ހަބަރު

އިންޑިއާގެ ގުޅުން ވަނީ އުފުލިފައި، ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެ: ޝާހިދު

ރާއްޖެއާ އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން މިހާރު ވަރަށް ވަރުގަދަވެފައިވާ ކަމަށާއި، އެ ދަރަޖައަށް އެ ގުޅުން އުފުލިގެން ގޮސްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން އެންމެންގެ ސަލާމަތާ، ރައްކާތެރިކަމާ އަދި ކުރިއެރުން ވެސް އޮތީ ގުޅިފައިކަން ދެ ގައުމަށް ވެސް ގަބޫލުކުރެވޭ. އެހެންވީމަ މިހާރު އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމަކުން، ދެ ގައުމުގެ ގުޅުން ވަނީ ވަރުގަދަވެ މުޅީން އެހެން ދަރަޖައަކަށް އުފުލިފައި،" އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވި އެވެ.

ސްރީލަންކާގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މުޅި ސަރަހައްދު އެކުގައި މަސައްކަތް ކުރުން ކުރިއަށްވުރެ މާ ބޮޑުތަން މުހިންމުވެފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

"އެ ނުރައްކަލާ ކުރިމަތިލެވޭނީ އަޅުގަނޑުމެންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތްކޮށްގެން. ރާއްޖެއިން ޔަގީންކަންދެން އެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަން. އެކުގައި މަސައްކަތް ކޮށްފިނަމަ އަޅުގަނޑަށް ޔަގީން ޓެރަރިޒަމް ބަލި ކުރެވޭނެ ކަން،" މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ ކޯލިޝަނާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝާހިދު ވިދާޅުވީ، ކޯލިޝަން ތެރޭގައި ހިޔާލުތަފާތުވުންތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ކޯލިޝަން ސަރުކާރު ދައުރު ނިމެންދެން ދެމެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، އަޅުގަނޑުމެން [ކޯލިޝަން] އަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި، ކުރީގެ މިސްޓޭކުތައް ތަކުރާރުވިޔަ ނުދިނުމުގެ ގާބިލުކަން މިހާރު ހުންނާނެ. އެހެންވީމަ، ކުރިއަށްއޮތް ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ނިމިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކުރި 65 ގޮނޑިއާއެކު ލިބުނު ސުޕާ މެޖޯރިޓީން ކޯލިޝަން ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ އެވަނީ އެމްޑީޕީއަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ދީފައި. އެކަމަކު އެއް ޕާޓީން ވެރިކަން ކުރުމުގެ ވިސްނުމެއް ރައީސް ސޯލިހު ނުގެންގުޅުއްވާ،" މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި އެވެ.

އެގޮތުން، ރައީސް ސޯލިހުގެ އަމާޒަކީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުދިން ގޮތަށް ވެރިކަންކުރެއްވުން ކަމަށާއި، ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.