އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާ ހިއްސާކުރަން އެ ކޮމިޓީގެ މެމްބަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވައިފި އެވެ.
އާދަމް ޝަރީފް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރާއެކު މި ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ އަދި ސިޔާދަތަށް ގެއްލުންވާކަމަށް އެތައް ބަޔަކު މިހާރު ވެސް ތުހުމަތު ކުރަމުންދާ ކަމަށެވެ.
ހަމަ އެހެންމެ ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރި ގައުމަކަށް ވެފައި ދެ ގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ވެސް ގެއްލިގެން ހިނގައިދާނެ ކަަމެއް ކަމަށާއި އެއާއެކު ދުނިޔޭގެ އެހެން ނުފޫޒުތައް ވެސް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމަށެވެ.
އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތް ކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކުރި ޔޫޓީއެފްގެ އެއްބަސްވުމާއި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުުރުމަށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
ޔޫޓީއެފްގެ އެއްބަސްވުުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން ތަރައްގީ ކުރާނެ އެވެ. އެތަން އިންޑިއާއިން ތަރައްގީކުރި ނަމަވެސް އެ ތަނުގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. ނަމަވެސް އިދިކޮޅުން ބުނާގޮތުގައި ޓެކްނީޝަނުން ފަދަ އެކި ނަންނަމުގައި އެ ތަނުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބޭނެ އެވެ.
ޔޫޓީއެފްގެ އެއްބަސްވުން ހާމަކުރަން އިދިކޮޅުން މީގެ ކުރިން ވެސް ގޮވާލައިފައި ވެއެވެ. ނަމަވެސް ނަމަވެސް ކުރީގެ ސަރުކާރުތަކުންވެސް އެފަދަ ބައެއް މުހިއްމު އެއްބަސްވުންތައް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެއްބަސްވުން ސިއްރުކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިފާއުކުރައްވައިފަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ އެއްބަސްވުން މަޖިލީހާ ވެސް ހިއްސާކުރާކަަށް ނުޖެހޭ ކަމަށެވެ.