ހަބަރު

ބޮޑެތި ރަށްތައް ވެސް އެމްޑީޕީއަށް

އާބާދީ ބޮޑެތި ރަށްތަކުގެ ގޮނޑިތައް ވެސް ކާމިޔާބުކޮށް އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ އެމްޑީޕީއިން ކަށަވަރުކޮށްފި އެވެ.

"އެޖެންޑާ 19"ގެ ސިޔާސަތާއެކު ބޮޑު ކެމްޕެއިން މުޅި ރާއްޖޭގައި ހިންގި އެމްޑީޕީގެ 85 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ކުރި އެވެ. އެމްޑީޕީއިން ވާދަނުކޮށް ދޫކޮށްލީ މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އެކަންޏެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މަޖިލީހުން ގޮނޑިއެއް ޔަގީންކޮށްފައިވާއިރު މާލޭގެ 15 ގޮނޑީގެ ތެރެއިން 14 ގޮނޑި އެމްޑީޕީއިން ނެގި އެވެ. އައްޑޫ ސިޓީގެ ހަތް ގޮނޑި ވެސް ކާމިޔާބުކުރިއިރު ފުވައްމުލައް ސިޓީގެ ތިން ގޮނޑި ވެސް ހޯދީ އެމްޑީޕީ އެވެ.

ދެން އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހދ. ކުޅުދުއްފުށީގެ ދެ ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ދެ ކެންޑިޑޭޓުންނަކީ ވެސް އެ ރަށަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ތިނަދޫގެ ދެ ދާއިރާއިން ވެސް ކުރި ހޯދީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ އަބްދުލް މުގުނީ އާއި އަބްދުﷲ ސަނީފެވެ.

ލ. އަތޮޅުގަމު ދާއިރާއިން ވެސް ކާމިޔާބު ހޯދީ އެމްޑީޕީއިންނެވެ. އެއީ ގަމު ދާއިރާއިން މުހައްމަދު ވިސާމެވެ. ދިއްދޫ ދާއިރާގެ ގޮނޑި ވެސް ގެންދިޔައީ އެމްޑީޕީއިންނެވެ. އެއީ އެ ދާއިރާއަށް ވާދަ ކުރި އެ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ވަހީދެވެ.

ހަމަ އެ އަތޮޅު ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމެވެ. އެއީ އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއިިލްއާ ވާދަކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 25 އަހަރު ވަންދެން ފުރުއްވި ހިންނަވަރު ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. އެއީ ކުރީ ސަރުކާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާ ވާދަކޮށް ޖިހާން މަހްމޫދެވެ.

ބޮޑު ރަށްތަކަށް ބަލާއިރު އެމްޑީޕީއަށް ގެއްލުނީ އޭދަފުއްޓާއި ނައިފަރެވެ. ނައިފަރު ދާއިރާއިން ކުރި ހޯދީ މިހާރުގެ ވެސް މެންބަރު، ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝިޔާމެވެ. އޭދަފުށީ ދާއިރާއިން ވެސް ކުރި ހޯދީ މިހާރުގެ މެންބަރު، ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ސަލީމެވެ.