ބެލުންތެރިން އައީ ސޯޝަލް މީޑިއާގައި ހިޔާލުތައް ފާޅު ކުރަމުންނެވެ.

ސަލްމާން އަކީ މުޅި ސީޒަންގައި ގެނެސްދިން ހުރިހާ ލަވަތަކެއްގައި ވެސް، އޭނާގެ އަމިއްލަވަންތަ ކަމެއް ގެންގުނު ފަންނާނެ ކަމާއި މިފަހަރުގެ ޓްރޮފީ އެންމެ ހައްގީ ސަލްމާންއަށް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ހިޔާލު ފާޅުކޮށްފައެވެ.

ހަފުތާއަކު ދެ ރޭ ޝޯތައް ދީފައިވާއިރު، ކޮންމެ ހުށަހެޅުމަކަށް ވެސް އޭނާއަށް ދިޔައީ ޖަޖުން ތައުރީފު ކުރަމުންނެވެ. އަދި އެންމެ ފުރަތަމަ އޮޑިޝަންގައި ހުށަހަޅައިދިން ލަވައިން ފަށައިގެން ފައިނަލްގައި ސަލްމާން ހުށަހެޅި ލަވައިގައި ވެސް އޭނާގެ އަމިއްލަ ގޮތް ހިފެހެއްޓި އެވެ.

މުޅި ސީޒަންގައިވެސް އޭނާގެ ލަވަކިޔުމުގެ ކުޅަދާނަކަން ނުވެއްޓި ދިއައީ މައްޗަށް ކަމަށް އިންޑިއަން އައިޑަލް 10 ގެ ގްރޭންޑް ފިނާލޭ ގައި ވާހަކަ ދައްކަމުން، ޖަޖް ނޭހާ ކައްކަރު ވެސް ބުންޏެވެ.

ސަލްމާން އަކީ އިންޑިއާގެ ހަރިޔާނާއިން އައި ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. މުޅި އޯޑިއަންސްގެ ލޯބި ސީޒަން ނިމެންދެން ލިބުނު ސަލްމާން ގެއަށް ދިޔައީ ފަހުރުވެރި އެއްވަނަ އާއެކު 25 ލައްކަ އިންޑިއަން ރުޕީސް ހިފައިގެންނެވެ. އޭނާގެ ލަވަ ކިޔުމުގެ ކުޅަދާނަ ކަމަށް އެ ޝޯއަށް އެކި ފަހަރުމަތިން ދިޔަ ފަންނާނުން ވެސް ވަނީ ތައުރީފު ކުރަމުންނެވެ.

ސޮނީން ގެނެސްދޭ ރިއާލިޓީ ޝޯ އިންޑިއަން އައިޑޮލް އަކީ އިންޑިއާގައި އަދި ބޭރުގެ އެހެން ގައުމުތަކުގައި ވަރަށް ވާދަވެރިކޮށް ގެންދާ ޝޯ އެކެވެ. ސީޒަން 10 ގެ ޖަޖުންނަށް ތިބީ ނޭހާ ކައްކަރު އާއި ވިޝާލް ޑަލާނީ އަދި އަނޫ މާލިކް އެވެ. ޝޯ ނިމުމާ ގާތްވެފައިވަނިކޮށް ގާނޫނީ މައްސަލައެއްގައި އަނޫ މާލިކް ވަނީ ޝޯގެ ޖަޖެއްގެ މަގާމުން ވަކި ކޮށްފަ އެވެ.

ރޭގެ ފޯރިގަދަ ހަފްލާގައި، ސޮނީ އިން ދެން އެންމެ އަވަހަށް ފަށާ ރިއާލިޓީ ޝޯ ސުޕާ ޑާންސާ ތިނެއްގެ ޖަޖުން ވަނީ ބައިވެރިވެފަ އެވެ. އަދި މި ޝޯގެ ބައެއް ކުދިން ވަނީ ހުށަހެޅުންތައް ދީފަ އެވެ. މީގެ އިތުރުން، ފިލްމު ޒީރޯގެ ކާސްޓު ވެސް ޖަޖުންނާއެކު އޯޑިއެންސުގައި ތިބި އިރު، މި ސީޒަންގެ ފައިނަލިސްޓުން ޝާހުއަށް ހާއްސަ ގްރޫޕް ހުށަހެޅުމެއް ވެސް ދިނެވެ.