މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ތާރީހީ އަގުލަބިއްޔަތެއް ހޯދައިދީ ދިވެހި ރައްޔިތުން ހަވާލުކުރި މަސައްކަތުގެ އެންމެ އިސް ވާޖިބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަމަޖުހެން ގެނައުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން ތިޔަ ބޭފުޅުން ހަވާލުކޮށްދެއްވި މަސައްކަތް އަކުރުން އަކުރަށް ރަނުން ރަނަށްކޮށްދޭނަން. އެންމެ އިސް ވާޖިބަކީ ސަރުކާރަށް ހަމަޖެހުން ގެނައުން. އެންމެ މުހިންމު ބޭނުމަކީ ރައީސް ސޯލިހުގެ ސަރުކާރު ހަމަޖެހުމާއެކީގައި ކުރިޔަށް ދިޔުން،" މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ލޮނުޒިޔާރަތް ކޮޅުގައި މިރޭ ބޭއްވި އެއްވުމުގައި، ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުން ނުކުމެ ހޮވައިދެއްވާފައިވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށެވެ.
"ރޮލެކްސް ގަޑިއާ ކޮހިނޫރު ޒަމާން ނިމުނީ މިއަދު ތި އިންތިހާބުކޮށްދެއްވީ ނަޒާހަތްތެރި މަޖިލީހެއް. ތިޔަ ބޭފުޅުން ބޭނުންވެ ވަޑައިގަތީ އާންމު ހާލަތު ރަނގަޅު ކުރަން. ބޯހިޔާވެހިކަން. އިރާދަކުރެއްވީއާ އެ މަސައްކަތް ތިޔަ ބޭފުޅުންނަށް ހޯދައިދޭނަން،" އެ ސަރަހައްދަށް އެއްވެފައިވާ ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުންނާއި މުހާތަބުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"އެޖެންޑާ 19" ގެ ނަމުގައި ގާނޫނީ ގޮތުން ސަރުކާރު ހިންގަން ކޮންމެ ބޭނުން ބޮޑެތި އިސްލާހުތައް ގެންނާނެކަމަށް ބުނެ، ނަޝީދު އިސްވެ އެމްޑީޕީން ވަނީ ވަރަށް ގަދައަށް ކެމްޕެއިނު ކުރައްވައިފަ އެވެ. މިހާރުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، އެމްޑީޕީ އިން ވާދަކުރި 86 ދާއިރާގެ ތެރެއިން، ގާތްގަނޑަކަށް 60 ގޮނޑި އެމްޑީޕީއިން ކާމިޔާބު ކުރާނެކަމަށް ބެލެވެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.