ހަބަރު

ރައީސްއާ "ފަނިކުރަން" އުޅުނަސް އެކަމެއް ނުވާނެ: ގާސިމް

ޖުމްހޫރީ ޕާޓީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެތެރޭ "ފަނިކުރަން" މީހަކު އުޅުނަސް އެކަމެއް ނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެވެ.

ޖުމްހޫރީ ޕާޓީގެ މަޖިލިސް އިންތިހާބުގެ ޓިކެޓްތަކެއް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރައްވައި، ރައްޔިތުންގެ ހައްގަކަށް އަރައިނުގަންނަހާ ހިނދަކު ޖުމްހޫރީ ޕާޓީ އޮންނާނީ ރައީސް ސޯލިހުގެ ފަހަތުގައި ކަމަށެވެ. ރައީސް ސޯލިހާ އަތާއި އަތު ގުޅާލައިގެން މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިރޭ ވަނީ މަޖިލިސް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އަނިޔާވެރިވާ މިންވަރު މިފަހުން ފެނިއްޖެ ކަމަށާއި އެކަން ތަކުރާރުކުރަން ބޭނުންނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް އެހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިސާލު ޖެއްސެވުމަށްފަހު އެވެ.

"އެއްވެސް ފައިދާއެއް ނެތް، އެއް ޕާޓީއަކަށް މެޖޯރިޓީ ލިބިގެންވާ ގޮތް އިހަށް ދުވަހު ވަނީ ފެނިފަ، ސުޕަ މެޖޯރިޓީ ނުދެއްވާށޭ އެއްވެސް ޕާޓީއަކަށް، އޭރަށް ސަރުކާރު ޒިންމާދާރެއް ވެސް ނުކުރެވޭނެ، ސަރުކާރަށް ސުވާލެއް ވެސް ނުކުރެވޭ، އެކަން އެހެންވެގެން ދިޔަ ގޮތް ފެނިއްޖެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އެމްޑީޕީއިން ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން އުޅޭ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކަވައި އެކަމާ ވެސް ދެކޮޅު ހައްދަވާފަ އެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއިން އަބަދުވެސް ތާއިދު ކުރާނީ ރިޔާސީ ނިޒާމަށް ކަމަށެވެ. ބޮޑު ވަޒީރަކު ހުރެގެން ގައުމަށް ދިމާވި ކަންކަން މީގެކުރިން ވެސް ރާއްޖެ ތަޖުރިބާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހޭނީ ކޮން ނިޒާމަކާ ގުޅޭ ގޮތުން ސުވާލެއް ނުއުފެދޭ ކަމަށެވެ. ޖުމްހޫރީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ދިޔުމުން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައީސް ވެސް އިންތިހާބު ވަނީ ރައްޔިތުންގެ އަރިހަށް ގޮސް ހިޔާލު ހޯދުމަށްފަހު ތާއިދު ލިބިގެން ކަމަށެވެ.

އޭގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއްގައި ގައުމު ހިންގަން ވަޑައިގަންނަވާ ބޮޑު ވަޒީރަކީ ހުރިހާ ރައްޔިތުންގެ ތާއިދު އޮންނަ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. މާލޭގެ ކުޑަކުޑަ ތަންކޮޅަކުން އިންތިހާބުވެގެން މަޖިލީހަށް ވަންނަ މީހަކަށް ވެސް ބޮޑު ވަޒީރަކަށް ވެވިދާނެ ކަމަށެވެ. އެހެންވެއްޖެޔާ ހުރިހާ ރައްޔިތުންގެ ހިޔާލަށް އޭނާ ނުވިސްނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކާކުތޯ ގަބޫލު ކުރާނީ ބަރުލަމާނީ ނިޒާމަށް ދާން، މެންބަރުންގެ ގޮތުގައި މިނިސްޓަރުން ވެސް ޕްރައިމް މިނިސްޓަރު ވެސް ހުންނަވާނީ، ޖަވާބުދާރީ ކުރުވަން ތިބޭނީ ވަރަށް މަދު ބައެއް، ދެން ކިހިނެއްތޯ ހަދަނީ، ހަތަރެސްކަން ހަމަވީ، ތާކުންތާކު ޖެހޭ ނިޒާމެއް ނޫން، ހެޔޮވާ ވަރުވާ ކަމެއް ނޫން، އަނެއްކާ ޑަބަލް ހަރަދު، ރައީސްއަކު ވެސް ހުންނަން ޖެހޭ އެކަމަކު އެއީ ހަމަ ނަންބޯޑެއް، ޕްރައިމް މިނިސްޓަރު ގައުމު މި ހިންގަންޖެހެނީ، ކުޑަކުޑަ ތަންކޮޅަކުން ހޮވޭ މީހަކަށް ޕްރައިމް މިނިސްޓަރަކަށް ހަދަނީ، ރައްޔިތުން އުޅޭ ހާލެއް ބަލާލަކަށް ވެސް ނުޖެހޭ، އެކަން ކިހިނެއްތޯ ކުރާނީ ވެސް، އެ ހަމަ އަޑެއް އަރުވަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރުގައި އޮތް ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބިގެން އެއްވެސް ކަމެއް އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ޝަރުއީ ނިޒާމްގެ ވެރިން ވެސް އޭރަށް ތިބޭނީ ތުރުތުރު އަޅައަޅަ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވަނީ އެ ވެރިންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ބާރު ވެސް އޭރަށް މަޖިލީހުގެ މެޖޯރީޓީ އޮތް ޕާޓީއަށް އޮންނާނެތީ ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ މި ދެންނެވި ޒިންމާދާރު ކުރުމުގެ ބައި ނިމިގެން ދަނީ، އެކަކު ނުވަތަ ވަކި ޕާޓީއަކުން ދެކޭ ހުވަފެނެއްގެ މައްޗަށް ބިނާކޮށް ގައުމު ހިނގައްޖެނަމަ ގައުމުގެ އިސްތގުލަލާއި މިނިވަންކަމާއި އިންސާފު ނެތިދާނެ،" ގާސިމް ވިދާޅުވި އެވެ.