ހަބަރު

އެމްޑީޕީގެ ބޮޑު ކާމިޔާބީ ފާހަގަ ކުރަން ބޮޑު ޖާފަތެއް ބާއްވައިފި

ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ އިން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ބޮޑު ޖާފަތެއް ބާއްވައިފި އެވެ.

ސިނަމާލޭ ބްރިޖު ކައިރީ އޮންނަ ހުސް ބިމުގައި މިރޭ ބޭއްވި އެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސްވެރިންނާއި ގޮނޑި ކާމިޔާބު ކުރެއްވި ފަރާތްތައް ވެސް އުފާ ފާޅު ކުރުމުގައި ބައިވެރިވެވަޑައިގަތެވެ.

ލައިވް މިއުޒިކް ޝޯ އަކާއެކު ކުރިޔަށް ދިޔަ އެ ޖާފަތުގައި އެމްޑީޕީ ސެކެޓަރިއޭޓް އިން އިންތިޒާމްކޮށްފައިވާ ކެއުންތަކުގެ އިތުރުން އެމްޑީޕީން ވާދަ ކުރި 86 ދާއިރާގެ ފަރާތުން ތައްޔާރުކޮށްފައިވާ ކެއުންތައް ވެސް ހުއްޓެވެ. އެ ޖާފަތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ، އެ ތަން އޮތީ ފުރާލައިފަ އެވެ.

މަަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީ އިން މިފަހަރު ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ މަޖިލީހުގެ ސުޕަަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 26 ގޮނޑި އެވެ.