ހައެއްފެހެއްގެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް މޭ ހައެއްގައި ލިބުނު އަނިޔާތަކުން ފަސޭހަވެ، މިނިވަންކަމާ އެކުގައި ރާއްޖޭގެ ދިރިއުޅޭ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.
މެއި ހައެއްގެ ހަމަލާއަކީ ވަރަށް ދެރަކޮށް ހިނގިކަމެއް ގޮތުގައި ސިފަ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ތަހްގީގަށް އެނގިފައިވާ ގޮތުގައި އެއީ ހަރުކަށި ފިކުރުގެ މީހުން ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދޭންވާ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެ ބޮޑަށް ދޭންޖެހިފައި އޮތްކަން މިއަދު ހާމަވޭ. އޭރުވެސް ކުރިއަށް ވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އެދެމުން ދިޔައީ" ރައިސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމަށް ހުރަސްނާޅުއްވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.
ސަރުކާރާއި އެމްއެންޑީއެފްއިން ފޯރުކޮށްދެންޖެހޭ ރައްކާތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށާއި މިހާރު ވެސް ސަލާމަތީ ހިދުމަތްތަކުގެ ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ކުރަންޖެހޭ އިތުރު ހޯދުންތައް ހޯދައި ބޭނުންވާ އާލާތްތައ ހޯދައި އެސްއޯޕީތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއިރު މަޖިލީހުން ވަނީ އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދާފައެވެ. އެ އިންކުއަރީގައި ހަމަލާގެ މައުލޫމާތު ކުރީން ލިބިފައިވީނަމަވެސް އެކަށީގެންވާ ސީރިއަސް ގޮތެއްގައި އެކަން ބަލާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އިންކުއަރީ ރިޕޯޓް މަޖިލީހުގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަފަނޑިޔާރަށް ވަނީ އަރުވާފައެވެ.
ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު އަވަސް އަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ހައެއް ފަހެއްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ނަޝީދު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުންނެވެ.