ހަބަރު

ހަދަމުންދާ ރިސޯޓެއްގައި ގަވައިދާހިލާފު ހާހެއްހާ ބިދޭސީން

Dec 24, 2018
12

ގަވައިދާ ހިލާފަށް އެއް ހާހެއްހާ މުވައްޒަފުން ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ، އެލްއާރްއޭއިން ބުނެފި އެވެ.

ލޭބާ ރިލޭޝަންސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި ހަދަމުން އަންނަ ރިސޯޓެއްގައި ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުން އަންނަ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ ރިސޯޓަށް ބިދޭސީން ދިޔަ ސަބަބާއި އެ ބިދޭސީިން އެތެރެ ކުރި ބައެއް ހޯދާނެ އެވެ. އެކަމާ ގުޅިގެން ޝަރީފް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއްވި އެވެ. ވިދާޅުވީ މައްސަލާގެ ތަހުގީގު ނިމުމުން އެއީ ކޮން ރިސޯޓެއް ކަމާއި އެހެން ވެސް އިތުރު ތަފްސީލްތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން 318 ތަނެއް ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 30 ރިސޯޓެއް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް އެއްހާ މަސައްކަތް ކުރަމުންދާ ހަދަމުންދާ ރިސޯޓުން އެ އޮތޯރިޓީއަށް އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އެ ރިސޯޓުން ދިނީ 1400 އެއްހާ މީހުންގެ މައުލޫމާތު ކަމަށާއި ބާކީ ތިބި މީހުންގެ މައުލޫމާތު ދީފައިނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ފަހުން ބެލިބެލުމުން އެތަނުގައި 2447 ބިދޭސީން ތިބިކަން އެނގުނު ކަމަށާއި އެމީހުންގެ މައުލޫމާތުތައް ވަކިވަކިން ނަގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.