ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ އިސްލާހަށް ތާއިދު ނުކުރައްވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަ ކުރައްވައިފި އެވެ.
އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ. ނަމަވެސް އެއީ ޕާޓީއާ މަޝްވަރާނުކޮށް ހުށަހެޅި އިސްލާހެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
އެ އިސްލާހާ ގުޅޭ ގޮތުން ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމަކީ އެމަނިކުފާނު ގަބޫލުުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތް ހެދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން މަޖިލިސް މެންބަރެއްގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެ ޝަރުތުތައް ހަނިކޮށް ބައެއް ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ނިސްބަތްވާ ޕާޓީ، އެމްޑީޕީއިން ވަނީ އެ އިސްލާހާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށްފައިވާ އިސްލާޙެއް ކަމަށް އެ ޕާޓީއިން ގަބޫލުކުރެ އެވެ. އެ އިސްލާޙު ފާސްވިޔަ ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ އިސްލާހު ނެގުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު، ލަތީފަށް އަންގާފައިވީ ނަމަވެސް މިހާތަނަށް އެ އިސްލާހު އަނބުރާ ގެންގޮސްފައެއް ނުވެ އެވެ.