ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭންގޭ" ކަމަށް ވިދާޅުވުމުން އެކަމަށް ފިޔަވަޅު އަޅުއްވަން އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު އަދި އެމްޑީޕީގެ ހައެއް މެއި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަަމަލާއާ ގުޅޭގޮތުން ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަަމަށެވެ. އަދި ރައީސް ސޯލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރަައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. ތަކުރާރުކޮށް އެ ވާހަކަ ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ފިޔަވަޅު އަޅަން އެންގެވި ނަމަވެސް ރައީސް ސޯލިހުގެ އެންމެ އަރިހުގައި ތިއްބެވީ އަދާލަތުގެ މެންބަރުން ކަމަށެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތް ކަމަށް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުން ހަސަން ނެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އިންތިހާބެއް ނެތި މަގާމުގައި ހުންނެވި ހަތަރު އަހަރާއެކު ޖުމްލަ ނުވަ އަހަރު އަދާލަތުގެ ނާއިބް ރައީސްކަން ކުރެއްވި އަލީ ޒާހިރު ޗީފް އޮފް ސްޓާފަކަށް ބެހެއްޓެވުމުން އެމްޑީޕީގެ މެންބަރުންނަށް ވުރެ ބޮޑަށް ރައީސް ސޯލިހް އަދާލަތުގެ މެންބަރުންނަށް އިތުބާރު ކުރައްވާކަން ހާމަވާ ކަމަށް ހަސަން ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެ މަގާމަށް އެކަށޭނެ ކިތަންމެ ބޭފުޅުންނެއް އެމްޑީޕީގައި އެބަ ތިއްބެވި ކަމަށެވެ. ރައީސް އޮފީހުގެ އެކި މަގާމުތަކުގައިވެސް ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސޭނެ އެމްޑީޕީގެ މެންބަރުން އެބަތިއްބެވި ކަމަށް ވިދާޅުވިއެވެ.
"ކުރީ ރޭ އަޅުގަނޑު ބުނި އެއްޗަކުން މިހާރު މިހުރީ އަޅުގަނޑަށް ޕާޓީގެ ފަރާތުން ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފަ،" ހަސަން ވިދާޅުވިއެވެ.
ހަސަން އަފީފް ވިދާޅުވީ ރައީސްގެ އަމަލުތައް ހުރި ގޮތުން އެމަނިކުފާނަކީ އަދާލަތު މެންބަރެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
އެމްޑީޕީގައި ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ވަނީ ގޯސްވެފައެވެ. ހަސަން އަކީ ނަޝީދަށް ވަފާތެރި މެންބަރެކެވެ. އޭނާއަކީ ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރެވެ.
މަޖީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަސަން ފާހަގަކުރެވިފައިވަނީ ބޭނުންފުޅުވާ ވާހަކައެއް ވަރަށް ސާފުކޮށް ވިދާޅުވާ މެންބަރެއްގެ ގޮތުގައެވެ.