އެމްޑީޕީ

"ރައީސް" ކަނޑައަޅާ ވޯޓްގެ އިންތިޒާރުގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ރޭސް މިހާރު މިވަނީ ހަގީގަތަށް ވެސް ވިހަވެފަ އެވެ. ކުރީގެ ސަރުކާރުގައި ވެސް ރެނދު އަޅައިގެން އެތެރެއިން ފަޅައިގެންދިއަ "ސުންޕާ" ބަލި މި ސަރުކާރަށް ވެސް ވަނީ ލައްވާލައިފަ އެވެ. ކޯލިޝަން ރުޅޭނެ ދުވަހަކަށް ބަލަ ބަލައި ތިއްބާ، ކުއްލިއަކަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ވަނީ ދެކަފިވެފަ އެވެ.

މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވަނީ ހަސަން އަފީފާއި މުހައްމަދު އަސްލަމެވެ. ފެންނަ ފެނުމަށް، އެތެރޭގެ އިންތިހާބެކެވެ. މަޖިލިސް އިންތިހާބުގައި ތާރީހީ ކާމިޔާބީއެއް ހޯދި ޕާޓީގެ ޕީޖީ ގްރޫޕުގެ ނިންމުމެކެވެ. އެހެނަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ކުރީގެ ރައީސް ނަޝީދުގެ ދެމެދު އުފެދިފައިވާ އަރައިރުމުގެ ތެރެއިން، އެ އިންތިހާބު މިހާރުގޮސް ގުޅިފައިވަނީ އެމްޑީޕީގެ މުސްތަގުބަލާ އެވެ. ސަރުކާރުގެ ކުރިމަގާ އެވެ. ދެ އާއިލާއެއްގެ ބަދަހިކަމާ އެވެ. ދެ ރައީސުންގެ ރަހުމަތްތެރިކަމާ އެވެ.

މިފަހަރު ރައީސް ސޯލިހު ދޫނުދެއްވާނެ

މަޖިލީސް އިންތިހާބުގެ ކުރިން ވެސް ދެ ރައީސުންގެ މެދުގައި ހިޔާލުތާފާތުވި އެވެ. ކޯލިޝަންގެ ބޭރުން އިންތިހާބު ވާދަ ކުރަން ނަޝީދު ބޭނުންފުޅުވި ނަމަވެސް، ކޯލިޝަން ރޫޅި ދާނެތީ ރައީސް ސޯލިހުގެ ވިސްނުންފުޅު ގެންގުޅުއްވީ އަނެއް އަތަށެވެ. ނަމަވެސް، ފަހުން ރައީސް ދޫދެއްވުމުން އެ ފަހަރު ގަދަވީ ނަޝީދުގެ ކޮޅެވެ.

މިފަހަރު އުފެދުނު ހިޔާލުތަފާތުވުން ވިހަވެގެން ގޮސްފައިވަނީ އެއްވެސް ބޭފުޅަކު ފަހަތަށްޖެހިވަޑައިގަންނަވަން ބޭނުންފުޅުނުވާތީކަން ދޭހަވެ އެވެ. މަޖިލީސް އިންތިހާބާ ހިލާފަށް، މިފަހަރުގެ ކޯޅުން ތަފާތުވާ މައިގަނޑު ސަބަބަކީ ނަޝީދަށް ތުހުމަތުކުރެވޭ ސިއްރު އެޖެންޑާ އެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަކަށް މަޖިލީސް ފުރޮޅިގެން ގޮސްފިނަމަ އެކަމަށް މަގު ފަހިވެގެން ދިޔުމަކީ ސޯލިހު ބަންދުކުރައްވަން ބޭނުންފުޅުވާ ދޮރޯއްޓެވެ.

އެމްޑީޕީގެ އެތެރެއިން އިވޭ ވާހަކަތަކަށް ބަލާއިރު، ކޯލިޝަން ރުއްސަން ސޯލިހު މާވަރަކުން އުޅުއްވުމަކީ ދެބޭފުޅުންގެ މެދުގައި ކުނިޖެހޭ ހަގީގީ މައްސަލަ އެވެ. ސީދާ ނަޝީދު ބޭނުންފުޅުވާ މީހަކު މަޖިލީހުގެ ރައީސްކަމަށް ގެންނަން ކޯލިޝަނުން ބޭނުންނުވާކަމަށްވެ އެވެ. އެހެންކަމުން އަފީފްއަކީ ދޭތެރެ މެދެވެ. ސީދާ ސޯލިހުގެ ޗޮއިހެއްވެސް ނޫނެވެ. ކޯލިޝަނަށް ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސޯލިހު ހުށަހެޅުއްވި "ކޮމްޕްރޮމައިސް" އެވެ.

"އިބޫ ބޭނުންވި ގޮތަށް އިންތިހާބުގައި ދޫދިންނަމަ، އެމްޑީޕީގައި މިހާރު އޮންނާނީ އެންމެ 35 ގޮނޑި،" އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވި އެވެ. މިއީ ޕާޓީ ތެރޭގައި ނަޝީދުއާ އެއްކޮޅު ބޭފުޅުންގެ ވިސްނުމެވެ. މަޖިލީސް އިންތިހާބަށްފަހު ހަގީގަތުގައި ކޯލިޝަނެއް މިހާރަކު ނެތެވެ. ހާއްސަކޮށް މަޖިލީހުގެ ރައީސް ކަނޑައެޅުމުގައި ޖޭޕީގެ ބަހެއް އޮންނާކަށް ނުޖެހެ އެވެ. ސުޕާ މެޖޯރިޓީ ލިބިވަޑައިގެން، އެހެން ޕާޓީއެއް ދެކެ ބިރުން އުޅުއްވުމަކީ ބަލައިގަންނަން ދަތިކަމަކަށް ވަނީވެފަ އެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުން ވާހަކަ ދައްކަވާ ބޭފުޅުންގެ ހިޔާލުތަފާތެވެ. ރައީސް ސޯލިހުގެ ވިސްނުންފުޅު ރަނގަޅުކަމަށް ގަބޫލުކުރެ އެވެ. މާޒީއަށް ބަލާއިރު، ކޯލިޝަން ރޫޅި، އިދިކޮޅާއި ގުޅިގެން ސަރުކާރަށް ޖެއްސުން ކުރަން ފެށުމަކީ ސޯލިހު ބޭނުންފުޅުވާ ގޮތެއް ނޫނެވެ. އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ ގައުމުގައި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމެވެ.

"ދެން ޖޭޕީއަށްވެސް ފަހަތަށްއެރޭ ބޭފުޅެއް މަޖިލީހުގެ ރައީސްކަމަށް ގެނެސްގެން ލިބޭނެ ގެއްލުމެއް ނުވިސްނޭ. މި އުޅެނީ އެހެން ޕާޓީއެއްގެ މީހެއް ގެންނާކަށް ނޫން. ހަމަ އެމްޑީޕީގެ ދެ ބޭފުޅުން. ޕާޓީގެ ސަޕޯޓާއި، އިހުތިރާމް ލިބިފައި ތިއްބެވި ހަމަ އިސް ދެ ބޭފުޅުން،" ރައީސް ސޯލިހު ފެކްޝަންގެ ބޭފުޅަކު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމަށް ވުރެ ބޮޑު

އެއް އިރެއްގައި މިއީ ކޯލިޝަން ރުއްސުމުގެ ތެރެއިން އުފެދުނު ހިޔާލު ތަފާތުވުމެއް ކަމަށް ބެލިއަސް، މިހާރު އެ އަރައިރުން ވަނީ އެތެރޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވެފަ އެވެ. ދެ ބޭފުޅުން ދެކޮޅުގައި ތިއްބަވައިގެން ކުރައްވާ ކެމްޕެއިންގެ ތެރެއަށް އެމްޑީޕީގެ އިސް ސަފުގެ އިތުރުން އާންމު މެމްބަރުންނާއި، ކެބިނެޓާ، ދެ ބޭފުޅުންގެ އާއިލާއިން ވެސް މިހާރު ވަނީ ރަނގަޅަށްވަދެފަ އެވެ. ދެކޮޅުން ވެސް ވަރުގަދަ ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

އަފީފް ވިދާޅުވަނީ މިހާރު ވެސް 40 ވޯޓު ހަމަވެ، އިންތިހާބު ކާމިޔާބުވެއްޖެ ކަމަށެވެ. އަސްލަމް ވެސް ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ. އެހެނަސް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާނީ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުންނެވެ. އެ 65 މެމްބަރުންގެ ވޯޓަކުންނެވެ. އެހެނަސް، އެތެރޭގައި ނެގޭ ވޯޓަކަށްވުރެ މައްސަލަ ހޫނެވެ. އެކަމުގެ ވިހަ ވަނީ މާ ފުނަށް ފެތުރިފަ އެވެ. އެ މެމްބަރުން ވޯޓު ދެއްވާނީ، ރައީސް ސޯލިހު ނޫނީ ރައީސް ނަޝީދަށެވެ. މަޖިލީހުގެ "ސުޕާ މެޖޯރިޓީ" ގެ ކޮންޓްރޯލް ހަގީގަތުގައި އޮތީ ކޮން ބޭފުޅެއްގެ އަތުގައިކަން މިރޭ ހާމަވާނެ އެވެ. "ހިތާ ހިތުމުގެ ގުޅުމެއް" ގެ ވަރުގަދަކަން އިމްތިހާން ކުރެވޭނެ އެވެ.

ވޯޓު އެނބުރޭ ގޮތަކުން އެމްޑީޕީގެ އެތެރެއަށްވެސް ވަރުގަދަ ލޮޅުމެއް އާންނާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީގެ މުސްތަގުބަލު ކަނޑައެޅުމުގެ ވަގުތުކޮޅަކަށް ވެގެންދާނެ އެވެ. ސަރުކާރުގެ ކުރިމަގާއި ދައުލަތް ހިންގުމުގެ ނިޒާމް ވެސް ބައްޓަންވެގެން ދިޔުމުގެ ފެށުމަށް އެ ވޯޓު ވެގެންދިއުމަކީ ވަރަށް ގާތް ކަމެކެވެ.