ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ހަށިފާރަވެރިންނަށް ނިމުމެއް ނެތް ތައުރީފު

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ ހުންނެވި ބޮޑީ ގާޑު އިލްހާމް ކޮމެޓީއަށް ހާޒިރުވަނީ -- ފޮޓޯ: މަޖިލިސް
66.7%
0%
33.3%

މިދިޔަ މޭ މަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި މިންނެތް މަސައްކަތްތައް ކޮށްދިން ހަށިފާރަވެރިންނަށް މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް ރޭ ތައުރީފު ކުރައްވައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ނިންމާލައި 241 ކޮމިޓީން އެކުލަވާލި ރިޕޯޓަށް ރޭ ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ ހަށިފާރަވެރިން ކުރެއްވި މަސައްކަތްތަަކުގެ އަގު ވަޒަން ކުރައްވައިފަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނާއިބު ރާއީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހާއްސަކޮށް ރައީސް ނަޝީދުގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާޖަންޓް އިލްހާމް އަހުމަދުގެ ނަން ފާހަގަ ކުރައްވައިފަ އެވެ.

އެ ހަމަލާ ދިން އިރު ރައީސް ނަޝީދާއެކު އެމްއެންޑީއެފްގެ ތިން ބޭފުޅަކު ހުންނެވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އަރިހުގައި ތިއްބެވި ސިފައިންގެ ބައެއް ބޭފުޅުން 241 ކޮމިޓީގައި -- ފޮޓޯ: މަޖިލިސް

ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވަމުން ދިޔަ ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ނެވެ.

އިންކުއަރީ ރިޕޯޓްގައި ވާގޮތުން ސައިކަލު ގޮއްވާލީ ޕްރައިވެޓް މުހައްމަދު ރިޝްވާން ރައީސް ނަޝީދުގެ ކާރުކޮޅުގެ ދޮރުކޮޅު ހުޅުވުމަށް އަތް ޖައްސާލި ވަގުތު އެވެ. އަދި އިވުނު ބާރުއަޑާ އެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަންނަވަނިކޮށް ސާޖަންޓް އިލްހާމްގެ ހުށިޔާރުކަމާއެކު ރައީސް ނަޝީދު ވެއްޓުނަނުދީ ހިފެހެއްޓެވި އެވެ.

"ރައީސް އެއްކޮށް ބިންމައްޗަށް ނުވެއްޓެނީސް އަޅުގަނޑަށް ރައީސް ގައިގައި ހިފެހެއްޓިއްޖެ" ސާޖަންޓް އިލްހާމު އިންކުއަރީއަށް ދެއްވި ބަޔާނުގައި ވެއެވެ.

އައިއީޑީ ގޮވިލެއް ބާރު ގަދަކަމުން ރައީސް ނަޝީދުގެ ކާރުގެ ޑްރައިވަރު ސްޓާފް ސާޖަންޓް އަބްދުﷲ އާއިދުގެ ކަންފަތަށް އެވަގުތު އެއްވެސް އަޑެއް ނުއިވުނެވެ. އަދި ކާރުވެސް ސްޓާޓެއް ވެސް ނުކުރެވުނެވެ.

ރައީސް ނަޝީދަށް ހަމަލާދިން ގޯޅީގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރި ވަނީ -- ފޮޓޯ: އަވަސް އޮންލައިން

ހަމަލާއަށް ފަހު ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކި ތަންތަނުން ލޭ އޮހޮރެމުން ދިޔަ ވަގުތު ސާޖަންޓް އިލްހާމް ވަނީ ރައީސް ނަޝީދުގެ ދެ ކިހިލިފަތްދަށަށް އަތް ލައްވައި އަތް ދަނޑިމައްޗަށް ނަގައި އެމަނިކުފާނު ކާރުކޮޅަށް އަރުވައިފަ އެވެ. ނަމަވެސް އެ ކާރު ސްޓާޓް ނުވުމުން ރައީސް ނަޝީދު އެރުއްވީ ސެކިއުރިޓީ ކާރަކަށެވެ. އެ ކާރުގޮސް އޭޑީކޭއަށް ވަނުމުން ރައީސް ނަޝީދު ސްޓްރެޗަރެއްގައި ބާއްވައިގެން ހޮސްޕިޓަލްގެ އިމެޖެންސީ ރޫމަށް ގެންދިޔައީ އިލްހާމާއި ޕްރައިވެޓް މުހައްމަދު ރިޝްވާން އެވެ.

ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ދެ ހަށިފާރަވެރިއަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ.

އީވާގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް ރައީސް ނަޝީދުގެ ހަށިފާރަވެރިން ކުރެއްވި މަސަައްކަަތަށް ތައުރީފް ކުރެއްވި އެވެ.

"ރައީސް ވެއްޓިވަޑައިގެން ބިންމަތީ ނުޖެހެނީސް ހިފަހައްޓަވައި ކާރަކަށް ލައިގެން އެމަނިކުފާނު ހޭފުޅުހުރިކަން ކަށަވަރުކުރަމުން ހޮސްޕިޓަލަސް ގެންދެވި. އޮަޕަރޭޝަން ޕްރޮސީޖާގައި ކަނޑައެޅިފައި އޮތްގޮތަށް އަކުރުން އަކުރަަށް އެ ހިތް ވަރުގަދަ ދިވެހި ސިފައިން އަމަލުކުރި" ޣައްސާން ވިދާޅުވި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރެއްވުމަށް ހަށިފާރަވެރިން ކުރެއްވި މަސައްކަތްތަކަަށް ވަަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ސެލިއުޓްކުރަން އެއީ މި ގައުމަށް ލިބިފައި ހުރި ޖަވާހިރުތަކެއް. އަޅުގަނޑަށް ހަމަ ޔަގީން އެ ބޭފުޅުން އެ ގަޑީގައި އެހެން އެއްވެސް ހިޔާލެއް އެހެން އެއްވެސް ވިސްނުމެއް އެހެން އެއްވެސް ކަަމަކާ ވިސްނަވާ ބައްލަވާ އަމިއްލަ ނަފްސަށް ނުވިސްނަވާ ރައީސް ނަޝީދުގެ ހަށިކޮޅާ ދޭތެރޭ ވިސްނައިގެން ކުރެއްވި މަސައްކަތަކީ އަޅުގަނޑު ހަމަ ޔަގީނުން ވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެ ބޭފުޅުންނަށް ފަހުރުވެރިވާ ކަމެއް" ފިރުޝާން ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ސިފައިންވީމަ އަސްލު އެވަރު ނުވީ. އަންނިއަށް ވެފަ އޮތް ވަރު މީގެން މީހަކަށް ނުވި ކަމީވެސް އަޖައިބެއް.

އެފް

ޚިޔާލުފާޅުކުރުމޭ ކިޔައި ވަަކިމީހަކަށް ތަނަކަށް ނުބަލާ އެއްޗެހިގޮވިއަސް ސަލާމަތީ އިދާރާތަކުން ފަޚުރުވެރި އެތައްޚިދުމަތެއް އެބަދެއެވެ.އެއީކީ ތައުރީފަކަށް ނޫނެވެ. އެއީ އެބޭކަލުންގެ ޕްރޮފެޝަނަލް ސްޓޭންޑެވެ. ހިތްވަރާ ފަންވަރު ހުރި އަޚްލާގެވެ. މިހާރު ހާލަތުއޮތްގޮތުން ސީކްރެޓް ސާވިސް އެކޭ އެއްގޮތްވާން އެބަޖެހެއެވެ. އެސް ޕީ ޖީ އަށް ސާބަހެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910