ހަބަރު

ސުނާމީ ވާހަކައާއެކު އިމްރާނާއި މާރިޔާއަށް ފުން އަސަރުތަކެއް

ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ހާދިސާ ވާހަކަތައް ވިދާޅުވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ފުން އަސަރުތަކެއްކޮށްފި އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ވަރަށް ގާތުން އެ ދުވަހުގެ ކަންކަން ދެކުނު މީހެއްގެ ހައިސިއްޔަތުން ސުނާމީ އެރި ވަގުތުގެ ބިރުވެރިކަން ހިއްސާކޮށްފަ އެވެ. އެ ވާހަކަތައް ވިދާޅުވަމުން ދިޔަ އިރު ދެތިން ފަހަރެއްގެ މަތިން ފުން އަސަރުތަކެއް ކުރުވައި، އިމްރާންއަށް ވާހަކަ މަޑު ޖެހުނެވެ. ނަމަވެސް ވަރަށް ހިތާމަ ކުރައްވަމުން ވާހަކަތައް ކުރިޔަށް ގެންދެވި އެވެ.

އިމްރާން ވިދާޅުވީ އެ ދުވަހުގެ ފަތިހުގެ އަލިވިލިގެން ދިޔައީ ހާސްކަމާއި ކަންބޮޑުވުންތަކަކާއެކުގައި ކަމަށާއި އެއީ ފަތިހު ހޭލާ ތިބި ގިނަ ބަޔަކަށް ބިން ހެލުމުގެ އިހުސާސް ކުރެވުން ކަމަށެވެ. ވެގެން އުޅޭ ގޮތް މުޅިން ސާފު ނުވަނީސް ހެނދުނު 9:20 ހާއިރު ރާއްޖޭގެ ގިނަ ސަރަހައްދެއްގެ ރަށްތަކުގައި ގުގުމާލައިގެން ދިޔައީ ބިރުވެރިކަމާއި ނާމާންކަމުގެ އަޑުތަކުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ސުނާމީގެ އަސަރު ކުރި ރަށްތަކުގެ އަހުލުވެރިންނަށް ނޫނީ ނޭނގޭ ފަދަ ބިރުވެރިކަމެއް..." ފުން އަސަރުތަކެއް ކުރައްވާ އިމްރާންގެ ވާހަކަ ހުއްޓުނެވެ.

ވާނުވާއެއް ނޭނގި ތިއްބާ ކަނޑުގެ ބިޔަ ރާޅުތައް ރަށުތެރެއަށް ވައްދާލި ކަމަށް އިމްރާން ވިދާޅުވި އެވެ. އެންމެން ރައްކާތެރިކަމާ ދިމާލަށް ދަތުރު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އިރު އަމިއްލަ ތުއްތު ދަރިފުޅުމަތިން ވެސް ހަނދާން ނެތޭ ހިސާބަށް ކަންތައް ދިޔަ ކަމަށެވެ.

"ވަރަށް ގާތުން ކަންކަން ދެކުނު މީހެއްގެ ހައިސިއްޔަތުން ބައެއް މައިންނަށް ގެންގުޅެން ޖެހޭ އެއް އަހަރުގެ ތުއްތު ދަރިފުޅުމަތިން ހަނދާންވެގެން ދިޔައީ ރާޅުގެ ކަންތައް ނިމި ބިންމަތީ ފައި ހަރުލެވުމުން، އެހާމެ ނާޒުކު ބިރުވެރި ހިތާމަވެރި ދުވަހެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ދުވަހުގެ ބިރުވެރިކަމާއި ލިބުނު ގެއްލުންތަކުން އަރަައިގަތުމަށް ބައެއް ފަރާތްތަކަށް 10 - 12 އަހަރު ނެގި ކަމަށެވެ. އަދި މިއަދާ ހަމަޔަށް ވެސް އެ ދުވަހުގެ ބައެއް ގެއްލުންތަކުން އަރައިނުގަނެވި ތިބި އެތަށް ބަޔަކު ތިބި ކަމަށް އިމްރާން ވިދާޅުވި އެވެ.

ސުނާމީގެ ހާދިސާއާ ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމަށް ބޭއްވި އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެ ދުވަހު އެކަމަނާގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. ރަށެއްގައި ހުރި މާރިޔާގެ ދޮށީ ދަރިފުޅުގެ ހާލު ބެލުމަށް އެ ދުވަަހު އުޅުން ގޮތުގެ ވާހަކަ ވިދާޅުވަމުން މާރިޔާއަށް ވެސް ވަނީ ވަރަށް ފުން އަސަރުތަކެއްކޮށްފަ އެވެ.

ސުނާމީއަށްފަހު މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ހާލުގައި ޖެހުނު ރަށްރަށުގެ މީހުންނަށް އެހީވުމަށް ގެންގުޅުނު ދީލަތިކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ. އަދި ސުނާމީއަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޖުރިބާތައް ވެސް މާރިޔާ ހިއްސާ ކުރެއްވި އެވެ.