ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖލިސް މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓީކެޓްގައި ބާރަށު ދާއިރާއަށް ވާދަކުރާ އަހްމަދް އަބްދުﷲގެ ކެމްޕޭން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މެޖޯރިޓީ ގެއްލިގެންދާ ހިސާބުން ރައްޔިތުންނަށް އަނެއްކާވެސް ފެންނާނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އަދި ވިދާޅުވީ އެހާ ހިސާބުން އަނެއްކާވެސް ފެނިގެންދާނީ މީގެ ކުރިން ރާއްޖެއިން ފެނިގެން ދިޔަ ހަމަނުޖެހުންތައް ކަމަށެވެ.
"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގާ އެމްޑިޕީއަށް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަޣުލަބިއްޔަތު ގެއްލިޖެއްނަމަ ދިވެހި ރާއްޖޭގެ ރައްޔިތުން އަނެއްކާވެސް ދެކޭނީ ވަރަށް ހިތާމަވެރި މަންޒަރެއް އަނެއްކާވެސް އަޅުގަނޑުމެންގެ އުދަރެސް ބަނަވެގެންދާނީ ބަޣާވަތާ ދިމާއަށް އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނީ ހަމަނުޖެހުން،" ނަޝީދު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ ފިޔަވާ އެހެން ޕާޓީ ތަކުގެ ކެންޑިޑޭޓުން މަޖިލިސް އަށް އަންނަން ބޭނުންވާ ސަބަބު ސާފު ނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެހެން ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ބޭނުން ނޭގުނު ނަމަވެސް، އެމްޑީޕީ ކެންޑިޑޭޓުންގެ ބޭނުން ވަަރަށް ރަނގަޅަށް ރައްޔިތުންނަށް އެގޭ ކަމަށެވެ. އަދި އެ ބޭނުނަކީ އެޖެންޑާ 19 ފުރިހަމަ ކޮށްދިނުން ކަމަށެވެ.
އެޖެންޑާ 19 އަކީ އެމްޑީޕީއިން މަޖިލިސް ކެމްޕޭނުގައި ބޭނުން ކުރަމުންދާ ޝިއާރެވެ. މި ޝިއާރުގައި ތަފާތު 19 ގާނޫނީ އޮނިގަނޑެެއް ވަނީ ހިމަނާފަ އެވެ.