މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަގާމުތަކުން ވަކިކުރުމަކީ އެ ޕާޓީތަކަށް ދެވޭ ވަރުގަދަ މެސެޖެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީން އެ ނިންމުން ނިންމީ 59 މެންބަރުންގެ ވޯޓުންނެވެ.
މިއީ މި ސަރުކާރު އެފެދުނު ފަހުން ޖުމްހުރީ ޕާޓީއަށް ނިސްބަތްވާ ތިންވަނަ ވަޒީރު ކެބިނެޓުން ބޭރުވި ފަހަރުއެވެ. މީގެ ކުރިން އަލީ ވަހީދާއި އަބްދުﷲ އަމީންވެސް ވަނީ ކެބިނެޓުން ބޭރުވެފައެވެ. އަލީ ވަހީދު މަގާމުން ވަކިކުރެއްވީ ރައީސް ސޯލިހެވެ. އަމީން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޕްރެޝަރާ ހެދި ރައީސް ސޯލިހު އެންގެވުމުންނެވެ.
ސައުދު ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަގާމުތަކުން ވަކިކުރުމަކީ އެ ޕާޓީތަކަށް ދެވޭ ވަރުގަދަ މެސެޖެއް ކަމަށެވެ. އަދި އެކަން ކުރަނީ ވަކި މިނިސްޓަރަކަށް ވެގެން ނޫން ކަމަށާ އެއީ ޕާޓީތަކަށް އަމާޒުކުރާ ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިހާރު ކަން ހިނގަމުންދާ ގޮތް ވަރަށް ސާފު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބާރުވެރި ސަރުކާރު ނިމުމަކަށް އައީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އިންތިހާބަށް އިދިކޮޅުން ނިކުތް ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާއި މައުމޫން ރިފޯމް މޫވްމަންޓް ހިމެނެ އެވެ.
އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ.
ނަމަވެސް، ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، އަދާލަތާއި އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން ދިން ސްލޮޓުތައް ވަނީ ގެއްލިފަ އެވެ. ސްލޮޓް މަދުވިނަމަވެސް ސިޔާސީ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންވެސް ކެބިނެޓްގައި އެބަތިއްބެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްއާރްއެމްގެ ވަގުތީ ރައީސް، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.
އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޮޓެލް ޖެންގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ސަރުކާރަށް ލަފާ އެރުވުމާއި ގުޅިގެން ކުރިއަށް ދިޔުމަށް ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ލީޑަރުން އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމެވި އެވެ.
ނަމަވެސް، އޭގެ ފަހުން އެފަދަ ބައްދަލުވުމެއް ބާއްވާފައިނުވާއިރު، ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ތެރެއިން ރައީސަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.