ހަބަރު

ކޯލިޝަން ޕާޓީތަކަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން: ނަޝީދު

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ބަދު ބަސް ނުބުނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ.

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ފެނުނު އަހުމަދު ފައިރޫޒްގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ފަށާ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ކުޑަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ ސަރުކާރު އިއްތިހާދެއްގެ ތެރޭގައި ކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އިއްތިހާދު އެކުލަވާލާފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި އެއަށް ފަހު ސަރުކާރު އެކުލަވާލާފައި ވަނީ ވެސް އިއްތިހާދުން ބުނާ ގޮތަށް ކަމަށެވެ. އެހެންކަމުން ކެމްޕެއިން ކުރައްވާއިރު އިއްތިހާދުގެ އެއްވެސް ބައިވެރިއަކަށް ބަދު ބަހެއް ބުނުމަކީ ރަނގަޅު ގޮތެެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. -- ފައިރޫޒަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޖުމްހޫރީ ޕާޓީއަށް ބަދުބަސް ބުނެ އަޅުގަނޑުމެންގެ ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގެ މާނައެއް ނެތް، ބޭނުމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީ ވަނީ ޑިމޮކްރަސީގެ މިސާލު ދައްކަވާއިފަ ކަމަށެވެ. ޖޭޕީ ހުރިހާ ދާއިރާއަކަށް ކުރިމަަތިލާން ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ޕާޓީ ނޫނަސް ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ އާއި އެހެން ޕާޓީތަކުން ވެސް މަޖިލީހުގައި ވާދަ ކުރައްވާނެ ކަމަށާއި ނަމަވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިހަކީ މީގެ ކުރިން އައި އެހެން މަޖިލީހަށް ވުރެ ތަފާތުވާނެ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގައި އޭނާ ހުންނަވާނެ ކަމަށާއި ނަމޫނާ މަޖިލީހަކަށް ވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.