ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފި އެވެ.
އީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، ކުރިން ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފަރާތުން އެނަން މުރާޖާ ކުރުމަށްފަހު ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފޯމްލާފައިވާ ކަމަށެވެ. އެގޮތުން މިއަދު އީސީއިން ވަނީ އެ ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްއަކީ ކޮން ބޭފުޅަކު އުފައްދަން ހުށަހެޅި ޕާޓީއެއް ކަމެއް ޝަރީފް ހާމަކޮށްފައެއް ނުވެ އެވެ.
ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި 11 ނުވަތަ 12 ސިޔާސީ ޕާޓީ ރެޖިސްޓާ ކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަދު ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ހަދަން ކުރަންޖެހޭ މަސައްކަތް ކުރުމަށް ހުއްދަ ދީފަ އެވެ. މީގެ އިތުރުން ޕީޕަލްސް އެކްޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަންވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ހުއްދަދީފަ އެވެ.
މީގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފަ އެވެ. އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއަށް މިއަދު ވަނީ އެޕާޓީގެ ރަޖިސްޓާ ހަވާލުކޮށްފަ އެވެ.