އެމްޑީޕީއަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ދާނެ ޕާޓީ ކަމަށާއި އަމިއްލަ ކުންފުނީގެ ފައިދާ ބޮޑު ކުރަން އެ ޕާޓީ ވިސްނަން ނުޖެހޭ ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފަށަން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ އެދުންތަކާއި އުއްމީދުތައް ހާސިލު ކުރުމަށް އަންނަ މަޖިލީހަށް ދާނެ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ނެތް. އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޝަރީއަތެއް ނުހިނގާ މި ޕާޓީގެ މަސްލަތު ހިމެނޭ ގޮތަކަށް އެއްވެސް ކޯޓެއްގައެއް. މި ޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް، އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިނގާ ސިޔާސީ ޕާޓީއެއް، މި ޕާޓީ ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތް، މި ޕާޓީ ކަންބޮޑުވާކަށް ނުޖެހޭ ހެޔޮ އަގުގައި މީހުން މަސައްކަތް ކުރަން ނުލިބުނީމައެއް، މި ޕާޓީ ކަންބޮޑުވަނީ އެންމެ ކުޑަ އުޖޫރަ މީހަކަށް ނުދެވޭތީވީމަ، އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވޭނީ،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އެ ހަމަލާތައް ފޮނުވާލެއްވީ ޖުމްހޫރީ ޕާޓީއަށާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް ބެލެވެ އެވެ. މަޖިލިސް އިންތިހާބާ ގުޅިގެން އެ ދެ ބޭފުޅުންގެ ހިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ފުދުންތެރިކަން އިތުރު ކޮށްދިނުމަށް މަސައްކަތް ކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެކަމަށް އެމްޑީޕީއިން އަންނަ މަޖިލީހަށް ގިނަ ކަންތައްތަކެއް ހުށަހަޅުއްވާނެކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާއި ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެލެވެންސެއް ދިނުމާއި ބޯހިޔާވެހިކަން ފޯރުކޮށް ދިނުމާއި ލުއި ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ފަދަ ގިނަ ކަންކަން ހިމެނެ އެވެ. އެމްޑީޕީއިން ވަނީ "އެޖެންޑާ 19"ގެ ނަމުގައި އެކަންކަން އާންމުކޮށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ފުދުންތެރިކަން އިތުރު ކުރުމަށް ޓެކްސް ނެގުމުގެ ކުޅަދާނަކަން ހުރީ އެމްޑީޕީގަ އެވެ. ހަރުދަނާ ޓެކްސްގެ ނިޒާމެއް ގެނެވޭނީ އެމްޑީޕީއަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވެސް އިންނަވާނެ ކަމަށާއި އެ މަޖިލިސް ވެގެން ދާނީ މުޅިން ތަފާތު މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާނެ ކަމަށާއި އެ މަޖިލީހަކީ ވައްކަންކޮށް ވޯޓު ވިއްކާ މަޖިލީހަކަށް ނުވާނެ ކަމަށެވެ.
"ލަދެއް ހަޔާތެއް ނެތި ފައިސާ ގޯނި ބެހި ކަމަށް ބުނާނެ ފުރުސަތެއް މަޖިލިސް 19 ގައި ނޯންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ރީތި ތާހިރު ދިރިއުޅުމެއް ހޯދައިދޭނީ އެމްޑީޕީއިންކަން ރައްޔިތުންނަށް އެނގޭ ކަމަށާއި ރައްޔިތުން ހަރު އަޑުން ގޮވަމުން ދަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް ކަމަށެވެ. މާ ތަނަވަސް މެޖޯރިޓީއަކުން އެމްޑީޕީއިން އަންނަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައީ އެންމެ ބޭނުމެއްގަ ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސްގެ ވައުދުތައް ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެދުންތަކާއި އުއްމީދުތައް ފުއްދަވައިދެއްވާނެ ކަމަށެވެ.