މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކެރެކްޝަނަށް ފިލި ބިދޭސީއަކު 17 ދުވަސް ފަހުން ހޯދައިފި

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލައިގެން ދިޔަ ބިދޭސީ މީހާ 17 ދުވަސް ފަހުން އަތުލައިގެންފި އެވެ.

ޑިޓެންޝަން ސެންޓަރުގައި ހުރި ބަންގްލަދޭޝް އުމުރުން 32 އަހަރުގެ މީހަކު ފިލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާއަކީ އިމިގްރޭޝަން ގާނޫނާއި ހިލާފު ވެގެން ރާއްޖެއިން ފުރުވާ ލެވެންދެން އެތާނގެ ހައްޔަރުގައި ބަހައްޓާފައި ހުރި މީހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވީ ޑިޓެންޝަން ސެންޓަރު ފިލި މީހާ މިހާރު ހޯދައި އަތުލައިގެންފައިވާ ކަމަށެވެ. އޭނާ ހޯދީ އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އެވެ.