އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުު މައްސަލަ: ސޮއިކުރީ ކޮން ސަރުކާރެއް ކަމެއް ނޭނގުނު!

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއާއެކު ފުރަތަަމަ އެއްބަސްވީ ކޮން ސަރުކާރުކަން ކަމާމެދު ސުވާލު އުފައްދައިފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ އިންޑިއާ އާއި ރާއްޖެއާއެކު ސޮއި ކޮށްފައިވާއިރު އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރިކަމަށް ބުނެ އެކަންކަން ސާފު ކޮށްދޭން މަޖިލީހަށް ކުއްލި މައްސަލައެެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅުއްވި އެވެ.

އެ މައްސަލައާ ގުޅޭ ބަހުސް ހޫނުވިއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވި އެއްބަސްވުމެއް ކަމަށް ވިދާޅުފަ އެވެ.

ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގައި ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

"މި ތަނުގަ އެބަ ވާހަކަ ދެކެވޭ ރައީސް ޔާމީން އޮތީ އެގްރީމަންޓެއްގައި ސޮއި ކުރައްވާފަ ކަަމަށް. އަޅުގަނޑުމެން އެބަ ސުވާލު އުފައްދަން އެބަ ޖެހޭ ރައީސް ޔާމިން އެގްރިމަންޓެއްގައި ސޮއި ކުރައްވާފަ އޮތިއްޔާ އިއްޔެ އެ ސޮއިކުރީ ކޮން އެގްރިމަންޓެއްގައިތޯ؟" ޝަރީފް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ބައެކެވެ. ނަމަވެސް އެހެން ގައުމެއް ލައްވައި އެ ޕްރޮޖެކްޓް ހިންގައިފިނަމަ މަސްލަހަތު ފުށޫއަރައި ސިޔާދަތައް އަސަރުކުރާނެތީއާއެކު އެއްބަސްވުމުގައި ސޮއިނުކޮށް ރައީސް ޔާމީން ބޭނުންފުޅު ވެލެއްވީ ރާއްޖެއިން ލިބެން ހުރި ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާއިން އެތަން ތަރައްގީކުރަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަަވެސް އެ ބަނދަރު ތަރައްގީކުރަން ކުރީގެ ސަރުކާރުން އެއްބަސްވެ ސޮއި ކޮށްފައިކަމަށް ބުނާ ލިޔުންތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އޭގެން އެއް އެއްބަސްވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސޮއި ކުރައްވާފައިވާ ސިޓީއެއްގައި ހިމެނޭ ކަމަށް ބުނެ ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޑިޒައިންތައް ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ސާވޭގެ މަސައްކަތް ކުރަން އިންޑިއާގެ ޓެކްނީޝަނުން ފޮނުވައިދިނުމަށް އެދުނު ކަމަށްވެސް ބުނެފައި ވެއެވެ.

ދެވަނަ އެއްބަސްވުމެއް ކަަމަށް ރައީސް ނަޝީދު ދެއްކެވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސޮއިކުރައްވާފައި ކަމަށް ބުނާ ލިޔުމެކެވެ. އޭގައި ބުނީ ރާއްޖެއިން އެދުނުގޮތަށް އެމްއެންޑީއެފްއަށް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

"ދެން އެއަށްފަހު އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވާފައި އެބައޮތް އެކްޝަން ޕްލޭނެއް. އޭގައި ވެސް އޮތީ އުތުރު ތިލަ ފަޅު ތަރައްގީކުރުމުގެ އެކްޝަން ޕްލޭނެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައި އަޑި ނޭނގޭކަންކަން ސާފުކޮށް ދޭން އެތައް ބަޔަކު ގޮވާލަމުންދާއިރު އޭގެ ތެރޭގައި ދުންޔާ މައުމޫންވެސް ހިމެނިވަޑައިގަންނަވަ އެވެ.