ރައީސް މުހައްމަދު ނަޝީދު

"އެޖެންޑާ 19 ކަމުނުދާ ސަބަބު ޖަމީލު ވިދާޅުވެ ދެއްވާ"

އެމްޑީޕީގެ އެޖެންޑާ 19 ގައި ޖުޑިޝަރީ އިސްލާހު ކުރަން ނިންމާފައިވާ ކަންތަށް ކަމުނުދާންވީ ސަބަބުތައް ސާފު ކޮށްދެއްވަން އެދި ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީ ކެމްޕޭންގެ ޕޯސްޓަރު ތަތް ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކު ފުޅުފައި ވިދާޅުވީ، ބައެއް ގާނޫނީ މާހިރުން އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމާނާފައިވާ ޖުޑިޝަރީ އިސްލާހުތަކުން ޖުޑިޝަރީ އިސްލާހުނެވެ އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ އެޖެންޑާ 19 ގައި އެކަންކަން ހިމަނާފައި ވަނީ ފާއިތުވި 12 ވަރަކަށް އަހަރުތެރޭ ލިބިފައިވާ ފިލާވަޅުތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ.

"މިދިޔަ 12 އަހަރު މި ޕާޓީއަށް ލިބިފައިވާ ތަޖުރިބާ އާއި އަޅުގަނދުމެންނަށް ފެނިފައިވާ ތަނާ އަޅުގަނޑުމެންނަށް ލިބިފައިވާ އަދި ކުރެވިފައިވާ ތަޖުރިބާގެ ކޮންމެ ފިލާވަޅެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިބުނަނީ މިއީއޭ އެންމެ ރަނގަޅަށް ކުރަން ހުރި ކަންތައް" ނަޝިދު ވިދާޅުވި އެވެ.

އެޖެންޑާ 19 އަކީ އެމްޑިީޕީން މަޖިލިސް ކެމްޕެނުގައި ބޭނުން ކުރަމުން އަންނަ ޝިއާރެވެ. ކުރީގެ ނައިބު ރައީސް ޖަމީލް އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ޝަރުއީ ކޯޓުތަށް އިސްލާހު ކުރުމުގެ ކަންތަކަށް ފާޑު ވިދާޅުވެ ވާހާކަ ދައްކާފައިވަނީ "އަވަސް" އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ އަވަސް ހުކުރު ގައި ނޫސްވެރިޔާ އަހުމަދު މުހައްމަދު (އޭޑީ) ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖަމީލަކީ އެމްޑީޕީ ކޯލީޝަން ހަދާފައިވާ އަދި މިހާރު އެ ކޯލިޝަން އާ ހިޔާލު ތަފާތު ވަމުންދާ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ އަކީ ގާނޫނީ ވަކީލެއްގެ އިތުރުން ރާއްޖޭގެ ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ވެސް ކުރައްވައިވާ ބޭފުޅެކެވެ. ޖަމީލަށް ރައްދު ދެއްވައި ނަޝީދު މިއަދު ވިދާޅުވީ "އެޖެންޑާ 19 ކަމު ނުދާ ސަބަބު ޑރ. ޖަމީލް ވިދާޅުވެ ދެއްވަން ޖެހޭނެ" ކަމަށެވެ.

ނަޝީދު މިއަދު ވިދާޅުވީ ކޯޓުތަކުގައި މިހާރު ތިބި ފަޑިޔާރުން މަސައްކަތް ކުރައްވަނީ ތަހުޒީބީ މުޖްތަމައެއްގައި ތިއްބަވާ ފަޑިޔާރުން މަސައްކަތް ކުރައްވ ގޮތެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ކޯޓު ތަކުގެ ފަޑިޔާރުން ގެންދަވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލު ކުރަމުން ކަމަށެވެ. އަދި ވިދާޅުވީ އެޖެންޑާ 19 ގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަށް ކޯޓުތައް ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް ބާރުގަދަ ބައެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.

"ގާނޫނީ އަސާސީން ޖާގަ އެބަދޭ ތިން ފަހަރަށް ކޮންމެ މައްސަލައެއް ބަލައި ގޮތް ނިންމަން. އެކަން އެހެން އޮއްވާ އެހެން ފަނޑިޔާރަކު އައިސް ފައިލްތައް ހިފައިގެން ގޮސް މީ ތިމަންނާއަށް ފެންނަށް ގޮތޭ ބުނުމަކީ މި ރާއްޖޭގެ ގާނޫނީ އަސާސި ބުނާގޮތެއް ވެސް ނޫން، ދަށު ކޯޓު ގައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށުމުން ހައިކޯޓުގައި ދިފާއު ވުމުގެ ފުރުސަތު އެބަ ގެއްްލޭ، މިއީ ހައްގެއް ގެއްލިގެން ދިއުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކޯޓުތަށް ވަކިން މިނިވަން މުސްތައްގިއްލު ގޮތަކަށް މަސައްކަތް ކުރާ ތަނެއް ކަމަށެވެ، ކޯޓުތަކުގައި މަސައްކަތްކުރާ ފަޑިޔާރުން ކޯޓުތަށް ހިންގަން ޖެހި ވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.