ހަބަރު

ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަވާތީ ޖަމީލްގެ ފާޑިކިޔުން ނަޝީދަށް

Apr 9, 2019
15

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު ތާރީހީ އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރުމާއެކު، އެންމެ ފުރަތަމަ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވުމުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ނިޒާމް ކަމަށެވެ. އެމްޑީޕީ ގަބޫލު ކުރާ ފަލްސަފާއަކީ ވެސް އެއީ ކަމަށެވެ.

އެކަމާއި ގުޅިގެން މި ފަހަރުގެ އިންތިހާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ޖަމީލް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން، އެންމެ ފުރަތަމަވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާ ވާހަކަ ނަޝީދު ދެއްކެވުމުން ހިތާމަކުރައްވާ ކަމަށެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ބަދަލުގައި، ނަޝީދުގެ އަމާޒަކަށް ވާންވީ ރައްޔިތުން ބޮޑެތި އުއްމީދުތަކާއެކު ވޯޓުދިން އެޖެންޑާ 19 ގައި ހުރިކަންކަން ފުއްދައިދޭން،" ޖަމީލް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، ނިޒާމް ބަދަލު ކުރާ މި ވަގުތު ދައްކާ ނަމަ، އެ ވާހަކައެއް އިސްވެ ދައްކަވަންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ވަނީ ރޭގެ އިންޓަވިއުގައި ވިދާޅުވެފަ އެވެ.

"ރައީސްއަށް އުނދަގޫފުޅުވާ ގޮތަކަށް އަޅުގަނޑެއް އެކަހަލަ ކަމެއް ކުރާކަށް ދުވަހަކު ވެސް ނޫޅޭނަން، އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގަ މި ތިބީ، އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ވެސް އެމްޑީޕީ، ރައްޔިތުންގެ މަޖިލީހަކީ ވެސް އެމްޑީޕީ، މި ވަގުތަށް ބަލާއިރުގަ އަޅުގަނޑުމެންނަށް އޭގެންވާ އުނދަގުލެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު އަދިވެސް ދެކެނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމޭ، އެ ނިޒާމް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްވެގެން އަންނަ ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި ޕާޓީގެ ކޮންގްރެސްގައި ވެސް ގުނަވަންތަކުގައި ވެސް މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް އައިސް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން، މިއީ ވަރަށް ދިގު މަސައްކަތެއް، މިއިން އެއްވެސް މަސައްކަތެއް ފަށައިގަންނަން ވެސް ޖެހެނީ ރައީސްގެ އިޒްނަ ވެސް ރުހުން ވެސް ހިތް ވެސް އޮވެގެން،"

ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާއިރު ބޮޑު ވަޒީރު ކަމަށް ޝައުގުވެރިކަން އެބަ ހުންނެވިތޯ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެމަނިކުފާނު ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާ ކަމަށެވެ.