ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ތިއްބަވާ ގްރޫޕެއްގައި ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ސޯލިހްގެ ފަހަތަށް އަރާނެ އެއްގޮތްވެސް ނެތް ކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ރައްދު ދެއްވާފަ އެވެ. ޝަރީފް ވިދާޅުވީ 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ކޯލިޝަންގައި ގާސިމް ހުންނެވި އިރުގެ ހަނދާންތައް އެމަނިކުފާނު ވާނެ ކަމަށެވެ. އަދި އެއީ ގާސިމްއަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފަ އެވެ.
ޝަރީފްގެ މެސެޖަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާސިމް، ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ޝަރީފަށް އަދި ވަރަށް ކުޑަ މިންވަރެއް އެނގިލައްވާނީ. ގާސިމެއް ނާރާނެ. 100 އިންސައްތަ ޔަގީން. ތިޔަ ބޭފުޅުން ރައީސް ސޯލިހަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު،" ރައީސް ނަޝީދުގެ މެސެޖުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ މިފަދަ ވާހަކަތަކެއް ދައްކަވާފަ އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ގާސިމް ކޯލިޝަން ހެދީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އެއީ އޭރުގެ ސަރުކާރުން ސިޔާސީ ގިނަ ލީޑަރުންތަކެއް ޖަލަށް ލާފައިވާތީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޖޭޕީއަކީ މިހާރުގެ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓީ އެވެ. މީގެ ކުރިން ޖޭޕީން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަން އިއުލާން ކޮށްފަ އެވެ.
ޖޭޕީން ކެންޑިޑޭޓެއް ނެރޭނެކަން ކަށަވަރުވާނީ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.
ރާއްޖޭގައި 2008 ވަނަ އަހަރުގެ އިންތިހާބުން ފެށިގެން އައި ކޮންމެ އިންތިހާބެއްވެސް ކާމިޔާބުވެފައި ވަނީ ޖޭޕީއާއި ކޯލިޝަން ހަދައިގެން އައި ޕާޓީ އަކަށެވެ.